ކްލެމެންސީ ބޯޑަށް މަޖިލިސް މެމްބަރުންގެ ތެރެއިން ޖައުފަރު އައްޔަން ކުރަން ފާސްކޮށްފި

މަޖިލިސް މެމްބަރުންގެ ތެރެއިން ކްލެމެންސީ ބޯޑަށް އައްޔަން ކުރަން ފާސްކުރި ޖައުފަރު ދާއޫދު

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެގޮތަށް ފާސްކޮށްފައި ވަނީ 69 މެމްބަރުންގެ ވޯޓާއެކުއެވެ. ޖައުފަރު ކްލެމެންސީ ބޯޑަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ހަ މެމްބަރަކު ތިއްބެވިއެވެ.

ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަންކުރަން ފާސްކޮށްފައި ވަނީ އެ ބޯޑުގެ މެމްބަރުކަމަށް މަޖިލީހުން ކުރިން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވަކިކުރުމަށްފަހުއެވެ.

ވައްޑޭ ވަކިކުރުމުގެ ގަރާރު ހުށަހެޅުއްވި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓު ބައްދަލުވުމަށް ވައްޑޭ ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ. އެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހާޒިރުނުވާ ނަމަ އެބޭފުޅަކު ވަކިކޮށް އެ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވާނެ މެމްބަރަކު ކަނޑައެޅުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ވައްޑޭ ވަކިކުރަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނާގާބިލު ވެގެން ނޫން ކަމަށާއި އޭނާ ވަކިކުރާ ހަމައެކަނި ސަބަބަކީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓު ބައްދަލުވުމަށް ހާޒިރުވެފައިނުވުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވައްޑޭ ވިދާޅުވީ ކްލެމެންސީ ބޯޑުގެ ރައީސް ކަމަށް ކަނޑައަޅާފައި ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށާއި އޭނާގެ ހާޒިރީ ބެލުން މާ އައުލާކަންބޮޑު ކަމަށެވެ.

"މާ އައުލާކަންބޮޑު ދެއްތޯ. ކްލެމެންސީ ބޯޑުގެ ރައީސެއްގެ ގޮތުގައި ބަންޑަރަ ނައިބު ކަނޑައަޅުއްވާފައި ހުރީ. ބަންޑާރަ ނައިބު ކިތައް ދުވަހު އެބަހުރިތޯ ހާޒިރުވެވަޑައިގެންފައި. ކިތައް ދުވަހުތޯ. މިއޮތްހާ ދުވަސްގެންދިޔައިރު ތިން ދުވަހު ވެސް ހާޒިރުވެފައި އޮވެއްޖެއްޔާ ރަނގަޅު،" ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ އޭނާ ކްލެމެންސީ ބޯޑުގެ މެމްބަރުކަމުން ވަކިކުރަން އުޅެނީ ހައްގު ގޮތުގައި ތެދުވެ، ހައްގުބަސް ބުނަން ފެށުމުން ހަޖަމު ނުވެގެން ކަމަށެވެ.

ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމާ ދެކޮޅަށް މީގެފަހުން އެންމެ ފުރަތަމަ ތެދުވާނީ އޭނާ ކަމަށާއި "ފްރޭމްކޮށްގެން" އޭނާ މަގާމުން ވަކިކުރަންޏާ އެކަން ކުރަންވީ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

comment ކޮމެންޓް