16 ޓީމާ އެކު އެސްޓީއޯ ހޯމްއިމްޕްރޫމަންޓް ބަށި މުބާރާތް ފަށައިފި

ހޯމް އިމްރޫމަންޓް ބަށި މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން --- ސަން ފޮޓޯ: އަފްރާހް

ބަށި ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެސްޓީއޯ ހޯމްއިމްޕްރޫމަންޓް ބަށި މުބާރާތް 16 ޓީމާއެކު މިއަދު ހަވީރު ފަށައިފި އެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތް މިއަދު ހަވީރު ރަސްމީކޮށް ފައްޓަވައި ދެއްވީ ޒުވާނުންނާ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

އެސްޓީއޯ ހޯމް އިމްރޫމަންޓް ބަށި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަފްރާހް

ކުޅިވަރު އެކުވެނި ވޮލީ ކޯޓުގައި މިއަދު ހަވީރު މުބާރާތް ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ވޭތުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ފ. ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ހުޅުމާލޭ ވިމެން ސްޓާ އެވެ. އެ މެޗު 33 ލަނޑަށް ބޯޅައިން ކާމިޔާބުކުރީ ފީއަލީ އެކުވެރިންގެ ގުޅުމެވެ. ހުޅުމާލޭ ވިމަން ސްޓާއަށް ހެދިފައިވަނީ 20 ލަނޑު 11 ބޯޅައެވެ.

އެސްޓީއޯ ހޯމް އިމްރޫމަންޓް ބަށި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ގުރޫޕް އޭ ގައި ފީއަލީ ޒުވާނުންގެ ގުޅުމާއި ހުޅުމާލޭ ވިމެން ސްޓާގެ އިތުރުން ދެން ހިމެނެނީ މައްޗަންގޮޅި ވިދާތަރި އާއި ވިދުވަރެވެ. ގުރޫޕް ބީގައި ހިމެނެނީ ރ. އިނގުރައިދޫ ކާމިޔާބު ޓީމާއި ދ. މާއެނބޫދޫ އިސްދަރިވަރުންގެ ގުޅުމާއި މަހިބަދޫ ސްޕޯޓްސް ކުލަބުގެ އިތުރުން ހުޅުމާލޭ ވިމޭން ސްޕޯޓްސްއެވެ.

އެސްޓީއޯ ހޯމް އިމްރޫމަންޓް ބަށި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަފްރާހް

ގުރޫޕް ސީ ގައި ހިމެނެނީ ލ. ގަމު މާސް އާއި ޅ. ނައިފަރުގެ ގުއޮށި އާއި ފީއަލީ އެކުވެރި ޒުވާނުންގެ ރޫހާއި ހުޅުމާލޭ ދިރުން ޓީމެވެ.

ގުރޫޕް ޑީ ގައި ހިމެނެނީ ސ. މީދޫ ބަށި ހިތްވަރު ޓީމާއި ތ. އޮމަދޫ އުޖާލާ ޓީމާއި މާފުށީ ނިއުސްޓާގެ އިތުރުން ގަލޮޅު ރަންކަނި ޓީމެވެ.

މުބާރާތުގެ ކްއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. ކްއޓާ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހު 25 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާނީ 27 ވަނަ ދުވަހު އެވެ.

comment ކޮމެންޓް