އަލްހާފިޒް އަހްމަދު ނަބީހު ނޭނގޭ މީހަކު މިއަދު ރާއްޖޭގައި މަދުވާނެއެވެ. ސިވިއާ އޯޓިޒަމްގެ ސަބަބުން ސާފުވާނޭހެން ރީއްޗަށް ވާހަކަ ދައްކަން ނޭނގުނު ނަމަވެސް އޭނާ މުޅި ގައުމު ފަހުރުވެރި ކޮށްދީފިއެވެ.
ދުބާއީ އިންޓަނޭޝަނަލް ހޮލީ ގުރުއާން ކޮމްޕެޓިޝަންގެ ފައިނަލް ރައުންޑުގައި އޭނާ ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.
ނަބީހުގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ ވަރުގަދަ ހީރޯއެކެެވެ. ނަބީހުގެ މަންމަ އައިމިނަތު މުހައްމަދު (އައިންތު)އެވެ.
އެއީ ނުގުޑާފަދަ އަޒުމެއްގައި މަސައްކަތްކުރި ފަހުލަވާނެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައިންނަށް ނަމޫނާއެކެވެ. ނަބީހު ހާފިޒަކަށް ހަދަން ކުރި މަސައްކަތުގައި ދައްޗާއި ތުރާ އޭނާއަށް ކުރިމަތިވިއެވެ. ވޭނާއި ކެކުޅުން ތަހައްމަލުކުރިއެވެ.
އެކަމަކު އޭނާ ހުއްޓައެއް ނުލިއެވެ. އެކަން އޭނާ ކާމިޔާބު ކުރީ އުފާވެރިކަމުގެ ކަރުނައާއެކުއެވެ.
ނަބީހަކީ އޯޓިޒަމް ކުއްޖެއްކަން އެނގުން!
ނަބީހަކީ އަބްދުލްގާދިރު ގާސިމާއި އައިމިނަތު މުހައްމަދަށް ލިބުނު ތިންވަނަ ދަރިފުޅެވެ. ދަރިފުޅުގެ ފަރާތުން މާ ބޮޑު ތަފާތުކަމެއް އެންމެ ފުރަތަމަ އެ ދެމަފިރިންނަކަށް ފާހަގައެއް ނުކުރެވުނެވެ.
ނަބީހުގެ ވާހަކަ ކިޔައިދޭން ފަށަމުން، އައިންތު ބުނީ ތިން މަސްވުމުން ކޮންމެވެސް ވަރަކަށް ތަފާތެއް ހުންނަކަން ފާހަގަކުރެވެން ފެށި ކަމަށެވެ.
"ހަތަރުކަޅި ހަމަ ނުކުރުމާ، އެއްވެސް ވަރަކަށް މީހަކަށް އަޅާ ނުލުމާ. ދެން ރުޅި އައީމަ ހަ މަސް ހަތްމަސް ވެގެން އައި އިރުގައި ވެސް ބިންމަތީގައި ބޯ ތަޅާނީ ރުޅި އައީމަ،" އައިންތު ކިޔައިދިނެވެ.
"ދެން އެނގޭ ތަފާތު ކުއްޖެއްކަން، އެކަމަކު އެއްވެސް ވަރަަކަށް ކޮންކަހަލަ ކުއްޖެއް ކަމެއް ނޭނގޭ،"
ވަނީ ކީއްކަމެއް އޭރު އެ ދެމަފިރިންނަކަށް ނޭނގެއެވެ. އެގޮތުގައި އުޅެމުން އައިސް، އެއްދުވަހަކު ނަބީހު އޭނާގެ ބައްޕައާއެކު ދުއްވާލަން ދިޔަ ވާހަކައެއް އައިންތު ކިޔައިދިނެވެ.
އެންމެ ކުޑައިރުއްސުރެ ވެސް، މިސްކިތެއް ފެނިއްޖެނަމަ އަރަން އޭނާ ބޭނުންވެއެވެ. ވާހަކަ ނުދެއްކުނަސް، ސައިކަލުގެ މުއްގަނޑު އެ ދިމާލަށް ނަބީހު އަނބުރާނެއެވެ.
އެގޮތަށް އެ ދުވަހު މިސްކިތަކަށް ކައިރިކުރުމުން ނަބީހު އުޅުނީ އަވަހަށް ފައިބައިގެން ދާށެވެ. އެކަމަކު ބައްޕަ އޭނާ ހިފެހެއްޓިއެވެ.
"ހިފެހެއްޓީމަ ކުޑަކަޅުވާ ޖެހުނީ ސައިލެންސަރުގައި. ދެން ވަރަށް ބޮޑުތަން، ގާތްގަނޑަކަށް ދެތިން ސެންޓިމީޓަރަށް ފިހުނީ ވައްކޮށް. ފިހުނީމަ ވެސް ނުރޮއޭ އެއްވެސް ވަރަކަށް،" އައިންތު ކިޔައިިދިނެވެ.
ފައި ފިހުމުން، އަވަހަށް ދިޔައީ އޭޑީކޭއަށެވެ. ގޮސް ބޭސް އެޅިއިރު ވެސް، ނަބީހު އިނީ ހަމަޖެހިލައިފައެވެ. ނުރޮއެެވެ. އެކަމަކު އޭރަކު ވެސް މި ވަނީ ކިހިނެއްކަމެއް ނޭނގެއެވެ.
ޖެހިގެން އަދި ދުވަހު ނަބީހު ދެއްކީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަބްދުﷲ އަފީފަށެވެ. އަފީފް ވިދާޅުވީ ނަބީހަކީ އޯޓިޒަމް ކުއްޖެއް ކަމަށެވެ.
"މުލިއާގޭން ދޭނެއޭ އެހީ. ދާށޭ ބޭރަށް ގޮސް ދަރިފުޅު ދައްކަން. ދެން އެހީ ލިބުނީމަ އަޅުގަނޑުމެން ދިޔައީ އިންޑިއާއަށް. ގޮއްސަ ދެއްކީމަ އެ ބޭފުޅުން ވެސް ވިދާޅުވީ އޯޓިޒަމް ކުއްޖެކޭ،" އައިންތު ކިޔައިދިނެވެ.
ނަބީހު ސުކޫލަށް، ފުރަތަމަ އަހުމަދިއްޔާއަށް!
އެއީ މީގެ އަހަރުތަކެއް ކުރިއެވެ. މިހާރު އޯޓިޒަމް ކުދިންގެ ކަންކަމުގައި މުޖުތަމައު ހޭލުންތެރިވިޔަސް، އޭރު އެކަން އޮތީ އެހެނެއް ނޫނެވެ.
އެންމެ ފުރަތަމަ ނަބީހު ޕްރީ ސްކޫލަށް ވެއްދީ އަހުމަދިއްޔާއަށެވެ. އެކަމަކު އެތަނުގެ ޓީޗަރުންނަކަށް ވެސް އޭރު ނަބީހުގެ މިޒާޖު ދެނެގަންނާކަށް ނޭނގުނެވެ.
"ދަރިފުޅު މިހެން ބައްދާފަ ވަސްބަލާފަ މިހެން ކަންތައް ކުރާތީ ވެސް، އެ ބޭފުޅުންނަކަށް ވެސް ނޭނގެ އަސްލު ކޮންކަހަލަ ކުއްޖެއް ކަމެއް މިއީކީ. އެ ބޭފުޅުން ވެސް ވިދާޅުވީ މިއީ މަންމަން ކުއްޖެކޭ. އެހެންވީމަ މި ކުއްޖާ ގެންދާށޭ ޖަމާލުއްދީންގެ މަންމަން ކުލާހަށް،" އައިންތު ކިޔައިދިނެވެ.
އެ ހިސާބުން ނަބީހު ބަދަލުކުރީ ޖަމާލުއްދީނުގެ މަންމަން ކުލާހަށެވެ. އެ ކުލާހުގައި ނަބީހު ތައުލީމު ހާސިލުކުރި ފޮޓޯތައް މިއަދު ވެސް އޭނާގެ އަތުގައި އެބަހުއްޓެވެ.
އެހެން ނަމަވެސް އެތަނުގައި ގެންގުޅޭތާ ތިންމަސްފަހުން، ޖަމާލުއްދީންގެ ސައިން ލެންގުއޭޖް ޓީޗަރުން ބުނީ އެއީ މަންމަން ކުއްޖެއް ނޫން ކަމަށެވެ. ނަބީހު އަހުމަދިއްޔާއަށް އަނބުރާ ބަދަލު ކުރުމަށެވެ.
އަނެއްކާ އަހުމަދިއްޔާއަށް ބަދަލުކުރީއެވެ. އެކަމަކު އެ ތަނުގައި ދުވަސްކޮޅެއް ވީ ތަނާ މި ފަހަރު އެދުނީ ގަލޮޅު މަދަރުސާއަށް ބަދަލުކުރުމަށެވެ. ގިނަ ދުވަހު ޕްރީސްކޫލް ހިންގި ބަޔަކަށް ވާތީ ތަޖުރިބާ ހުންނާނެތީއެވެ.
"ދެން ގޮއްސަ އެތަނުގެ ޕްރިންސިޕަލާ އަޅުގަނޑު ބައްދަލުކުރީ. ބައްދަލުކުރީމަ އެ ބޭފުޅާ ވިދާޅުވީ މިކަހަލަ ކުއްޖެއް ވީމަ ޖެހޭނީ ޝެޑޯ ޓީޗަރަކާ އެއްކޮށްނޭ ގެންގުޅެން. ތިމަންނަމެންނަކަށް ވެސް ނުކެރޭނެއޭ އެެގޮތަށް ޒިންމާވާކަށް،" އައިންތު ކިޔައިދިނެވެ.
އެކަމަކު އައިންތުމެންގެ އަތުގައި އެހާ ތަނަވަސްކަމެއް ނެތެވެ. އެހެންކަމުން ވަކިން ޓީޗަރަކަށް މުސާރައެއް ނުދެވުނެވެ.
"ހުރިހާ ކުދިން ވެސް ކުޑަ. މާލޭގައި ކުއްޔަށް އުޅެނީ. ފިރިމީހާ ކުރާ މަސައްކަތް އެކަނި. ދެން ކިހިނެއްތޯ މުސާރަ ދޭނީ ޓީޗަރަކަށް،" އައިންތު ކިޔައިދިނެވެ.
ގޮތް ހުސްވެ، އަނެއްކާ ވެސް އައިންތު ދިޔައީ އެނބުރި އަހުމަދިއްޔާއަށެވެ. އެ ހިޔާވަހިން އޭނާގެ ދަރިފުޅަށް ޖާގައެއް ލިބޭތޯއެވެ. ނަސީބު ރަނގަޅެވެ. ނަބީހު އެ ސުކޫލުގައި ބަހައްޓަން އެއްބަސްވިއެވެ.
"މި އުޅެނީ އަދި ޕްރީސްކޫލް ނުނިމިގެން، ޔޫކޭޖީ އެލްކޭޖީ،" އައިންތު ބުނެލިއެވެ.
ޕްރީސުކޫލުގައި އެކަނި ވެސް އައިންތު އުފުލީ އެތައް ބުރައެކެވެ. އޭނާއަށް ޖެހުނީ އެއްތަނުން އަނެއް ތަނަށް ދުވާށެވެ. އެކަމަކު، ހުއްޓައެއް ނުލައެވެ.
ސުކޫލުގައި ނަބީހު ބާކީވި!
އޭރު އެ އާއިލާ ދިރިއުޅުނީ ކެނެރީގޭ ކައިރީގައެވެ. ޕްރީ ސްކޫލު ނިމުމުން ނަބީހު ބަދަލުކުރީ އިސްކަންދަރު ސުކޫލަށެވެ. އޭނާގެ އާއިލާގެ އެހެން ކުދިން ވެސް އުޅެނީ އެ ސުކޫލުގައެވެ. ނަބީހު އިސްކަންދަރު ސުކޫލަށް ލުމުން އައިންތު ވެސް ވަރަށް އުފާވިއެވެ.
ސުކޫލަށް ދިއުމުގެ ތައްޔާރީތައް ވެސް ދިޔައީ އުފަލާއެކުގައެވެ. ދިރާސީ އަހަރު ފެށުނު ދުވަހު ނަބީހު ގޮވައިގެން އައިންތު ސުކޫލަށް ދިޔައީ ހިނިތުންވަމުންނެވެ.
ނަބީހު ސުކޫލަށް ލައިފައި އައިންތު އަވަހަށް ދިޔައީ ގެއަށެވެ. ގެއަށް ގޮސް، އެ މީހުން އުޅޭ ހަތަރުވަނަ ބުރިއަށް އަރާ ފެން ތައްޓެއް ބޮއެނުލެވެއެވެ. ސުކޫލުން ގުޅައިފިއެވެ.
"ގުޅާފަ ވިދާޅުވެއްޖެ ނަބީހު މަންމަ ހެއްޔޭ، ވަރަށް އަވަހަށް އައިސްބަލާށޭ ސުކޫލަށް. ދެން ލައިފައި އައި އިރު ވެސް މި ހުންނަނީ މޭގަނޑު ތެޅިތެޅި،" އައިންތު ކިޔައިދިނެވެ.
ސުކޫލަށް ދިޔައިރުގައި ނަބީހުގެ ޓީޗަރު ހުއްޓެވެ. އައިންތު ދިއުމުން، ޓީޗަރު ބުނީ އޭނާ ދާހިއްލާ މުޅިން ފޯވެއްޖެ ކަމަށެވެ.
"އެއްސިޑިން އަރާ އަނެއް ސިޑިން އަރާ، އެއް ކުލާހަށް ވަދެ އަނެއް ކުލާހަށް ވަދެ އުޅޭ ކުއްޖެކޭ މިއީ. ކިހިނެއްހޭ މިކަހަލަ ސުކޫލެއްގައި މިހެން ގެންގުޅޭނީ،" ޓީޗަރު އައިންތުއާ ދިމާއަށް އެ ދުވަހު ބުނީ މިހެންނެވެ.
ނަބީހުއާއި އައިންތު ގެންދެވުނީ އޮފީހަށެވެ. އޮފީހަށް ގެންދިއުމަށްފަހު އެ ދުވަހުން އެ ދުވަހަށް ނަބީހު ސުކޫލުން ކަނޑާލިއެވެ. އެއީ އައިންތު ވަރަށް ދެރަވި ދުވަހެކެވެ.
ޕްރީސުކޫލުގައި އެއްތަނުން އަނެއް ތަނަށް ދުވަން ޖެހުމުން ވެސް އޭނާ ނުރޮއެ ހިތްވަރު ކުރިއެވެ. އެކަމަކު، ފުރަތަމަ ދުވަހު ސުކޫލުން ކަނޑާލުމުން އައިންތުގެ ހިތަކަށް ކެތެއް ނުވިއެވެ. އޭނާއަށް އެތާހުރެ ރޮވެން ފެށީއެވެ.
"އެ ދުވަހު ގަޑިއެއްހާއިރު ރޮވުނު. ހިތަށް އެރީ ދެން ކޮންތާކަށް ހޭ ދާނީ ދޯ. މި ކުއްޖާ ދެންވާނީ ކިހިނެއްހޭ. އަޅުގަނޑަށް ވެސް އޯޓިސްޓިކޭ ބުންޏަކަށް ނޭނގެ އޭރަކު މާ ބޮޑަކަށް ވާނުވާއެއް،" އައިންތު ކިޔައިދިނެވެ.
އެ ވަގުތު އެތަނަށް ޖަމާލުއްދީން ސުކޫލުގެ ޕްރިންސިޕަލް ވަޑައިގަތެވެ. އެއީ ކޮންމެވެސް ކަމެއްގައި އޭނާ އެ ސުކޫލަށް ޒިޔާރާތް ކުރި ވަގުތެކެވެ.
އެ ވަގުތު ވެސް އައިންތު އިނީ ރޯށެވެ. އައިންތު ރޯން އިނުމުން އޭނާ އައިންތުގެ އަތުގައި ހިފައި، އައިންތު ރޮނީ ކީއްވެތޯ ސުވާލުކުރިއެވެ.
"އަޅުގަނޑަކަށް ނުއެއް ބުނެވުނު އެ ވަގުތަކު. ދެން ޖަމީލާ މެޑަމް ވިދާޅުވީ ނުރޯށޭ، މިކަހަލަ ކުދިންނަށް ހާއްސަ ސުކޫލެއް އިންނާނީ އިމާދުއްދީނުގައޭ. އެތަނަށް ދާށޭ،" އައިންތު ކިޔައިދިނެވެ.
އަވަހަށް އައިންތު ނަބީހު ލީ އިމާދުއްދީން ސުކޫލުގެ ޖުވެލް ސެންޓަރަށެވެ. އެއީ އެކި ކުލަކުލައިން ޖަރީވެފައިވާ ޖުވެލްތަކެއް އުޅޭ ސުކޫލެކެވެ. އެ ޖުވެލްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ނަބީހު އެ އުޅެނީ އެ ސުކޫލުގައެވެ. މިހާރު ހުރީ ނިމެން ކައިރިވެފައެވެ.
ކުޑައިރުއްސުރެ ވެސް ޝައުގުވެރިކަން ގުރުއާނަށް!
"ނަބީ އެންމެ ކުޑަކުޑައިރު ވެސް ގުރުއާނަށް ވަރަށް ޝައުގުވެރިކަން ހުރޭ،" އައިންތު ކިޔައިދޭން ފެށިއެވެ.
ހަނދާންތައް އައުކުރަމުން އައިންތު ބުނީ ނަބީހު އެންމެ ކުޑައިރު ވެސް ޓީވީން ޤުރުއާން އަންނަ ގަޑިއަށް ދުވެފައި އައިސް ބަލަން ހުންނާނެ ކަމަށެވެ. ބަންގި ގޮވަން ފެށުމުން ވެސް އައިސް ބަލަން ހުންނާނެއެވެ.
އެ ހިސާބުން ވެސް ނަބީހު ގުރުއާނަށް ވަރަށް ޝައުގުވެރިވާކަން އައިންތުއަށް ނަގައިގަނެވުނެވެ.
"ދެން އެއްދުވަހަކު ކުޑަކުދިންގެ ޑޮކްޓަރު ނިޔާފްއަށް މި ދެއްކީ ދަރިފުޅު. ދެއްކި ދުވަހަކު ނަބީހުގެ ވާހަކަ އަހާލީ ޑޮކްޓަރު. އެއްވެސް ކަހަލަ ކަމަކަށް ޝައުގުވެރިކަން ހުންނަކަން ފާހަގަވޭ ހެއްޔޭ،"
އައިންތު ޑޮކްޓަރު ގާތުގައި ނަބީހު ގުރުއާނަށް ޝައުގުވެރިކަން ހުންނަ ވާހަކަ ހިއްސާކުރިއެވެ. ނަބީހުގެ ގާތަށް އަންނަ ރުޅިގަނޑު ވެސް ގުރުއާން ޖެހުމުން މައިތިރިވެއެވެ. ނުކާން އުޅެފައި ކަނީ ވެސް ގުރުއާން ޖެހީމައެވެ.
އެ ދުވަހު އައިންތު ގާތު ނިޔާފް ވިދާޅުވީ އުންމީދީ ވާހަކައެކެވެ. އޯޓިޒަމް ކުދިން، އެ ކުއްޖެއްގެ ހުނަރު ހުރި ކަމަކުން ކުރިއަރުވަން އުޅެފިނަމަ، އިނގިލިން ގުނާލެވޭހާ މަދު މީހުން ތެރޭގައި ހިމޭނެއޭ ވިދާޅުވިއެވެ. އޭގެ ފަހުން އެ ވާހަކަ އަބަދުވެސް އޭނާގެ ބޮލުގައި އެނބުރެއެވެ.
ގުރުއާން ކްލާސްތަކަށް، އެކަމަކު އަނެއްކާ ބާކީ!
"ދެން ގެންދަން ފެށީ ގުރުއާން ކްލާސްތަކަށް، އެކަމަކު ވެސް ބަލައެއް ނުގަނޭ،" ނަބީހު ގުރުއާން ކުލާސްތަކަށް ގެންދަން ފެށި ވާހަކަ އައިންތު ކިޔައިދިނެވެ.
ގިނަ ގުރުއާން ކުލާސްތަކުގައި ވަނީ އެންމެ ދުވަހަކެވެ. ޖެހިގެން އަންނަ ދުވަހު ނަބީހު ނުގެންނާށޭ ބުނެއެވެ.
އެތަނުގައި ހުންނަ އެއްޗެހީގައި އަތްލާތީއެވެ. އެހެން މީހުންނަށް އުނދަގޫ ކުރާތީއެވެ.
"ދެން ދެރަވާނެ ދެއްތޯ. އަނެއް ދެކުދިން އެބަ ކިޔަވާ ހެސްކިޔާފަ. މި ކުއްޖާ މި އުޅެނީ އެއްވެސް ތަނަކުން ބަލައިނުގަނެގެން،" އައިންތު ކިޔައިިދިނެވެ.
ނަބީހު ގޮވައިގެން އައިންތު ފަތަމުންދިޔަ ކަނޑުގެ އޮޔެ މަޑެއް ނުވެއެވެ. ވަނީ ގަދައެވެ. އެހެން ނަމަވެސް، އައިންތު ހިތްވަރު އެލުވައެއް ނުލައެވެ.
އެ ހިސާބުން ނަބީހު ލީ ޞަލާހުއްދީން މިސްކިތުގައި އޮންނަ ގުރުއާން ކުލާހަށެވެ. ނަބީހުއަކީ ކުޑަ ކުއްޖަކަށް ވާތީ، އޭނާ އިންނަނީ ފިލި ކުލާހުގައެވެ. އެހެން ނަމަވެސް، މިސްކިތުގެ މަތީ ބުރީގައި ސޫރަތް ކިޔަވާ އަޑު އިވޭތީ އޭނާ ބޭނުންވީ އެތަނަށް ދާށެވެ.
މިސްކިތަށް ނަބީހު ލައިފައި ޓީޗަރަށް ނަންބަރު ދިނުމަށްފަހު އައިންތު އިންނަނީ އެންސީ ޕާކު ތެރޭގައެވެ. ނަބީހުގެ މިޒާހާއި އޭނާގެ ސިޔާސަކަން އެނގެނީ އައިންތުއަށެވެ.
"އެހެން އިންދާ އެއް ދުވަހަކު ގުޅައިފި. ދެން އަޅުގަނޑު ގޮއްސިން. ދިޔައިރުގައި މިއޮއް އުޅެނީ ދަތްއަޅާ. ވަރަށް ވަރުކޮށްލާނެ ރުޅި އައިސިއްޔާ،" އައިންތު ކިޔައިދިނެވެ.
ނަބީހު މައްޗަށް ސޫރަތް ކުލާހަށް އަރަން އުޅޭވަރުން ޓީޗަރުން އޭނާ އެ ތަނަށް ފޮނުވީއެވެ. ދިޔައިރު ކުދިންތައް ތިބީ ވަށްބުރަކަށް އިށީންދެގެންނެވެ. ނަބީހުއަށް އިށީންނާނެ ޖާގައެއް ނުލިބުނެވެ. އޭނާ އިނީ ބުރުން ކެނޑި ވަކިންނެވެ.
"އެތާ ހުރި ސަރ މި ބުނަނީ ނަބީހު ދާށޭ ޖާގައެއް ނެތޭ. އޭނާއަކަށް ނޭނގޭ ދޯ އެހެން ބުންޏަކަސް. ދެތިން ފަހަރަށް ބުނީމަ ވެސް އިންނަނީ. ދެން މި ސަރ ހެދި ގޮތަކީ އަތުގައި ހިފާ ދަމާފަ ގެންދިޔައީ. ސިޑިމަތިން މަހެއް ބާލާހެން،" އައިންތު އެ ދުވަހުގެ ހަނދާންތައް އައުކުރިއެވެ،
އެ ދުވަހަކީ އަނެއްކާ ވެސް އައިންތުއަށް ކަޅު ދުވަހެކެވެ. ވަރަށް ދެރަވި ދުވަހެކެވެ.
ގުރުއާން ކްލާސްތަކުން ބާކީކޮށްލުމުން ވެސް ދުލެއް ނުދޭ!
ފަހަރަކު ގުރުއާން ކުލާހަކަށް ގެންގޮސްގެން ވެސް ނަބީހު ވީ ބާކީއެވެ. އޭނާ ބަލައިގަންނާނޭފަދަ ތަނަކާ ދިމައެއް ނުވިއެވެ.
އޭރު ވެސް ވަރަށް ރީއްޗަށް ނަބީހު ގުރުއާން ކިޔަވައެވެ. އެހެން ނަމަވެސް، އޭނާގެ އެ ސިޔާސަކަމާއި މިޒާޖު ޓީޗަރުންނަށް ޓޮލަރޭޓް ނުވަނީއެވެ.
"ދެން ގަތްދިނީ ޑިޖިޓަލް ގުރުއާނެއް،" އައިންތު ބުނެލިއެވެ.
ގުރުއާން ކުލާސްތަކުން ނަބީހު ބާކީކޮށްލުމަކުން އައިންތުގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. އޭނާގެ އަޒުމަކަށް ވެފައި އޮތީ ގުރުއާނުގެ ދާއިރާއިން ނަބީހު ކުރިއެރުވުމެވެ.
ޑިޖިޓަލް ގުރުއާން ދީފައި ބާއްވަނީއެވެ. ނަބީހު ވަރަށް ބަސް އަހައިގެން އޮންނާނެއެވެ.
"ދެން އެހެން އޮވެފައި އެއް ރެޔަކު ދެ ނަމާދު ދޭތެރޭގައި ވަރަށް ބޮޑުތަނެއް ކިޔަން ފެށީ ބަގަރާ ސޫރަތުން ވަރަށް ބޮޑުތަނެއް. ދެން އަޅުގަނޑު އަވަހަށް ވުޟޫ ކޮށްލައިގެން އައިސް ހަތިމު ނެގީ. ހަމަ ރަނގަޅަށް ކިޔަނީ،" އައިންތު ކިޔައިދިނެވެ.
ނަބީހު އެގޮތަށް އެހާ ބޮޑުތަނެއް ކިޔުމުން އެންމެން ވެސް ތިބީ ވަރަށް ހައިރާންވެފައެވެ. އޭނާ ނަގައިގަތް ގޮތް ނޭނގޭތީއެވެ.
ޑިޖިޓަލް ގުރުއާން ގެންގުޅެފައި ވެސް، ރުޅި އައުމުން އޭނާ ހަލާކުކޮށްލާނެއެވެ. ގާތްގަނޑަކަށް 15 ވަރަކަށް ޑިޖިޓަލް ގުރުއާން ނަބީހުއަށް އެ ދެމަފިރިން ގަތްދިނެވެ.
އުންމީދަކަށްވީ ނަބީހު ހާފިޒަކަށް ހެދުން!
އޭރުއުްސުރެ ވެސް އައިންތު ދެކެމުންއައި ހުވަފެނަކީ ނަބީހު ހާފިޒަކަށް ހެދުމުގެ ހުވަފެނެވެ. އެ ހުވަފެނުގައި ކުލަ ޖައްސަން އޭނާއަށް ކުރެވޭނެހާ ކަމެއް އައީ ކުރަމުންނެވެ. ކުރިމަތިވި އަޑިގުޑަންތަކަށް ވެސް ފަރުވާލެއް ނެތިއެވެ.
"އަބަދުވެސް ހިތުގައި އޮވޭ ނަބީހު ހާފިޒަކަށް ހަދާނަމޭ. އަޅުގަނޑު ދުލެއް ނުކުރަން އެއްވެސް ވަރަކަށް،" އައިންތު ކިޔައިިދިނެވެ.
ގުރުއާން ކުލާސްތަކުން އޭނާ ބަލައިނުގަތް ނަމަވެސް، ސުކޫލުގެ މުބާރާތްތަކުގައި ބައިވެރިވެ ދިޔައީ ވަނަ ހޯދަމުންނެވެ.
އެ ގޭގެ ސިޓިންރޫމުގައި ހުރި ބޮޑު ހަރަކަށް އިޝާރާތް ކޮށްލަމުން އައިންތު ބުނީ އެއީ ހުސް ނަބީހު ހޯދައިފައި ހުރި ތަށިތައް ކަމަށެވެ.
ގުރުއާން ޓީޗަރެއް ގެނައުމުން އެނގުނީ ގުރުއާން ހިތުދަސްކަން!
ނަބީހު ހާފިޒަކަށް ހެދުމުގެ މަސައްކަތުގައި އެހީ ހޯދަން އައިންތު ދިޔައީ ޑރ. ނާޒް ލަފާ ދެއްވި ބޭފުޅެއްގެ ކައިރިއަށެވެ. އެ ބޭފުޅާ ދެއްވި ޔަގީންކަމަކީ ކިތަންމެ ދުވަހަކު ނަބީހުއަށް ޓީޗަރެއް ނަގައިގެން ގުރުއާން ކިޔަވަދޭން ޖެހުނަސް ކުލި ދެއްވާނެކަމެވެ.
އެހެންކަމުން، ގުރުއާން ކިޔަވައިދޭތާ އެތައް އަހަރެއްވެ ތަޖުރިބާ ލިބިފައިހުރި، އަހްމަދު އަލީ ދީދީ، ނަބީހުއަށް ކިޔަވައިދޭން ގެންނަން ހަމަޖެއްސިއެވެ. އެއީ ވެސް ގުރުއާން މުބާރާތެއްގެ ނަތީޖާ ފާޅުކުރި ދުވަހެއްގައި ބެލެނިވެރިއަކު ދިން ނަންބަރެކެވެ.
"ގެނެއްސަ ފުރަތަމަ ވެސް ބުނެފި ނަބީހޫ އާދެބަލާށޭ ސަރ ކައިރިއަށް ކިޔަވާލަން. ކިޔަވާލީމަ ސަރ ބުނެފި އައިންތު ކީއްކުރަންހޭ މީނައަށް ގުރުއާން ކިޔަވަދޭން ތިމަންނަ ގެނައީ. މީނާއަށް އެނގެއެއް ނޫންހޭ،" އައިންތު ކިޔައިދިނެވެ.
އެއަށްފަހު ޓީޗަރު އެދުނީ ސޫރަތެއް ބުނުމަށްފަހު އެ ސޫރަތެއް ޚަތިމުން ހޯދާށެވެ. މާ ގިނަ ފަހަރަކު ގަނޑުތައް އުކާކަށް އޭނާ ނުހަދައެވެ. ގިނަ ވެގެން ދެވަނަ ފަހަރުން އެ ބުނާ ތަނެއް ނަބީހު ހޯދާނެއެވެ.
"ސަރ ބުނީ ޔަގީނޭ މީނަ ގުރުއާން ހިތުދަހޭ. އެހެން ނޫންނަމަ އެގޮތަކަށް ނުހޯދޭނޭ،" އައިންތު ކިޔައިދިނެވެ.
"ސަރ ބުނީ މީނަ ގެންދަންވީ [ގުރުއާނާބެހޭ މަރުކަޒު]ގެ ހިފްޒު ކޮމިޓީއަށޭ،" އައިންތު ކިޔައިދިނެވެ.
ނަބީހު ހާފިޒަކަށް!
ނަބީހު ގުރުއާނާ ބެހޭ މަރުކަޒަށް ފުރަތަމަ ގެންދިޔައީ އޭނާ ގުރުއާން ހިތުދަސްކަން އެނގުމުންނެއް ނޫނެވެ. އޭގެ ކުރިން ވެސް އެ ތަނުގައި އޮންނަ ގުރުއާން ކްލާސްތަކަށް ވެސް އައިންތު، ނަބީހު ގެންދިޔައެވެ.
"ގެންދިޔައީމަ ވެސް ބުނީ އޯޓިޒަމް ކުދިންނަށް ހާއްސަ ކުލާހެއް ނެތޯ. މި ތަނަކަށް ނުވަދެވޭނެއޯ އެ ކުއްޖާއަކަށް. އޭރު ކުޑަވާނެތާ،" އޭނާ ކިޔައިދިނެވެ.
އެތަނުގައި އޮންނަ ފަސްސަތޭކަ ހާފިޒުންގެ ކްލާހަށް ނަބީހު ވައްދަން ދިއުމުން ވެސް ހެދީ ދެކޮޅެވެ. އެކަމަކު އެ ކްލާހަށް ނަބީހު ވައްދަން އޭނާ ޤުރުއާނާ ބެހޭ މަރުކަޒަށް ގުޅިއެވެ. އަދި އެތަނާ އޭރު ހަވާލުވެ ހުންނެވި އަބްދުލްއަޒީޒް މޫސާ އަބޫބަކުރަށް ޕާސްކޮށްލަދިނުމަށް އެދުނެވެ.
"ދެން އަޅުގަނޑު ދަންނަވައިފިން މިއީ އޯޓިޒަމް ކުއްޖެއްގެ މަންމައޭ. އަޅުގަނޑު ތި ތަނަށް ފަސްސަތޭކަ ހާފިޒުންގެ ކްލާހަށް ވައްދަން ދިޔައީމަ އެ ބޭފުޅުން ދަންނަވައިފިއޭ އޯޓިޒަމް ކުދިންނަކަށް ނުވަދެވޭނެއޭ،"
"ދެން އަޒީބެ ވިދާޅުވެއްޖެ އޯޓިޒަމެއް ބޯޓިޒަމެއް ނޯންނާނެއޭ. ހަމަ އެ ގޮތަށް ބުނީ. ތިޔަ ބޭފުޅާގެ ހުރިހާ އުދާސްތަކެއް ލިޔެފައި ސިޓީއެއް ލާށޭ މަރުކަޒަށް. ކުއްޖާއަށް ފުރުސަތު ބޭނުންވާ ވާހަކައާ،" އައިންތު ކިޔައިދިނެވެ.
އެ ގޮތަށް އަމަލުކޮށް، އައިންތު ސިޓީއެއް މަރުކަޒަށް ލީއެވެ. ސިޓީއެއް ލުމުން، ޓެސްޓަކަށް ގެންދިޔައެވެ. އެ ތަނަށް ދިޔަ އެންމެންނަށްވުރެ ނަބީހު މާ ރަނގަޅެވެ.
ފަސްސަތޭކަ ހާފިޒުންގެ ކްލާހަށް ނަބީހުއަށް ފުރުސަތު ލިބުނެެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް މައްސަލައަކަށްވީ ނަބީހުގެ އުޅުމެވެ. އެ ތަނުގެ މުދައްރިސުންނަކަށް ވެސް އެކަމަކާ ޑީލެއް ނުކުރެވުނެވެ.
"ދެން އެހެން ގޮތްގޮތް ހަދަމުން އެތަނުން ކަނޑާލީ،" އައިންތު ކިޔައިިދިނެވެ.
އެކަމަކު ވެސް އައިންތު ހިތްވަރު އެލުވައެއް ނުލައެވެ. ހަތިޔާރު ބަހައްޓައި ދުއްވައިގަންނާކަށް ނޫޅެއެވެ. ކެރިގެން ކުރިމަތިލިއެވެ.
"އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެނގޭތޯ. އަނެއްހެން ބުނަންޏާ ދުލެއް ނުކުރަން،" އައިންތު ކިޔައިދިނެވެ.
ނަބީހު ގުރުއާން މުޅިން ހިތުދަސްކަން އެނގި، ހިފްޒު ކޮމިޓީއަށް ގެންދަންވެފައި ވަނިކޮށް، އައިންތުއާ ދިމާވީ ގުރުއާނާ ބެހޭ މަރުކަޒުގައި އުޅޭ ޓީޗަރަކާއެވެ. ހޮސްޕިޓަލުން ދިމާވެގެން އެ ވާހަކަތައް އެ ޓީޗަރާ އައިންތު ހިއްސާކުރިއެވެ.
"އެ މިސް ބުނީ ތިމަންނަ ބަލައިދޭނަމޭ ތި ކަންތައް. މިސް ގެންދާ ކުދިން ވަރަށް ރަނގަޅުވާނޭ. ނަބީ މަންމަ ތިހެން ބުނީމަ ތިމަންނައަށް ޔަގީންކަން އެބައޮތޭ،" އައިންތު ކިޔައިިދިނެވެ.
އޭގެ ދެ ދުވަސް ފަހުން ގުރުއާނާބެހޭ މަރުކަޒުން އައިންތުއަށް ގުޅިއެވެ. އަދި ބައްދަލުވުމަކަށް އައުމަށް ބުންޏެވެ. އޭރު މަރުކަޒާ ހަވާލުވެ ހުންނެވީ އިބްރާހިމް ރަޝީދު މޫސާއެވެ.
ބައްދަލުވުމަށްފަހު، ނަބީހު މުރާޖައާ ކޮމިޓީއަށް ގެންދެވުނެވެ. އެ ކޮމިޓީއަށް ގެންދިޔަ ފުރަތަމަ ދުވަހު ވެސް ވަރަށް ފަރިތަކޮށް ކިޔަވައިލިއެވެ.
"ހާމިދު ކިޔާ ބޭފުޅެއް އިންނެވީ މުރާޖައާ ކޮމިޓީގައި. ދެން ދެ ތިން ދުވަހު ގެންދިޔައީމަ ވިދާޅުވީ މީނަ [ނަބީހު] މިތަނަށް ނުގެނެސް ހިފްޒު ކޮމިޓީއަށޭ ގެންދަންވީ. މުރާޖައާ ކުރާވަރަށްވުރެ މާ ފަރިތައޭ،" އައިންތު ކިޔައިދިނެވެ.
ހިފްޒު ކޮމިޓީއަށް ގެންދިޔަ ފުރަތަމަ ދުވަހު ވެސް ފުރަތަމަ ފޮތް އެއްކޮށް ފަރިތަކަމާއެކު ކިިޔައި ނިންމައިލިއެވެ. އެ ދުވަހުން ފަށައިގެން ކިޔައިދެމުން ގޮސް، މެދު ނުކެނޑި މުޅި ޚަތިމު ކިޔައިދީ ނިންމާލީއެވެ. ރާއްޖޭގައި ނަބީހު ފިޔަވައި، މެދު ނުކެނޑި އެ ގޮތަށް ކިޔައިދެވުން ހާފިޒަކު ނެތެވެ.
"އެ ބޭފުޅުންނަށް ވެސް ވީ އައު ކަމަަކަށް. އެ ބޭފުޅުން ވެސް ވިދާޅުވީ އަދި މިހާތަނަށް ކިޔައިދިން ފުރަތަމަ ފަހަރޭ،" އައިންތު ކިޔައިދިިނެވެ.
އެއްވަނަ ދަރަޖައިގައި ހާފިޒަކަށް ނަބީހުވީ ތިން މަސް ދުވަހުން މުޅި ގުރުއާން ކިޔައިދީގެންނެވެ.
އައިންތުގެ ހުވަފެން ހަގީގަތަަކަށް ވީއެވެ. 2017ވަނަ އަހަރު ނަބީހުއަށް ހާފިޒުކަމުގެ ސަނަދު ލިބުނެވެ. އެއީ އައިންތުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރުނު ދުވަހެކެވެ.
އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޖުތަމައު ބަލައިގަތުން!
ނަބީހުގެ ޅަފަތުގައި ހުރިހާތާކުން ވެސް އޭނާ ބާކީކޮށްލީއެވެ. ބޭކާރު މީހެއްކަމުގައި ދެކުނީއެވެ. އެކަމަކު، އައިންތު ހުރީ ނަބީހުއާއެކުގައެވެ. ލޯބިވާ ދަރިފުޅުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ.
ކަށިކުނބުރު ބިޔަ ޖަންގައްޔެއް ހުރަސް ކުރުމަށްފަހު، އައިންތުއަށް އޭނާގެ މަންޒިލަށް ވާސިލުވެވުނެވެ. ނަބީހު ހާފިޒަކަށް ހަދަން ކުރި މަސައްކަތް ކާމިޔާބު ވިއެވެ.
އެޔާއެކު އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޖުތަމައު، ނަބީހު ބަލައިގަތުމެވެ.
"ބައްލަވާ ޓެކްސީތަކަށް ވެސް. ނަބީހު އަރައިފިއްޔާ ގިނަ ބޭފުޅުން ނުނަންގަވާ ލާރިއެއް. އެހެންވީމަ އަޅުގަނޑަށް އިހުސާސު ކުރެވޭ، ބަލައިގެންފިއޭ،" އައިންތު ބުންޏެވެ.
މަގުމަތިން އޭނާ ފެނުމުން، ފޮޓޯ ނަގައި ސަލާމްކޮށް ވާހަކަ ދައްކައި ވެސް ހަދައެވެ.
އެންމެ އަގުބޮޑު އެއްޗަކަށް ނަބީހުއަށް ލިބުނީ މީހުންގެ ލޯތްބާއި އިހުތިރާމެވެ. އެއީ ފައިސާއަކުން އަގުކުރެވޭނެ އެއްޗިއްސެއް ނޫނެވެ.
އޯޓިޒަމް އެވެއަރނެސްއަށް ގިނަ މަސައްކަތްތަކެއް!
ކުއްލިއަކަށް، ނުދަންނަ ނަންބަރަކުން އައިންތުއަށް ފޯނު ކޯލެއް އަތުވެދާނެއެވެ. ނަގައި ވާހަކަ ދައްކައިލާއިރު، އޯޓިޒަމް ކުއްްޖެއްގެ މަންމައެވެ.
އެ މައިންނަށް ކުރެވޭ އިހުސާސްތައް އައިންތުއާ ހިއްސާކުރެއެވެ. އަދި އައިންތު އެ މީހުންނާ ވާހަކަ ދައްކާ އައިންތުގެ ތަޖުރިބާ ކިޔައިދެއެވެ. އެ ތަޖުރިބާތަކުން އެ މަންމައިން އިބުރަތް ލިބިގަނެއެވެ.
"ގުޅާފަ ބުނޭ ތިމަންނަމެންގެ މަންމައޭ ތީ. ހުރިހާ އޯޓިޒަމް ކުދިންގެ ދޯ،" އައިންތު ކިޔައިދިނެވެ.
ބައެއް ފަހަރަށް އޯޓިޒަމް ކުދިންގެ ގޭގެއަށް ގޮސް ވެސް އެ ކުދިންގެ މައިންނަށް ހިތްވަރުދެއެވެ. ނަސޭހަތް ދެއެވެ. ކުރިއަށް ދާންވީ ގޮތް ކިޔައިދެެއެވެ.
އައިންތު މިހާރު ވަނީ ޑިސްއެބިލިޓީ ކައުންސިލުގެ ބެލެނިވެރިންގެ ގޮނޑިއަށް ކުރިމަތިލައިފައެވެ. އޭނާގެ އުންމީދަކީ އޯޓިޒަމް ކުދިންނާ ގުޅިގެން މުޖުތަމައު ދެކޭ ގޮތް ފައްސިކުރުމެވެ.
އައިންތު ހަގީގަތުގައި ވަރަށް ގިނަ ކަންކަން ކޮށްފިއެެވެ. ނަބީހު ހާފިޒަކަށް ވެއްޖެއެވެ. އިމާމު ކޯސް ހަދައިި އެ ސަނަދު ވެސް ލިބިއްޖެއެވެ. ނަބީހުގެ މަދަހަ ސީޑީއެއް ވެސް ނެރިއްޖެއެވެ.
ދެކެނީ ފޮނި ހުވަފެންތަކެއް!
ދަރިފުޅާމެދު އައިންތު އަދިވެސް ދެކެނީ ފޮނި ހުވަފެންތަކެކެވެ. އެ ގޮތުން އަމިއްލަ ރާގުގެ މަދަހަ އަލްބަމެއް ނެރުމަކީ ވެސް އޭނާގެ އުންމީދެކެވެ.
ނަބީހު ހާފިޒަކަށްވުމުން، ދެން އައިންތު ބޭނުންވީ އޭނާ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރާށެވެ. ﷲގެ އިރާދަފުޅާއެކު މިއަދު އެކަން ހާސިލުވެއްޖެއެވެ.
ދެން އޮތީ ބޮޑު ހުވަފެނެކެވެ. ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް، އެއީ ނަބީހު ކުޑައިރުއްސުރެ ދުށް ހުވަފެނެކެވެ.
ކައުބަތުﷲ ގެފުޅަށް ގޮސް، އުމްރާގެ އަޅުކަން ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމެވެ. އެ ކަމަށް ޓަކައި ވެސް އައިންތު އަންނަނީ މަސައްކަތް ކުރަމުންނެވެ.
"އޭނާއަށް ބުނެދޭން ނޭނގުނަސް، ޓީވީން ފެނުނީމަ ގެފުޅުގައި އަތްލާފަ ބުނާނެ އެތަނަށް ދާން،" އައިންތު ކިޔައިދިނެވެ.
ނަބީހުގެ އަޑުން ގުރުއާން ރިކޯޑު ކުރުމަކީ ވެސް އައިންތުގެ ހުވަފެނެކެވެ. އެ ހުވަފެނުގައި ވަނީ ކުލަޖެހެން ފަށައިފައެވެ. ދުބާއީގެ ހޮލީ ގުރުއާން ރޭޑިއޯ ޗެނަލުން ވަނީ ނަބީހުގެ އަޑުން ގުރުއާން ރެކޯޑު ކުރަން އެދިފައެވެ.
"ނަބީހު އިމާމުވެ ތަރާވީސް ނަމާދުކުރާތަން ދުށުމަކީ ވެސް ހުވަފެނެއް. އަދި މިސްކިތުގެ މުއައްޒިންކަން ލިބުން ވެސް. އިންޝާއަﷲ،" އައިންތު ކިޔައިދިނެވެ.
މުއައްޒިންއަކީ ބޮޑެތި މިސްކިތްތަކުގައި ބަންގި ގޮވާ މީހުންނެވެ. ބޭރުގެ ބައެއް މިސްކިތްތަކުގައި އިމާމަކާއި މުއައްޒިންއެއް ހުރެއެެވެ. މުއައްޒިން ބަންގި ގޮވާނީއެވެ. ނަމާދުކުރާނީ އިމާމެވެ.
އައިންތުގެ މެސެޖު: މާޔޫސް ނުވޭ!
އޯޓިޒަމް ކުއްޖަކު ގޮވައިގެން އައިންތު ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލައިފިއެވެ. އެ ކަންކަމުން އަރައިވެސްގެންފިއެވެ.
މިއަދު އޭނާ އޯޓިޒަމް ކުދިންގެ މައިންނަށް ދޭ މެސެޖަކީ މާޔޫސް ނުވުމެވެ. އުންމީދު ކަނޑާނުލުމެވެ. އެ ކުދިންނަކީ ރަހުމަތެއް ކަމުގައި ދެކުމެވެ.
"އެއްވެސް ގޮތަކަށް އެ މީހެއްގެ އަމިއްލަ ނަފުސު ކުށްވެރި ނުކުރާށޭ. މީގެ ކުއްޖެއް ލިބުމުން ދެމަފިރިން އެކަކު އަނެކަކަށް ކުށްވެރި ނުކުރާށޭ. ދުރު ނުވާށޭ. މިފަދަ ކުއްޖަކު ލިބުނީމަ އެބަޖެހޭ ގުރުބާނީތަކެއް ވާން،" އައިންތު ކިޔައިދިނެވެ.
އައިންތު ބުނީ އޯޓިޒަމް ކުއްޖަކު ލިބުމަކީ ނިއުމަތެއް ކަމަށް ދެކުމަށެވެ.
"މިސާލަކަށް ނޯމަލް ކުއްޖެއް ލިބުނީ. ބައެއް ފަހަރަށް އެބަހުރި ދޯ މައިންބަފައިންނަށް ކަރުނައަޅާ ރޯން ޖެހިފައި. ކޮބާތޯ ނޯމަލް ކުއްޖެއް ލިބިގެން އުފަލެއް. އެހެންވީމަ މީގެ ކުއްޖެއް ލިބުނަސް ނުވާށޭޭ. ނުވާނެއޭ ހިތަށް ނާރުވާށޭ. ވާނެއޭ. މި ކުދިންނަކީ ވަކި ނޯމަލް ކުދިންނަށް ދޫކުރާނެ ކުދިންނެއް ނޫން،" އައިންތު ބުންޏެވެ.
މިއީ އުނދަގޫ ދަތުރެކެވެ. ގިނަ ގޮންޖެހުންތަކަކާ މި ދަތުރުގައި އައިންތުއަށް ކުރިމަތިވިއެވެ. އެކަމަކު އައިންތު ފަސް އެނބުރި ނުބަލައެެވެ. އޭނާ ދިޔައީ ކުރިއަށެވެ.
ނަބީހު ލިބުމުން ދެ ފަރާތުގެ އާއިލާއިން ވެސް ކުރިމަތިވީ ހިތްދަތި އެތައް ކަމެކެވެ. ބަދުބަސްތައް ބުނެ އެ ދުވަހު އައިންތު ރޮއްވާލިއެވެ. ނަބީހުއާ ދިމާލަށް ވެސް ހިތު ހުރި އެއްޗެއް ކިޔެވެ. އެކަމަކު، އައިންތު ހުރީ ނުގުޑާ އަޒުމެއްގައެވެ.
ވެއްޓުމުން ތެދުވެއެވެ. ރޮވުމުން ލޯ ފޮހެލައެވެ. ހިތްވަރުއެލެން ފެށުމުން، ﷲއަށް ވަކީލުކޮށް ހިތްވަރު ހޯދައެވެ. ލޯބިވާ ދަރިފުޅަށް ޓަކައެވެ. ދަރިފުޅާމެދު ކުރެވޭ އުންމީދުތަކުގެ ސަބަބުންނެވެ.
މި ދަތުރު ނިމޭކަށް ނެތެވެ. ނަބީހު ގޮވައިގެން އަބަދުވެސް އޭނާ ހުންނާނެއެވެ. ފޫހިކަމެއް ނެތިއެވެ. ޝަކުވާއެއް ނެތިއެވެ.
އެތައް ބައެއްގެ ބަދު ބަސްތަކާ އައިންތުއަށް ކުރިމަތިވިއެވެ. ނަބީހުއަކީ ބޭކާރު ކުއްޖެކޭ، ވެސް ބުނެ ހެދިއެވެ. އެކަމަކު، އައިންތު މާ ހިތްވަރު ގަދައެވެ.
ނަބީހުއަށް އިހާނެތިކޮށް ކަންތައްކުރި އެކަކަށް ވެސް އައިންތުގެ ހިތުގައި ބުރަކަމެއް ނެތެވެ. ވަރަށް ހިތްހެވެވެ. އުފާވަނީ މިއަދު އެ މީހުން ވެސް ނަބީހު ބަލައިގަންނާތީއެވެ.
އައިންތުއަކީ މަންމައިންނަށް ނަމޫނާއެކެވެ. ވޭނާއި ތުރާ އޭނާއަށް ކުރިމަތިވިއެވެ. ވޭނާއި ކެކުޅުން ތަހައްމަލު ކުރަން ޖެހުނެވެ. އެކަމަކު، ހުއްޓާލީ ލޯބިވާ ދަރިފުޅު ހާފިޒަކަށް ހެދުމަށްފަހުއެވެ.