މޯލްޑިވިއަން އާއި މިސްކިތްމަގު މެޗުން ހުކުރު ދުވަހު ވޮލީ ލީގު ފަށަނީ

ވީއޭއެމް އިން އިންތިޒާމްކޮށްގެން މިއަހަރު ކުރިއަށް ގެންދިޔަ ސަލްސާ ވޮލީ ބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ބައްދަލުކުރާ މެޗުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވޮލީ މުބާރާތް ކަމުގައިވާ ގައުމީ ވޮލީބޯޅަ ލީގު އަންނަ ހުކުރު ދުވަހު ފަށަން ޝެޑިއުލް ކޮށްފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ގައުމީ ވޮލީބޯޅަ ލީގް ހުކުރު ދުވަހު ފަށާއިރު އެ ދުވަހު ކުޅޭނީ މިފަހަރު އަލަށް ތައާރަފްކުރި އަންހެން ޑިވިޝަނުގެ މެޗުތަކެވެ.

ހުކުރު ދުވަހުގެ ރޭ ކުޅޭނީ ޕޮލިސް ކްލަބާއި ކްލަބް ޕޯލް ސްޓާގެ މެޗެވެ. އެ ހަތަރު ޓީމުގެ އިތުރުން ދެން އަންހެން ޑިވިޝަނުގައި ވާދަކުރަނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަންއެވެ.

ފިރިހެން ޑިވިޝަންގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފާށާއި އިރު އެދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސްޕޯޓްސް ކްލަބް ސިޓީ އާއި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބެވެ. އެ ދެ ޓީމުގެ އިތުރުން ދެން ފިރިހެން ޑިވިޝަންގައި ވާދަކުރަނީ އެންމެ ފަހުގެ ރަނަރަޕް ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ކްލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިތުރުން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.

މިއަހަރުގެ ލީގު ފެށުމުގެ ގޮތުން ވީއޭއެމް އިން ވަނީ ލީގު ފޯރި ގަދަކުރުމުގެ ގޮތުން އެގްޒިބިޝަން ދެ މެޗު ކުޅުމަށް ހަމަޖައްސާފައެވެ. ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ކުޅޭނީ ލީގުގައި ވާދަކުރާ ބިދޭސީ ފިރިހެން ކުޅުންތެރިންނާއި ރާއްޖޭގެ ފިރިހެން ކުޅުންތެރިންނެވެ. ދެވަނަ މެޗުގައި ލީގުގައި ވާދަކުރާ ބިދޭސީ އަންހެން ކުޅުންތެރިން ނިކުންނާނި ލީގުގައި ވާދަކުރާ އަންހެން ކުޅުންތެރިންނާ ދެކޮޅަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތުގައި ބިދޭސީ ކުޅުންތެރީން ޓީމް ތަކުގައި ހިމަނާއިރު ސެންޓްރަލް ޒޯނުގެ ކުޅުންތެރިއަކަށް ވާކަށް ލާޒިމެއް ނުކުރެއެވެ. އެއާ ޚިލާފަށް ކޮންމެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއެއް ވެސް ޓީމުގައި ހިމެނޭނެއެވެ.

ނޮވެމްބަރު 18ގައި ލީގު ނިމުމާ އެކު ގައުމީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަން ފަށާނެ އެވެ. ގައުމީ މުބާރާތަށް ހޮވޭނީ ދެ ޑިވިޝަނުން ވެސް އެންމެ ކުރި ހޯދާ ހަތަރު ޓިމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ.

comment ކޮމެންޓް