ލީޑިން އެއާލައިންގެ އެވޯޑު ސްރީލަންކަން އާއި ފްލައިމީ އަށް!

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް--

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ލީޑިން އެއާލައިންތަކުގެ އެވޯޑުތައް ސްރީލަންކަން އެއާލައިނުންނާއި ވިލާ އެއާގެ ފްލައިމީ އިން ނަގައިފިއެވެ.

އޮޅުވެލި ރިސޯޓުގައި ރޭ ބޭއްވި އެވޯޑު ހަފްލާގައި ސްރީލަންކަން އެއާލައިނުން ހޯދީ ލީޑިން އިންޓަނޭޝަނަލް ކެރިއާގެ އެވޯޑެވެ. ފްލައިމީން ހޯދީ ލީޑިންގް ޑޮމެސްޓިކް އެއާލައިންގެ އެވޯޑެވެ.

ލީޑިންގް އިންޓަނޭޝަނަލް ކެރިއާގެ އެވޯޑު ސްރީލަންކަން އިން ނެގީ އެ ކެޓަގަރީއަށް ނޮމިނޭޓުވި އިއްތިހާދު އެއާވޭސްއާއި، މެގަމޯލްޑިވްސްއާ ވާދަކޮށްގެންނެވެ. ލީޑިންގެ ޑޮމެސްޓިކް ކެރިއާގެ އެވޯޑު ފްލައިމީ އިން ނެގި އިރު އެ ކެޓަގަރީއަށް އިތުރު އެއާލައިނެއް ނޮމިނޭޓްވެފައެއް ނުވެއެވެ.

މީގެ އިތުރުން އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ބައިން ލީޑިންގް ލޯ ކޯސްޓް ކެެރިއާގެ އެވޯޑު ލިބުނީ ފްލައި ދުބާއި އަށެވެ. ފްލައި ދުބާއީއަށް އެ އެވޯޑު ލިބުނީ، ސްރީލަންކަންގެ ދަށުން ހިންގާ މިހިން ލަންކާ އެއާލައިން އާ ވަދަކޮށްގެންނެވެ.

މި ތިން ކެޓަގަރީއަށް ވެސް އެވޯޑު އަރުވާފައި ވަނީ އޮންލައިން ވޯޓިންނާއި އެސްއެމްއެސް ވޯޓިންގެ ނަތީޖާއަށް ބަލައިގެންނެވެ.

ރޭގެ ހަފްލާގައި ލީޑިން ޑޮމެސްޓިކް ޓްރާންސްޕޯޓު ޕްރޮވައިޑާގެ އެވޯޑާއި ލީޑިން ޓްރެވަލް ވެބްސައިޓުގެ އެވޯޑު ލިބުނީ އައިކޮމް ޓުއާސް އަށެވެ.

comment ކޮމެންޓް