ރާއްޖެ އައުމުގައި ސަމާލުވުމަށް ޗައިނާއިން އަންގައިފި

ފަތުރުވެރިންތަކެއް މާލޭގައި: ރާއްޖޭގައި ޒިކާ ވައިރަސް ފެތުރޭ ކަމަށް ބުނެ-- ސަން ފައިލް ފޮޓޯ

ރާއްޖެއަށް ޒިޔާރަތް ކުރުމުގައި ސަމާލުވުމަށް ޗައިނާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.

ދިވެހި ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރާ ޗައިނާ އިން މިގޮތަށް އަންގާފައިވަނީ ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުންދާތީ ކަމަށް ބުނެއެވެ.

ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސުޕަވިޝަންއާ ހަވާލާދީ ޗައިނާ ނިއުސް ސާވިސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް އެގައުމުން އަންނަ މީހުންނަށް މި ނޯޓިސް ދީފައިވަނީ ކުރިއަށް އޮތް ތިން މަހަށެވެ.

މިފަދަ ނޯޓިސްއެއް ޗައިނާގައި ނެރެފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެހްއޯ)އިން ވަނީ ޒިކާ ފެތުރެމުންދާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެވެސް ހިމަނާފައެވެ.

ޗައިނާގެ ސަރުކާރުން މިފަދަ ނޯޓިސްއެއް ނެރެފައިވާއިރު އެމެރިކާއިން ވެސް ވަނީ ރާއްޖެއަށް އައުމުގައި ސަމާލުވުމަށް އަންގާފައެވެ.

ޒިކާ ވައިރަސް ރާއްޖެއިން ފެނިފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެ ވައިރަސް ފެނިފައިވަނީ ރާއްޖޭގައި އުޅެފައި އެނބުރި ގައުމަށް ދިޔަ، ސްޕެއިންގެ ފަތުރުވެރިއަކާއި ޖަރުމަރު ފަތުރުވެރިއެއްގެ ގައިންނެވެ.

އެޗްޕީއޭއިން ބުނީ އެ ދެ މީހުން ވަނީ ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކުގައި އުޅެފައި ކަމަށެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓުއަރިސްޓުން އަންނަ ގައުމުކަމަށްވެފައި މި ނޯޓިސްގެ ސަބަބުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ވުމާއެކު ރާއްޖޭގެ އިގްތިސާދަށްވެސް މީގެ ނޭދެވޭ އަސަރު ކުރާނެ އެވެ.

comment ކޮމެންޓް