ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެސްޓީއޯ ހޯމްއިމްޕްރޫމަންޓް ބަށި މުބާރާތުގެ ފައިނަލުގެ ޖާގަތައް ހުޅުމާލޭ ވިމެންސް ސްޕޯޓްސް އާއި މައްޗަންގޮޅި އަށް ނިސްބަތްވާ ވިދުވަރުން ހޯދައިފި އެވެ.
އެ މުބާރާތުގެ ފައިނަލްގެ ޖާގަތައް ހުޅުމާލެ ވިމެންސް ސްޕޯޓްސް އާއި ވިދުވަރު ހޯދާފައި ވަނީ މިއަދު ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެގެންނެވެ.
މިއަދު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ހުޅުމާލެ ވިމެންސް ސްޕޯޓްސް ވަނީ އެންމެ ފަހުގެ ޗެމްޕިއަން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ބަލިކޮށްފައެވެ. އެ މެޗުން ހުޅުމާލެ ވިމެންސް ސްޕޯޓްސް އިން 26 ލަނޑު ހަ ބޯޅަ އިން މޮޅުވި އިރު، ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމަށް ހެދިފައި ވަނީ 24 ލަނޑު ހަ ބޯޅަ އެވެ.
ސެމީގެ ދެ ވަނަ މެޗުގައި ވިދުވަރު ވަނީ ލ. މާބައިދޫ އިސްދަރިވަރުންގެ ގުޅުމުގެ މައްޗަށް ކުރި ހޯދާފައެވެ. އެ މެޗުން 28 ލަނޑު ދެ ބޯޅަ އިން ވިދުވަރު މޮޅުވި އިރު، މާބައިދޫ ޓީމަށް ހެދިފައި ވަނީ 26 ލަނޑު 11 ބޯޅައެވެ.
އެ މުބާރާތުގެ ފައިނަލްގައި ހުޅުމާލޭ ވިމެންސް ސްޕޯޓްސް އާއި ވިދުވަރު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00ގައެވެ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި ލ. މާބައިދޫ އިސްދަރިވަރުންގެ ގުޅުން ބައްދަލުކުރާ ތިން ވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 7:00ގައެވެ.
މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެސްޓީއޯ ހޯމްއިމްޕްރޫމަންޓް ބަށި މުބާރާތުގައި މި އަހަރު 16 ޓީމެއް ވާދަކުރެ އެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމަކަށް އެލަވަންސެއްގެ ގޮތުގައި 10،000 ރުފިޔާގެ ފައިސާގެ އިނާމެއް އެސްޓީއޯ އިން ދީފައިވާ އިރު، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. މިއީ މެދުކެނޑުމެއްނެތި އެސްޓީއޯ އިން އެ މުބާރާތް ބާއްވާ ފަސް ވަނަ އަހަރެވެ.