އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު ޓީމުން ހޯދައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީގައި މިސްކިތްމަގާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މިސްކިތްމަގު ޓީމުގެ ބުއަލީ ޖަރޮއެންސްރީ(ވ): އެ މެޗުން މޮޅުވެ މިސްކިތްމަގުން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ ވީއޭއެމް

އަލް މުދިޝް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބު ބަލިކޮށް، މިސްކިތްމަގު އެންމެންގެ ގުޅުމުން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގުން ހޯދާފައި ވަނީ އިއްޔެ ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި މޯލްޑިވިއަންގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މޯލްޑިވިއަން އަކީ ނިމިގެން ދިޔަ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު 20-25 އިން މިސްކިތްމަގުން ގެންދިޔަ އިރު، މެޗުގެ ދެ ވަނަ ސެޓު އެ ޓީމުން ގެންދިޔައީ 15-25 އިންނެވެ. އަދި މެޗުގެ ފަހު ސެޓު މިސްކިތްމަގުން ގެންގޮސްފައި ވަނީ 17-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ މިސްކިތްމަގު ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބުއަލީ ޖަރޮއެންސްރީ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭ ފައިނަލް މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ނުކުންނަން ޖެހޭނީ މިއަދު ހަވީރު ކުޅޭ ސެމީގެ ތިން ވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗުގައި ބައްދަލުކުރާނީ އިއްޔެ ހަވީރު ކުޅުނު މެޗުން ބަލިވި މޯލްޑިވިއަން އާއި ސެމީގެ ދެ ވަނަ މެޗުން މޮޅުވި ޕޮލިސް ކްލަބެވެ.

comment ކޮމެންޓް