އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލައިގައި އިލެކްޝަންސް ގޮވައިގެން ކޯޓަށް

"އަނިޔާވެރިކަމާ ދެކޮޅަށް" ކަމަަށް ބުނެ، ސަރުކާރާ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއްގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަފުޅުދައްކަވަނީ: މުޒާހަރާ އާ ގުޅިގެން ޖޫރިމަނާ ކުރި މައްސަލަ އަދާލަތުން ވަނީ ކޯޓަށް ހުށަހަޅާފައި -- ސަން ފޮައިލް ފޮޓޯ

މާލޭގައި ކުރި ބައެއް މުޒާހަރާ ތަކާ ގުޅިގެން އަދާލަތު ޕާޓީ ޖޫރިމަނާ ކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅީ ބައެއް މައްސަލަތަކާ ގުޅިގެން އަދާލަތު ޕާޓީ ގަވާއިދާ ހިލާފަށް ޖޫރިމަނާ ކުރި މައްސަލައިގައި ކަމަށެވެ. އެމައްސަލައިގެ ޑިސްޕިއުޓުގެ ފުރަތަމަ އަޑުއެހުން މާދަމާ 11:00 އަށް ވަނީ ސިވިލް ކޯޓުގައި ތާވަލުކޮށްފައެވެ.

އެނގިފައިވާ ގޮތުން އިލެކްޝަނުން އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ 27 ގައި ކުރި މުޒާހަރާ އާއި މިއަހަރު މޭ މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާއާ ގުޅިގެންނެވެ. އޭގެ އިތުރުން މިދިޔަ އަހަރު ޑިސެމްބަރު މަހު "މިންޖުވާން" ނަމުގައި ކުރި މުޒާހަރާއާ ގުޅިގެންވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.

މޭޑޭގައި ކުރި މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީ ވަނީ 69،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މިންޖުވާން މުޒާހަރާއާ ގުޅިގެން 75،000 ރުފިޔާއިން އަދާލަތު ވަނީ ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް