ފުލުހުންނާއި ސިފައިން ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި ސިފައިންނާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އިއްޔެ ކުޅުނު މެޗުން ސްޕޯޓްސް ކްލަބު ސިޓީ އަތުން ސިފައިން މޮޅުވި އިރު، ގުޑީސް އަތުން ފުލުހުން ވަނީ މޮޅުވެފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ވޮލީބޯޅަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ރަނަރަޕް ދިވެހި ސިފައިންގެ ކްލަބު ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ފުލުހުން މޮޅުވެފައި ވަނީ ސްޕޯޓްސް ކްލަބު ގުޑީސް އަތުންނެވެ. އަދި ސިފައިން މޮޅުވެފައި ވަނީ ސްޕޯޓްސް ކްލަބު ސިޓީ އަތުންނެވެ.

އިއްޔެ ފުލުހުން ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބު ގުޑީސްގެ މައްޗަށް ކުރި ހޯދާފައި ވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ފުލުހުން 25-8، 25-13 އަދި 25-9 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިސް ކްލަބުގެ މުބާޝިރް ރަޒާ އެވެ.

އެ މުބާރާތުގައި އިއްޔެ ސްޕޯޓްސް ކްލަބު ސިޓީ އަތުން ސިފައިން ވެސް މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ސިފައިން ގެންގޮސްފައި ވަނީ 25-15، 28-26 އަދި 25-20 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ސިފައިންގެ އާދަމް ނަސީމެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލުކޮށްފައި ވަނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މޯލްޑިވިއަން އެވެ. އެ ޓީމުން ސެޓުތައް ގެންގޮސްފައި ވަނީ 25-10، 25-21 އަދި 25-20 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

އެ މުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން ޑިވިޝަނުގެ ދެ މެޗެކެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުމާއި ކްލަބު ޕޯލް ސްޓާ ބައްދަލުކުރާ އިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ފުވައްމުލައް ޔޫތު ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އެފްވައިއެސްޑީއޭ) އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަ ޓީމެއް ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ވާދަކުރެ އެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަަކީ ސްޕޯޓްސް ކްލަބު ސިޓީ، ޕޮލިސް ކްލަބު، ގުޑީސް ސްޕޯޓްސް ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ދިވެހި ސިފައިންގެ ކްލަބު އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، މިސްކިތްމަގު އެންމެންގެ ގުޅުން، ޕޮލިސް ކްލަބު، ކްލަބު ޕޯލް ސްޓާ އަދި ފުވައްމުލައް ޔޫތު ސްޕޯޓްސް ޑިވެލޮޕްމަންޓް (އެފްވައިއެސްޑީ) އެވެ.

މި މަހުގެ 18 ވަނަ ދުވަހު ލީގު ނިމުމާ އެކު ގައުމީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަން ފަށާނެ އެވެ. ގައުމީ މުބާރާތަށް ހޮވޭނީ ދެ ޑިވިޝަނުން ވެސް އެންމެ ކުރި ހޯދާ ހަތަރު ޓިމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ.

comment ކޮމެންޓް