ލަންކާ އެއާޕޯޓު ބަންދުކުރާތީ ސްރީލަންކަންއިން މާލެއަށް ކުރާ ދަތުުރުތަކަށް ބަދަލެއް

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު، ސްރީލަންކާގެ މައި އެއާޕޯޓުގެ މަރާމާތުގެ މަސައްކަތެއް ކުރުމުގެ ގޮތުން ދުވާލުގެ ބޮޑު ވަގުތެއްގައި އެ އެއާޕޯޓު ބަންދުކުރަން ޖެހޭތީ، ސްރީލަންކަން އެއާލައިންސްއިން މާލެއާ ކޮލޮމްބޯއާ ދެމެދު ކުރާ ދަތުރުތަކަށް ބައެއް ކަހަލަ ބަދަލުތައް އަންނާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ރީސާފޭސް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެތަން ބަންދުކުރަނީ 2017 ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން އޭޕްރިލް ހަތްވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:30 ގެ ނިޔަލަށެވެ. އެއީ ރަންވޭގެ މަރާމާތުގެ މަސައްކަތް ކުރުމަށް ހަތަރު ގަޑިއިރު، އަދި ރަންވޭގައި އަޅާ ތާރު ހިއްކުމަށް ހަތަރު ގަޑިއިރެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނަނީ 3،350 މީޓަރުގެ އެންމެ ރަންވޭއެކެވެ. އަންނަ އަހަރު ޖެނުއަރީ މަހު ފަށާ ރަންވޭ މަރާމާތުގެ މަސައްކަތަކީ، 1986 ވަނަ އަހަރު އެ ރަންވޭ އެޅި ފަހުން ކުރެވޭ ފުރަތަމަ މަރާމާތެވެ.

ސްރީލަންކަން އެއާލައިންސްއިން ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކުވެސް މާލެއާ ކޮލޮމްބޯއާ ދެމެދު ހަތަރު ފްލައިޓު އޮޕަރޭޓު ކުރެއެވެ. އެއީ ހެނދުނުގެ ފްލައިޓަކާއި، މެންދުރުފަހުގެ ފްލައިޓަކާއި ހަވީރާއި އިރުއޮއްސޭ ވަގުތުގެ ފްލައިޓެއްގެ އިތުރުން ރޭގަނޑުގެ ފްލައިޓެކެވެ.

ސްރީލަންކަންއިން މާލެއަށް ކުރާ ދަތުރުތަކަށް އަންނަ ބަދަލާ ގުޅޭގޮތުން، އެ އެއާލައިންގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ ސުޖީވަ ރޮޑްރީގޯ "ސަން" އަށް ވިދާޅުވީ، އެއާލައިނުން ނިންމާފައިވަނީ ދެ ފްލައިޓެއް އެއްކޮށްލުމަށް ކަމަށެވެ.

"ހެނދުނުގެ ފްލައިޓު އޮންނާނެ، ޔޫއެލް 101 ހެނދުނު 8:15 ގައި މާލެ އައިސް، 9:30 ގައި ކޮލޮމްބޯއަށް ދިއުމަށް ފުރާ. ދެން އޮންނަނީ މެންދުރުފަހު 2:30 ގައި އަންނަ ޔޫއެލް 115 އާއި 3:30 ގައި ކޮލޮމްބޯއަށް ފުރާ ޔޫއެލް 116 ފްލައިޓު. މި ދެ ފްލައިޓު އަޅުގަނޑުމެން ނިންމާފައިވަނީ ކޮމްބައިން ކޮށްލަން،

"ހެނދުނުގެ ފްލައިޓު މާލެ އައިސް، މާލެ އެއާޕޯޓުގައު ޕާކު ކޮށްފައި އޮންނާނީ ހަވީރު ފްލައިޓުގެ ވަގުތާ ޖެހެންދެން. ހަވީރު ފްލައިޓުގެ ވަގުތު ޖެހުނީމަ އެ ފްލައިޓު ފުރާނީ،" ސުޖީވަ ވިދާޅުވިއެވެ.

އެހެންކަމުން މި ބަދަލާ ގުޅިގެން ރާއްޖެއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރާނީ ހަތަރު ފްލައިޓުގެ ބަދަލުގައި ތިން ފްލައިޓު ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ހިނގާނީ މިގޮތަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ "ސަން" އަށް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސްރީލަންކަން އެއާލައިންސްގެ ފަރާތުން އެމްއޭސީއެލްގެ އިސްވެރިންނާ ބައްދަލުކޮށް، މި މައުލޫމާތުތައް ވަނީ ހިއްސާ ކުރައްވައިފައެވެ.

"ޔޫއެލްއިން އަޅުގަނޑުމެންނާ މީޓު ކުރި. އެބޭފުޅުން ހެނދުނު އޮޕަރޭޓުކުރާ ފްލައިޓު މިތަނަށް އައިސް ދެން ފުރާނީ މެންދުރުފަހު. އެއީ 8:30 ގައި އައިސް ޑީޕާޗަރ 2:30 އަށް ބަދަލުކުރީ. އެ ފްލައިޓު މިކޮޅުގައި ހައެއް ނުވަތަ ހަތް ގަޑިއިރު ވަންދެން ލޭއޯވަރ ކޮށްފައި އޮންނާނެ. މިކޮޅު އެއާޕޯޓަކަށް އެއްވެސް ދައްޗެއް ނުވާނެ،" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރާތީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ކަހަލަ ބުރޫއެއް ނާރާނެ ކަމަށާއި، ސްރީލަންކަން ފިޔަވާ އިތުރު ފްލައިޓަކުން އެފަދަ ކަމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

"ކޮލޮމްބޯ އެއާޕޯޓު ބަންދުކުރާ ގަޑީގައި އޮންނަ ފްލައިޓުތަކަކީ ސީދާ ޑައިރެކްޓް ފްލައިޓުތައް. އެމިރޭޓްސް ވެސް ދެ ފްލައިޓު އޮޕަރޭޓު ކުރާނެ. ހެނދުނު އަންނަ ދެ ފްލައިޓު އައިއެންއައިއޭގައި ޖައްސާފައި ސީދާ ދުބާއީއަށް ދާނީ. އެމިރޭޓްސްއިން ހަވީރު އޮންނަ ފްލައިޓު އެކަނި ކޮލޮމްބޯއަށް ދާނީ. އޭރަށް ވާއިރަށް ކޮލޮމްބޯ އެއާޕޯޓު އޮންނާނީ އޮޕަރޭޝަނަށް އެނބުރި އައިސް،" އާދިލް ވިދާޅުވިއެވެ.

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ/ މެގަ މޯލްޑިވްސް

ކޮލޮމްބޯއާ މާލެއާ ދެމެދު މި މަހުގެ ތެރޭގައި ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ މެގަ މޯލްޑިވްސްގެ ތަރުޖަމާނު އަމީން ޖާވިދު ފައިސަލް ވެސް ވިދާޅުވި ގޮތުގައި، ކޮލޮމްބޯ އެއާޕޯޓު ބަންދުކުރާ ވަގުތާއި އެ އެއާލައިނުގެ ފްލައިޓުތަކުގެ ވަގުތާ ދިމައެއް ނުވެއެވެ.

އެހެންކަމުން މެގަ މޯލްޑިވްސްއިން ވެސް ލަންކާއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ބުރޫއެއް ނާރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް