ދައްޗާއި ބުރަ: އޯޓިޒަމް ދަރިފުޅު ހާފިޒުކަމަށް ކުރި ދަތުރު

އަހުމަދު އަހުޒާމް މުހައްމަދު އޭނާގެ މަންމަ ނާހިދާ އަލީ އާއެކު ---

ނަމުން ގޮވައިލުމުން ފަސް އެނބުރި ބަލައިވެސް ނުލައެވެ. ވާހަކަ ދެއްކިޔަސް ވާހަކައެއް ވެސް ނުދައްކައެވެ. އަބަދުވެސް އިންނަނީ އަމިއްލަ ޚިޔާލީ ދުނިޔޭގައެވެ. އަބަދުވެސް ހިތް ފަޅައިގެންދާ ވަރަށް ބާރަށް ރޮއެވެ. ރޯން ފަށާފައި ހުއްޓައިލަނީ ހަތަރު ނުވަތަ ފަސް ގަޑިއިރު ފަހުންނެވެ. އެއްތާކު އިށީނދެ މާގިނައިރަކު ނުވެސް އިނދެއެވެ.

ބަސްތަކެއް އަދި އަކުރުތަކެއް ވެސް ރަނގަޅަކަށް ނުކިޔެއެވެ. އެކަން ވަނީ "ފްރަސްޓްރޭޓް" ކުރުވާ އިތުރު ސަބަބަކަށެވެ. އަބަދުވެސް ފެންނަނީ އެންމެ "ހައިޕާ" ކޮށެވެ. ކަމަކާ ނުލައި ވެސް ފާރުގައި ބޯ ތަޅައި ހަދައެވެ. އަދި އެހެން ނޫން ނަމަ މުށިގަނޑުމަތީގައި އިށީނދެ އިނދެ ވެސް ބޯތަޅައެވެ. އިސްތަށިގަނޑަށް ދަމާ ހަދައެވެ. ވިސްނުން ވެސް ހުންނަނީ އުމުރަށްވުރެ ޅަކޮށެވެ. ހުރިހާ ކަމެއްވެސް ކުރަނީ ގެއްލުން ވާގޮތަށެވެ.

މިއީ އުމުރުން ދެ އަހަރާއި ބައިގައި އޯޓިޒަމްއަށް ޑައިގްނޯޒްކުރި އަޙްމަދު އަހުޒާމް މުޙައްމަދުގެ މަންމަ ނާހިދާ އަލީ، އޭނާގެ ދަރިފުޅުގެ ވާހަކަ ކިޔައިދޭން ފެށިގޮތެވެ. އޯޓިޒަމްއަށް ޑައިގްނޯޒް ކުރުމާ ހައަމަށް އޭރު ނާހިދާ އެފަދަ ގޮތަށް ނުވެސް ވިސްނައެވެ. އިނގޭހާވެސް އެއްޗަކީ އެ އުމުރުގެ އެހެން ކުދިންނަށްވުރެ އަހުޒާމުގެ ކިބައިގައި ތަފާތު ގޮތްތަކެއް ހުންނަ ކަމެވެ.

އަހުމަދު އަހުޒާމް މުހައްމަދު ---

ތަފާތުކަން އިހުސާސުވެގެން އަހުޒާމަށް 11 މަހުގައި ނާހިދާ އޭނާގެ ދަރިފުޅު އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކިއެވެ. އޭރުވެސް ސީދާ އޯޓިޒަމްކަމެއް ނޭނގެއެވެ. އަދި އޭގެ ފަހުން އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކި ނަމަވެސް އަހުޒާމްގެ ހުންނަނީ އޯޓިޒަމް ކަން ނާހިދާއަށް އެނގުނީ ޑރ. އައިޝަތު އަލީ ނާޒްއަށް ދެއްކުމުންނެވެ.

އެ ހިސާބުން ޑރ. ނާޒްގެ ކްލިނިކުން އަހުޒާމަށް ފަރުވާދިނުމުގެ މަސައްކަތް ފެށިއެވެ. އޭރު ރާއްޖޭގައި އޯޓިޒަމްއަށް އެހާ ބޮޑަށް ހޭލުންތެރިއެއް ނޫނެވެ. އަދި ފަރުވާދޭނެ މާ ގިނަ ޑޮކްޓަރުންނެއް ވެސް ނުތިބެއެވެ.

"ހަފުތާއަކު ދެ ދުވަހު ދަނީ ޓްރީޓްމެންޓަށް. ދެން އެ ހިސާބުން ސްޕީޗް ތެރަޕީ ވެސް ފެށިން. އެވެސް ހަފުތާއަކު އެއްދުވަހު. އެކަމު އެހާ މަދުން އޮންނާތީ އެހާ ބޮޑަށް އެކަމަށް އަސްލު ބޭނުންވާ ވަރަކަށް އެހީއެއް ނުލިބޭނެ ދޯ. ދެން އެއްމަަސް ދުވަހުގެ ޗުއްޓީއަކަށް އިންޑިއާގެ ބެންގަލޫރުގައި ވެސް ފަރުވާ ހޯދިން،" ނާހިދާ ބުންޏެވެ.

ތަފާތުތަކާ އެކުވެސް ނާހިދާ ބޭނުންވީ އޭނާގެ ދަރިފުޅަށް ސްކޫލް މާހައުލުގައި ވީ އެންމެ ބޮޑަށް ކިޔެވުމުގެ ފުރުސަތު ހޯދައިދޭންށެވެ. ކިޔެވުމުގައި ވެސް އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިވި ނަމަވެސް ނާހީދާ އޭނާގެ ދަރިފުޅަށް އެ ފުރުސަތު ވެސް ހޯދައިދިނެވެ. އޭރު އޯޓިޒަމްއަށް މީހުން ހޭލުންތެރިވެފައި ނެތުމުން، ޓީޗަރުންނަށް ވެސް އެންމެ ފުރަތަމަ ޖެހުނީ ވާނުވާ ކިޔައިދޭށެވެ. އަހުޒާމް ޕްރީ ސްކޫލު ނިންމީ ތިން ސްކޫލެއްގައި ކިޔެވުމަށް ފަހުއެވެ. އޭގެ ފަހުން ގްރޭޑް އެކަކަށް ކަލާފާނު ސްކޫލަށް ވަދެ ގްރޭޑް 10 ވެސް އޭނާ ނިންމީ ހަމަ އެ ސްކޫލުގައެވެ.

އޭރު ނާހިދާގެ ވިސްނުމުގައި އަހުޒާމް ގްރޭޑް 10 ނިންމައި އޯލެވެލް ހެދުމަށް ނެތެވެ. އަބަދުވެސް ބޭނުންވީ ކިޔެވުމުގެ މާހައުލުން އޭނާއަށް ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށެވެ. ގިނަ ދުވަހު އެ މާހައުލުގައި އޭނާ އުޅުމަށެވެ. އެގޮތުގެ މަތިން ވަކި ގްރޭޑްތަކެއްގެ ރިޕީޓް ކުރުމަށް ފަހު ގްރޭޑް ހަތަކާ ހަމައިން ރިޕީޓް ނުކޮށް އަހުޒާމް ގްރޭޑް ދިހައެއް ނިންމާ އޯލެވެލް ހެދިއެވެ. އެއީ އޭނާގެ އުމުރުން 18 އަހަރުގައެވެ.

ދަތި އުނދަގޫތަައް ތަހައްމަލު ކުރިނަމަވެސް އަހުޒާމަކީ ކުޅަދާނަ ދަރިއެއްކަން ނާހިދާއަށް އެނގުނީ، އޭނާގެ ދަރިފުޅު ކީރިތި ޤުރުއާނަށް ހުންނަ ޝައުގުންނެވެ. އަހުޒާމު ޤުރުއާނަށް ހުންނަ ޝައުގާއި ދޭ ސަމާލުކަން ފެށިގެން އައި ގޮތް އޭނާގެ މަންމަ ތިލަކޮށްދިނެއެވެ.

"އެންމެ ކުޑައިރުވެސް ވަރަށް ރޯނެ. އެހެން ހުއްޓުވާނެ ގޮތެއް ނޭނގެ ބައެއް ފަހަރު. އެކަމު އެއްދުވަހު ފޮތެއްގަ މިސްކިތެއް ކުރަހާފަ ﷲއަކުބަރު ލިޔުނީ. ދެން އެދުވަހު މިސްކިތް ކުރެހީމަ ރުއިން ހުއްޓުނު. އޭގެ ފަހުން އޭނައަށް އިނގޭ ގޮތަކަށް އައިސް ބުނާނެ މިސްކިތް ކުރަހާފަ ﷲއަކުބަރު އަޅަން އަންނާށޭ. ދެން އެހިސާބުން އެނގުނީ އެފަދަ ކަންކަމަށް ޝައުގުވެރިވޭ. އެކަމު ޤުރުއާން ކްލާހަކަށް ނުގެންދެވޭތީ އައްމާފޮތް ދިނީ. އެކަމު ބަލައިގެން ކިޔަން ނޭނގޭތީ އަހަރެން ކީމަ އަޑުދަށުން ކިޔާނެ،" ނާހިދާ ބުންޏެވެ.

އަހުމަދު އަހުޒާމް މުހައްމަދު ---

އެންމެ ހާއްސަކަމެއްގެ ގޮތުގައި ކޮންމެ ރެޔަކުވެސް ނާހިދާ އޭނާގެ ދަރިފުޅު އަހުޒާމަށް ނިދުމުގެ ކުރިން މުލްކު ސޫރަތް ކިޔަވަދެއެވެ. އެގޭގައި އަބަދު ޖަހާފައި ވެސް ހުންނަނީ ޤުރުއާނެވެ. އަދި އަހުޒާމް އެންމެ އަޑުއަހާ ހިތް ވަނީ ވެސް ގުރުއާނެވެ. އެ ޝައުގުވެރިކަމާއެކު އަހުޒާމު ގުރުއާނަށް ދޭ ސަމާލުކަން ނާހިދާއަށް ސިހުން ގެނުވި ހިސާބެއްވެސް އައެވެ.

އެއީ ބައެއް ފަހަރަށް ޤުރުއާން ކިޔަވައިދޭއިިރު ބައެއް ސޫރަތްތައް އަހުޒާމަށް އެނގޭ ކަމަށް އޭނާ ބުނި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ކައިރީގައި ކިޔަވާށޭ ބުނާ ތަންތަނުން ހިތުން އޭނާ ކިޔަވައެވެ.

"އެގޮތަށް ޤުރުއާން އަޑު އަހައިގެން އޭނާ ދަސްކުރި. އޭގެ ފަހުން ގަލޮޅު މަދަރުސާ ހިފްޒު ކްލާހަށް ލީމަ އެމީހުން ވެސް ބުނި ވަރަށް ބޮޑަށް ހިތު ދަސްކޮށްފައިވާ ކަން ފާހަގަވާ ވާހަކަ. އެކަމު އޭރުވެސް ހުރި ބައެއް އަކުރު ކިޔަން އުނދަގޫ ގޮތެއް، އެހެން އެގޮތަށް ހުރީމަ ހާފިޒަކަށް ނުވެވޭނެ. ފަހުން ގުރުއާނާ ބެހޭ މަރުކަޒަށް ވެއްދީ އެ އަކުރުތައް ކިޔަން ދަސްކުރަންށާއި ފަރިތަ ކުރަން، އެގޮތަށް ޤުރުއާން އެނގޭ ބުނީ އުމުރުން 15 ނުވަތަ 16 އަހަރުގަ" ނާހިދާ ބުންޏެވެ.

އަހުޒާމަށް އަކުރުތަކާއި މަޚުރަޖުތައް ރަނގަޅަށް ކިޔުމަށް ގާތްގަނޑަކަށް ތިން ވަރަކަށް އަހަރު ނެގިއެވެ. ކޮވިޑަށް ފަރިތަކުރުން މަޑުޖެހުނު ނަމަވެސް އޭގެ ފަހުން އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވެގެން ވެސް އަހުޒާމް ފަރިތަކުރިއެވެ. އަހުޒާމްގެ މަންމައަށް ވެސް ސިހުން ގެނުވި ގޮތަކަށް ޤުރުއާން އަޑުއަހައިގެން ހިތުދަސްކޮށް، ފަހުން ތިން އަހަރު ތެރޭގައި ކުރި ބުރަ މަސައްކަތުން އޭނާ އަކީ މިއަދު ހާފިޒެކެވެ. އަދި އޭނާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހާފިޒުކަމުގެ ލިޔުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައެވެ.

އަހުމަދު އަހުޒާމް މުހައްމަދު --- ފޮޓޯ/ ޤުރުއާނާ ބެހޭ މަރުކަޒު

އެންމެ ކުޑައިރުންސުރެ މިއަދާ ހަމައަށް ނާހިދާ އޭނާގެ ދަރިފުޅުގެ ދިރިއުޅުމުގެ ސޮފުހާތައް ތިލަކޮށްދެމުން ދިޔައިރު، ކިތަންމެ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ކޮންމެ ހަރުފަތެއްގައި ވެސް ރަނގަޅު އަދި އަހުޒާމަށް އެހީތެރިވި މީހުން ދިމާވިކަން އޭނާ ފާހަގަކުރިއެވެ. އަދި ކޮންމެ ހަރުފަތަކީވެސް އުނދަގުލާއި ގޮންޖެހުންތައް ތަހައްމަލު ކުރަން ޖެހުނު ވަގުތެއް ނަމަވެސް މި ހިސާބަށް އާދެވުނީ މާޔޫސްނުވެ ކުރި މަސައްކަތުން ކަމަށް އޭނާ ގަބޫލުކުރެއެވެ.

އަހުޒާމަށް މިހާރު 20 އަހަރު ފުރިފައިވާއިރު، ކުރިއަށްވުރެ ހުރިހާ ގޮތަކުން ވެސް އޭނާ ވަރަށް ބޮޑަށް ރަނގަޅެވެ. ވާހަކަދެއްކުމާއި މީހުންގެ ތެރޭގައި އުޅުންވެސް އޮތީ އެގޮތަށެވެ. މިއަދު މި ހިސާބަށް އާދެވޭނެ ކަމަށް ނާހިދާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ނަމަވެސް މިއަދު އަހުޒާމަކީ ކިޔަވައި ނިންމައި، ހުރި ތަފާތުތަކާއެކު ވެސް އެސްޓީއޯގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އަހުޒާމު މިއަދު ހުރި މަގާމުގައި ހުރުމުގެ ސިއްރަކީ އޭނާގެ މަންމަ އާއި ބައްޕަގެ މިންނެއް ގުރުބާނީތަކެވެ.

"އަބަދުވެސް ހުރިހާ ކަމެއް ކުރަން ވެސް ވަރަށް މަސައްކަތް ކުރަން ޖެހުނު. ކޮންމެ ހިސާބަކުންވެސް ބައިވަރު ޗެލެންޖުތަކެއް އައީ. ވަރަށް ހިތްވަރު ގަދަވެގެން ވަރަށް އެކަން ކުރާ ހިތުން ދަރިފުޅު ބަލަން ޖެހޭނީ. އެންމެ ފަރުވާތެރިކޮށް. ދެވެން އޮތް އެންމެ ބޮޑު ސަމާލުކަމެއް ދީގެން. ހުރިހާ ފުރުސަތުތަކެއް ވެސް މަގުފަހިކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކޮށްގެން. އަޅުގަނޑުވެސް އުޅުނީ އެގޮތަށް. މިއަދު އެކަމު ހިތްހަމަ ޖެހުން އެބައޮތް،" އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ތަހައްމަލުކުރީ ކިތަންމެ ދަތި އުނދަގޫތަކެއް ނަމަވެސް މިއަދު ނާހިދާ އޭނާގެ ދަރިފުޅާ މެދު، ފަޚުރުވެރިވެ އުފާކުރެއެވެ. ކުރެވުނު ބުރަ މަސައްކަތުން އޭނާގެ ދަރިފުޅުގެ ދިރިއުޅުން މިއަދު ހުރި ގޮތާ މެދު ނާހިދާ މިއަދު ﷲއަށް ހަމްދުކުރެއެވެ. މިވީ އަހަރުތަކުގެ ތެރޭގައި އަހުޒާމަށް އޭނާގެ އާއިލާގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުން ނާހިދާ ފާހަގަކުރެއެވެ.

އަހުމަދު އަހުޒާމް މުހައްމަދު ---

އޯޓިޒަމް ހުންނަ ކުއްޖެއްގެ މަންމައެއް ތަހައްމަލުކުރާނެ ހުރިހާ ކަމެއްހެން ނާހިދާ ތަހައްމަލުކޮށް، މިއަދު ނާހިދާ އެހެން މީހުންނަށް ދޭން ބޭނުންވާ އެތައް މެސެޖެއް އެބަހުއްޓެވެ. އެއީ ކޮންމެ ކުއްޖަކީވެސް އެ ކުއްޖެގެ ގޮތުގައި މޮޅު އަދި ދިރިއުޅުމުގައި ކުރިއަށް ދެވޭނެ ކުއްޖެއްކަމަވެ. ތަފާތުތައް ބަލައިގަނެ އެފަދަ ކުދިންނަށް އިތުރު ސަމާލުކަން ދީ، ފަރުވާތެރިވާން ޖެހޭނެ ކަމެވެ. އެއް ފަހަރުން ކުރާ ކަމެއްގެ ނަތީޖާ ނުނިކުމެ ދާނެ ކަމެވެ.

ކިތަންމެ ފަހަރަކު މަސައްކަތް ކުރަން ޖެހުނު ނަމަވެސް މާޔޫސް ނުވެ ކުރިއަށް ދިއުމަށެވެ. އަދި މިފަދަ ކުދިންނަކީ ވެސް އެހެން މީހުން ގޮތަށް މުހިއްމު ބައެއްގެ ގޮތުގައި މުޖުތަމައު ބަލައިގަތުމަށެވެ. ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ފިއްތުންތަން ކުރިމަތިވި ނަމަވެސް އަލިމަގުގެ އުއްމީދު ހިތުގައި ބޭއްވުމަށެވެ.

comment ކޮމެންޓް