ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވާން އިތުރު މަސައްކަތް ކުރަންޖެހޭ: ދުންޔާ

ދުންޔާ މައުމޫން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާ އިރު، އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އިމާދުއްދީން ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޖުވެލް ސެންޓަރުގައި ކިޔަވާ އަހްމަދު ނަބީހު ރިކޯޑުކޮށްފައިވާ މަދަހަތަކެއް ހިމެނޭ "ރިޙްލަތީ: އަހަރެންގެ ދަތުރު" އަލްމަބް ލޯންޗުކުރުމަށް ރޭ މޫކައި ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، ދުންޔާ ވިދާޅުވީ މުޖުތަމައުގައި އެންމެ ނާޒުކު މީހުންނަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަމަށެވެ.

ދުންޔާ ވިދާޅުވީ، އޯޓިސްޓިކް ކުދިންނަކީ މުޖުތަމައުގައި ވަކި ގޮތަކަށް ލޭބަލް ކުރަމުން އަންނަ ކުދިންތަކެއް ކަމަށާއި، އެކަމުގެ ސަބަބަކީ އެކުދިންނާ މެދު މުޖުތަމައުގެ ހޭލުންތެރިކަން ކުޑަވުން ކަމަށެވެ.

ނޮވެމްބަރ 3، 2016: ނަބީހުގެ "އަހަރެންގެ ދަތުރު" މަދަހަ އަލްބަމް ލޯންޗުކުރުމަށް މޫކައި ހޮޓަލްގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެމްބަރ 3، 2016: ނަބީހުގެ "އަހަރެންގެ ދަތުރު" މަދަހަ އަލްބަމް ލޯންޗުކުރުމަށް މޫކައި ހޮޓަލްގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިކަންކަން ރަނގަޅުކުރަން އެބަ ޖެހޭ. ހޭޅުންތެރިކަން އިތުރުކުރަން ޖެހޭ. އެކުދިންނަކީ ވެސް ވަރަށް ޚާއްސަ ކުދިންތަކެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ،" ނަބީހުގެ މަދަހަ ކިޔުމާޢި ޤުރުއާން ކިޔެވުމުގެ ހުނަރަށް އިޝާރާތް ކުރައްވަމުން ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އޯޓިސްޓިކް ކުދިން އަދަދުން ގިނަ ވަމުންދާ އިރު، އެފަދަ ކުދިންނަށް ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް އެހީތެރިކަން ދެމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް، މިކަމުގައި އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. ސަރުކާޜު އެކަންޏެއް ނޫން، ސަރުކާރުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުންނާއި އަމިއްލަ ފަރުދުންވެސް، އިތުރަށް ކުރެވޭނެ މަސައްކަތްތައް ބަލައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ. ޚާއްސަކޮށް ސަރުކާރަށް ގޮވާލަން، މިހާރު އޮތް ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ސްކޫލް ސިސްޓަމާއި ހެލްތު ސިސްޓަމުގެ ތެރެއިން މިހާރު ހުރި މަސައްކަތްތައް ހަރުދަނާކުރައްވަން،" ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އާއިލާތަކާއި މައިންބަފައިންނަކީ ވަރަށް ބުރަތަކެއް އުފުލައިގެން ވިޔަސް، ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ގާއިމުކޮށްދޭން މަސައްކަތް ކުރާ ބައެއް ކަމަށާއި، އެ މައިންބަފައިންނަށް ލިބެންޖެހޭ ހިތްވަރު ނުލިބޭ ނަމަ އެމީހުންނަކީ ވަރަށް އެކަނިވެރި ގޮތެއްގައި ބުރަތަކެއް އުފުލާނެ ބައެއް ކަމަށެވެ.

ނޮވެމްބަރ 3، 2016: ނަބީހުގެ "އަހަރެންގެ ދަތުރު" މަދަހަ އަލްބަމް ލޯންޗުކުރުމަށް މޫކައި ހޮޓަލްގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންވެ، މުޅި މުޖުތަމައުގެ ހޭލުންތެރިކަން އިތުުރކޮށް، އެކަކު އަނެކަކަށް ބާއްވާ އަޅާލުމާއި އިހުތިރާމް އިތުރުކޮށް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރިަޕީ، ސްކިލްސް ނުވަތަ ސަޕޯޓު އިތުރަށް ހަރުދަނާ ކޮށްދޭންޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

ރޭ ބޭއްވި ހަފްލާގައި، ނަބީހުގެ އާއިލާއާއި ގާތް މީހުންގެ އިތުރުން އޭނާގެ ބައެއް މުދައްރިސުންވެސް ބައިވެރިވެފައިވެއެވެ.

ނަބީހުގެ މަދަހަ ސީޑީ ނެރުނީ ދަ މައުމޫން ފައުންޑޭޝަނާއި، މޯލްޑިވިއަން އައިޑަލްގެ ރަނަރއަޕް ޝަލަބީ އިބްރާހީމާއި ޑރ. ފަރުޒާނާގެ އެހީތެރިކަމާ އެކުގައެވެ.

comment ކޮމެންޓް