ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރާ ގަރާރު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި

ޕީޕީއެމް މައުމޫނު ފެކްޝަންގެ ޕްރެސް

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އައްޔަނުކޮށްފައިވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަކިކުރުމަށް އެދި މަޖިލީހަށް ޕީޕީއެމްގެ ފަރާތުން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަނެ، އެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ

މި ގަރާރު ބަލައިގަތުމަށް ފާސްކުރީ، މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 43 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ 25 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު ހުންނެވިއެވެ.

ޕީޕީއެމްގެ ފަރާތުން މި ގަރާރު ހުށަހެޅީ އިއްޔެ ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕު (ޕީޖީ)ގެ ބައްދަލުވުމަކުން ނިންމި ނިންމުމަކުން ކަމަށް އެޕާޓީގެ ޕީޖީން ބުނެއެވެ.

ގަރާރު ހުށަހަޅުއްވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓު ބައްދަލުވުމަށް ވައްޑޭ ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ. އެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހާޒިރުނުވާ ނަމަ އެބޭފުޅަކު ވަކިކޮށް އެ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވާނެ މެމްބަރަކު ކަނޑައެޅުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އާރިފް ވިދާޅުވީ ވައްޑޭ ވަކިކުރަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނާގާބިލު ވެގެން ނޫން ކަމަށާއި އޭނާ ވަކިކުރާ ހަމައެކަނި ސަބަބަކީ ކްލެމެންސީ ބޯޑުގެ 67 ޕަސެންޓު ބައްދަލުވުމަށް ހާޒިރުވެފައިނުވުން ކަމަށެވެ.

ގަރާރަށް ބަހުސްކުރެއްވި ޕީޕީއެމްގެ މެމްބަރުން ވެސް ވަނީ، ވަހީދުގެ ގާބިލިއްޔަތުކަމާ މެދު ސުވާލު ނުއުފެދޭ ކަމަށާއި، ނަމަވެސް މައްސަލައަކީ އޭނާގެ ހާޒިރީ ކަމަށް ވިދާޅުވެފައެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން ވައްޑޭ ވިދާޅުވީ ކްލެމެންސީ ބޯޑުގެ ރައީސް ކަމަށް ކަނޑައަޅާފައި ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށާއި އޭނާގެ ހާޒިރީ ބެލުން މާ އައުލާކަންބޮޑު ކަމަށެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޚިޔާލު ތަފާތުވެ، ޕާޓީގެ ރައީސް މައުމޫނަށް ނިސްބަތްވާ ފެކްޝަނަކާއި ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނަށް ނިސްބަތްވާ ފެކްޝަނެއް އުފެދިފައިވާ އިރު، ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދަކީ ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސެވެ.

comment ކޮމެންޓް