ޕުސްކަސް އެވޯޑަށް މެސީއާއި ނޭމާއާއެކު އަންހެން ކުޅުންތެރިޔަކާއި އޭޝިއާގެ ކުޅުންތެރިއެއް ވެސް ވާދަކުރޭ

ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސާގެ ދެ ތަރިން ކަމަށްވާ މެސީ(ކ) އަދި ނޭމާ(ވ) --- އޭޕީ ފޮޓޯ/ މަނޫ ފެނާންޑޭޒް

ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ކޮންމެ އަހަރަކު ހޮވާ ފީފާ ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިންގެ ތެރޭގައި ސްޕެއިން ޗެމްޕިއަން ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ބްރެޒިލް ތަރި ނޭމާއާ އެކު އަންހެން ކުޅުންތެރިޔަކާއި އޭޝިއާ ކުޅުންތެރިއެއް ވެސް ހިމެނިއްޖެ އެވެ.

ޕުސްކަސް އެވޯޑަށް ނޮމިނޭޓް ވާނީ އޮކްޓޯބަރު 2015 އިން އޮކްޓޯބަރު 2016ގެ ނިޔަލަށް ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލުތަކެވެ.

ޕުސްކަސް އެވޯޑަށް މެސީ ނޮމިނޭޓްވެފައި ވަނީ ކޮޕާ އެމެރިކާގައި އެމެރިކާ އާއި އާޖެންޓީނާ ކުޅުނު މެޗުގައި ޖެހި ލަނޑުންނެވެ. އެ ލިސްޓުން ނޭމާ ޖާގަ ހޯދީ މިދިޔަ ސީޒަނުގައި ވިޔަރެއާލް އާއި ބާސެލޯނާ ކުޅުނު މެޗެއްގައި އޭނާ ކާމިޔާބުކުރި ރީތި ލަނޑުންނެވެ.

ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވެނެޒުއޭލާގެ ޒުވާން އަންހެން މިޑްފީލްޑަރު ޑަނިއުސްކާ ރޮޑްރިގޭޒް ---

ވެނެޒުއޭލާގެ ޒުވާން އަންހެން މިޑްފީލްޑަރު ޑަނިއުސްކާ ރޮޑްރިގޭޒް ވެސް ލިސްޓުން ވަނީ ޖާގަ ހޯދައިފައެވެ. އޭނާގެ ލަނޑު ކާމިޔާބުކޮށްފައި ވަނީ އަންހެނުންގެ 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވެނެޒުއޭލާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗެއްގައެވެ.

ލިސްޓުން ޖާގަ ހޯދި އޭޝިއާގެ ކުޅުންތެރިޔަކީ މެލޭޝިއާ އަށް އުފަން މިޑްފީލްޑަރު ފާއިޒް ސުބްރީ އެވެ. ލިސްޓުގައި ހިމެނިފައި ވަނީ މެލޭޝިއަން ސުޕާ ލީގުގައި ޕެނަންގް އާއި ޕަހަންގް ބައްދަލުކުރި މެޗުގައި އޭނާ ޖެހި ލަނޑެކެވެ. މެލޭޝިއަން ސުޕާ ލީގަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކުރިން ކުޅެފައިވާ ލީގެކެވެ. އޭނާ އޭރު ކުޅެފައި ވަނީ ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް) އަށެވެ.

ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެލޭޝިއާ މިޑްފީލްޑަރު ފާއިޒް ސުބްރީ ---

އެ ލިސްޓުން އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގުއޭޒާއި ވޭލްސްގެ ފޯވަޑް ރޮބްސަން ކާނޫ ވެސް ޖާގަ ހޯދާފައިވެ އެވެ. އެތުލެޓިކޯ މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗެއްގައި ސައުލް ކާމިޔާބުކުރި ލަނޑު ނޮމިނޭޓްވެފައިވާ އިރު، ރޮބިންސަން ކާނޫގެ ލަނޑަކީ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ވޭލްސް މޮޅު ކޮށްދިނުމަށް އޭނާ ކާމިޔާބުކުރި ލަނޑެވެ.

ފީފާ ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިން:

މާރިއޯ ގަސްޕާ (ސްޕެއިން) – 13.11.2015، ސްޕެއިނާއި އިންގްލެންޑް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ޖެހި ލަނޑު.

ލޮމްފޯ ކެކާނާ (ސައުތު އެފްރިކާ) – 26.03.2016، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ކެމަރޫނާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

މާލޯން (ބްރެޒިލް) – 21.04.2016، ކޮޕާ ލިބަޓަޑޯރެސްގައި ކޮރިންތިއަންސް އާއި ކޮބްރެސަލް ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

ލިއޮނެލް މެސީ (އާޖެންޓީނާ) – 21.06.2016، ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި އެމެރިކާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

ނޭމާ (ބްރެޒިލް) – 08.11.2015، ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

ސައުލް ނިގުއޭޒް (ސްޕެއިން) – 27.04.2016، ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

ރޮބްސަން ކާނޫ (ވޭލްސް) – 01.07.2016، ޔޫރޯ 2016ގައި ވޭލްސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

ޑަނިއުސްކާ ރޮޑްރިގޭޒް (ވެނެޒުއޭލާ) – 14.03.2016، އަންހެނުންގެ 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވެނެޒުއޭލާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

ސައިމަން ސްކްރޭބް (ފިންލެންޑް) – 31.10.2015، ސްވިޑެންގެ އޯލްސްވެންސްކަން ލީގުގައި ގެފްލޭ އާއި އެޓްވިޑަބާގް ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

ފާއިޒް ސުބްރީ (މެލޭޝިއާ) – 16.02.2016، މެލޭޝިއާ ސުޕާ ލީގުގައި ޕެނަންގް އާއި ޕަހަންގް ބައްދަލުކުރި މެޗުގައި ޖެހި ލަނޑު.

comment ކޮމެންޓް