ކައުންސިލް އިންތިޚާބު ފަސްކުރާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ: ސުއޫދު

ގާނޫނީ ވަކީލް އަލް އުސްތާޛު ހުސްނުއްސުއޫދު -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޕީޕީއެމުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ކައުންސިލް އިންތިޚާބު ފަސްކުރަން އެދިފައިވާ ކަމަށެވެ.

ގާނޫނުގައި ބުނާ މުއްދަތަށް ބަދަލު ގެންނަފަދަ މައްސަލަތަކަކީ ދުސްތޫރީ މައްސަލަތަކެއް ކަމަށާއި އެފަދަ މައްސަލަތައް ބެލޭނީ ހަމައެކަނި މަތީ މަރުހަލާގެ ކޯޓުތަކަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ހާލަތުއް ޟަރޫރާ މަބްދައުގެ ދަށުން ފަސް ނުކުރެވޭނެ ކަމަށެވެ. ހާލަތުއެް ޟަރޫރާގެ ދަށުން މައްސަލައެއް ހުށަހެޅޭނީ އިންތިޚާބު ފަސްނުކޮށްފިނަމަ ހުރިހާ ކެންޑިޑޭޓުންނަށް އެކަމުގެ އަސަރުކުރާނެ ކަމަށް އެނާ ވިދާޅުވިއެވެ.

"ވަކި ކެންޑިޓޭޓަކަށް ނުވަތަ ވަކި ބަޔަކަށް ދިމާވި މައްސަލައެއް އެވާނީ އެމީހަކަށް ނުވަތަ އެބަޔަކަށް ދިމަވި ބަދުނަސީބަކަށް. އެންމެނަށް އެކަމެއްގެ އަސަރު ނުކުރާނަމަ ހާލަތުއްޟަރޫރާ މަބްދައުގެ ދަށުން އިންތިޚާބު ފަސް ނުކުރެވޭނެ،" ސުއޫދު ވިދާޅުވިއެވެ.

އެ މައްސަލައަށް ތަދައްޚުލްވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލަކީ ވެސް ސުއޫދުއެވެ.

ޕީޕީއެމް އިން ކުރި ދައުވާގައި ބުނެފައި ވަނީ ޕީޕީއެމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އިރު، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން މިހާރު އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތަށް ތައްޔާރުވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

ޕާޓީގެ ޑޭޓާބޭސް އާއި ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރާއި އެހެނިހެން މުހިންމު ލިޔެކިޔުންތައް ނެތް ކަމަށާއި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައިފިނަމަ ޕީޕީއެމް އަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ބާއްވައި ކައުންސިލަރުން ހުވާކުރުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.

comment ކޮމެންޓް