ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުންނަށް ސްކޮލާޝިޕްގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މި ސްކޮލަޝިޕްގެ ދަށުން އިނގިރޭސިވިލާތުން އޯޓިޒަމްގެ ދާއިރާއިންނާއި އެޑިއުކޭޝަނަލް އެސިސްޓިވް ޓެކްނިލޮޖީގެ ދާއިރާއިން ކިޔަވަން ފުރުސަތު ލިބޭނެ ކަމަށެވެ. މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
މި ދެ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައި ވުން
- ސަރުކާރު ސްކޫލެއްގައި މަދުވެގެން ދެއަހަރު މަސައްކަތް ކޮށްފައި ވުން
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން މެދުވެރި ވެގެން ކިޔެވުމަށް ލޯނެއް ނަގާފައި ވާނަމަ ޑިފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައި ވުން
- އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރެއްގެ ކޯހަކަށް ވުން
މި ސްކޮލާޝިޕަށް ހޮވިއްޖެ ނަމަ ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ ތައުލީމު ދިނުމަށް ޚާއްސަ ކުރެވިފައިވާ މަރުކަޒެއްގައި ޚިދުމަތް ކުރުމަށް އެއްބަސްވާން ޖެހޭނެއެވެ. އެފަދައިން އެއްބަސް ވެއްޖެނަމަ ދެން ކެންޑިޑޭޓުން ހޮވުމުގައި އިސްކަން ދޭނީ މެރިޓަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓު ލިބޭ ތަރުތީބަށެވެ.
ސްކޮލާޝިޕަށް ކުރިމަތިލާއިރު ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމަންޓުގައި ސޮއި ނުކުރާނަމަ މި ސްކޮލާޝިޕް ފުރުސަތުގައި ބައިވެރި ވެވޭނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން ބުނީ، ސްކޮލާޝިޕަށް ނޮމިނޭޓް ވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
އިއްޔެ ހުޅުވާލި މި ސްކޮލާޝިޕްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 13:30އެވެ. މި ސްކޮލާޝިޕްގެ ނަތީޖާ އިއުލާނު ކުރާނީ އަންނަ މަހުގެ 12ވަނަ ދުވަހުއެވެ.
ސްކޮލާޝިޕަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހަޔާއެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރާނީ މިނިސްޓްރީގެ ވެބްސައިޓް ނުވަތަ 3026966އަށް ގުޅުއްވައިގެނެވެ.
ރާއްޖެއަކީ ނިސްބަތުން އޯޓިޒަމް ހުންނަ ކުދިން ގިނަ ގައުމަކަށް ވާއިރު، އެ ކުދިންނަށް އެކަށީގެންވާ ތައުލީމު ނުލިބޭ ވަހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެކެވެ.