ޕީޕީއެމް އޮފީހުގައި ބޭނުންކުރި ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކް ތަކާއި ބައެއް މުހިންމު ލިޔެކިޔުންތައް ނެތް މައްސަލަ ޕީޕީއެމް ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުން ފުލުހަށް ހުށަހަޅައިފި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދަކަވަމުން ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ކޯޓު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ޕީޕީއެމްގެ އޮފީހުން ތަކެތި ނެރުނު އިރު، ގިނަ ކޮމްޕިއުޓަރު ތަކުގެ ހާޑް ޑިސްކްތައް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް މުހިންމު ލިޔެކިޔުންތައްވެސް ނެތް ކަމަށް އާރިފް ވިދާޅުވި އެވެ.
"ހުރިހާ ޑިސްކެއްގައިވެސް ހުރިއްޔާ ހުރި އެއްޗެއް ހުރީ ފޯމެޓް ކޮށްލާފައި. ޕާޓީގެ ޑާޓާބޭސްއެއް ނެތް. އެހެންވީމަ ޕާޓީގެ ވަރަށް މުހިންމު ލިޔެކިޔުންތަކެއް އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔައީ. ޕާޓީގެ ހިސާބުތަކާއި ކުރީގެ ކުރެވިފައި ހުރި ޖަލްސާތަކުގެ ޔައުމިއްޔާތައް. އެހެން މީސްމީހުންނާ ހެދިފައި ހުރި އެއްބަސްވުންތައް ނެތް،" އަލީ އާރިފް ވިދާޅުވި އެވެ.
ޕާޓީގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް ރައީސް ޔާމީނާ ނުވަތަ ރައީސް ޔާމީނާ އެކު ޕާޓީ ހިންގުމުގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލުކުރަން ޖެހޭ ބައެއް ތަކެތި އެބޭފުޅުނަށް ނޭނގި އޮފީހުން ނެރެގެން ގެންގޮސްފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.
އެހެންކަމުން އެމައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ވާހަކައެއް ދެއްކި ނަމަވެސް " ވޯޓު ނެގޭވަރަށްކަަށް އިދިކޮޅު ފަރާތްތަކަށް މެމްބަރުން ހަމައެއް ނުކުރެވޭނެ" ކަން ޔަގީން ކަމަށެވެ.
ނިހާނު އެހެން ވިދާޅުވީ، މިހާރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ބައެއް މެމްބަރުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ނިހާން ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީއަށްވެސް މަޖިލީހުގައި އަމަލުކުރަމުންދާ އުސޫލަތަކަށާއި ދާއިމީ ކޮމިޓީތަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.