އެމްޑީއޭގެ އެމްވައިއެލް ޔޫތު ޑޭ ޗެލެންޖްގެ ޗެމްޕިއަންކަން ޓީމް ހުސްކީ އިން ހޯދައިފި

އެމްޑީއޭގެ ޔޫތު ލީގުން އިންތިޒާމްކޮށްގެން ބޭއްވި އެމްވައިއެލް ޔޫތު ޑޭ ޗެލެންޖް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމް ހުސްކީ އަށް އެމްޑީއޭގެ ނައިބު ލީޑަރު ރަފިއްޔާ ތަށި ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޑިވެލޮޕްމަންޓް އަލެޔަންސް (އެމްޑީއޭ)ގެ ޔޫތު ލީގުން އިންތިޒާމްކޮށްގެން ބޭއްވި އެމްވައިއެލް ޔޫތު ޑޭ ޗެލެންޖް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ހުސްކީ ހޯދައިފި އެވެ.

އެމްވައިއެލް ޔޫތު ޑޭ ޗެލެންޖްގެ ޗެމްޕިއަންކަން ޓީމް ހުސްކީ އިން ހޯދާފައި ވަނީ މާފަންނު ސްޓޭޑިއަމް ޓާފް ދެ ނަންބަރު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފިލާނޯ އަތުން މޮޅުވެގެންނެވެ.

އެމްޑީއޭގެ ޔޫތު ލީގުން އިންތިޒާމްކޮށްގެން ބޭއްވި އެމްވައިއެލް ޔޫތު ޑޭ ޗެލެންޖް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމް ހުސްކީ އަށް އެމްޑީއޭގެ ނައިބު ލީޑަރު ރަފިއްޔާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ފިލާނޯގެ މައްޗަށް ޓީމް ހުސްކީ އިން ކުރި ހޯދީ 4-2 ލަނޑުންނެވެ.

އެ މެޗަށްފަހު ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. ޗެމްޕިއަންކަން ހޯދި ޓީމް ހުސްކީއަށް ވާދައިގެ ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބިފައި ވަނީ 10،000 ރުފިޔާ އެވެ.

އެމްޑީއޭގެ ޔޫތު ލީގުން އިންތިޒާމްކޮށްގެން ބޭއްވި އެމްވައިއެލް ޔޫތު ޑޭ ޗެލެންޖް ފުޓްސަލް މުބާރާތުގެ ރަނަރަޕްކަން ހޯދި ފިލާނޯ އަށް އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް އިސްމާއިލް ސައީދު ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުބާރާތުގެ ރަނަރަޕް މަގާމު ހޯދި ފިލާނޯއަށް މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް އިސްމާއިލް ސައީދެވެ. ފިލާނޯ އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބިފައި ވަނީ 5،000 ރުފިޔާ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ ޓީމް ހުސްކީގެ އަލީ ޝިފާއު އެވެ.

އިއްޔެ ހެނދުނުން ފެށިގެން ކުރިއަށްދިޔަ އެ މުބާރާތުގައި ޖުމްލަ 24 ޓީމެއް ވާދަކުރި އިރު، މުބާރާތް ކުރިއަށް ގޮސްފައި ވަނީ ނޮކްއައުޓް އުސޫލުންނެވެ.

comment ކޮމެންޓް