ހިގުއައިންގެ ކުރީގެ ކްލަބު ކޮޅަށް ޖެހި ގޯލާއެކު ޔުވެންޓަސްގެ ލީޑް ފަސް ޕޮއިންޓަށް

އިޓަލިއަން ލީގްގައި ރޭ ޔުވެންޓަސް އާއި ނަޕޯލީ ކުޅުނު މެޗުގައި ހިގުއައިންގެ ގޯލަށްފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މި ސީޒަނުގައި ދުނިޔޭގެ ތިން ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އިޓަލީގެ ނަޕޯލީން ޔުވެންޓަސް އަށް ބަދަލުވި ގޮންޒާލޯ ހިގުއައިން އޭނާގެ ކުރީގެ ކްލަބު ކޮޅަށް ކާމިޔާބުކޮށްދިން ގޯލާއެކު 2-1ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެ ލީގުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ އެއްވަނާގައި ޔުވެންޓަސް އޮތީ ކުޅުނު 11 މެޗުން 27 ޕޮއިންޓް ލިބިގެންނެވެ. ނަމަވެސް ދެވަނާގައި 22 ޕޮއިންޓާއެކު އޮތް ރޯމާ މިރޭ އެމްޕޯލީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ލީޑު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ރޭގެ މެޗުން ބަލިވި ނަޕޯލީ އޮތީ އެޓީމު ކުޅުނު 11 މެޗުން 20 ޕޮއިންޓް ލިބިގެން ތާވަލުގެ ތިން ވަނާގައެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ލިބުނީ ދެވަނަ ހާފް ފެށިގެން ފަސް ވަނަ މިނެޓްގައި ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ކާމިޔާބުކޮށްދިން ގޯލުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ނަޕޯލީން ވަނީ ހޯސޭ ކަޔެހޮންގެ ގޯލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ރޭގެ މެޗުން ޔުވެންޓަސްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހިގުއައިން އެވެ. ނަމަވެސް އެ ގޯލަށް ފަހު އޭނާގެ ކުރީގެ ކުލަބާއި ސަޕޯޓަރުންނަށް އިހްތިރާމް ކުރުމުގެ ގޮތުން ހިގުއައިން އުފާފާޅެއް ނުކުރެ އެވެ.

comment ކޮމެންޓް