އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން، ޔުވެންޓަސްގެ އަތް ދަށުވެ، އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.
ޔޫވޭގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނެވެ. މެޗުގެ 74 ވަނަ މިނެޓުގައި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފްރެންސިސްކޯ ކޮންސެއިސާއޯއެވެ. މެޗު ނިމުނީ އެ އޮތްގޮތަށް އޮވެގެންނެވެ.
މި ކާމިޔާބީއާ އެކު ޔޫވޭ މިހާރު އޮތީ ކުޅުނު 25 މެޗުން ލިބިފައިވާ 46 ޕޮއިންޓާ އެކު ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އިންޓާ އޮތީ 54 ޕޮއިންޓާ އެކު ދެވަނައިގައެވެ. މެޗުން ބަލިވުމުން އިންޓާއަށް އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލުނީއެވެ.
މި ހަފުތާގައި އެއްވަނައިގައި އޮތް ނަޕޯލީއާއި ލާޒިއޯ ބައްދަލުކުރި މެޗު 2-2 އެއްވަރުވުމުން އިންޓާއަށް އޮތީ މި މެޗުން މޮޅުވެވުނު ނަމަ އެއްވަނަ ލިބޭށެވެ. ނަޕޯލީ އެއްވަނައިގައި އޮތީ 56 ޕޮއިންޓާ އެކުއެވެ.
މި މުބާރާތުގައި އޭއެސް ރޯމާއާއި ޕާމާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ރޯމާއިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ފެނުނީ ޕާމާގެ ޖިއޮވާނީ ލެއޮނީއަށް ރަތް ކާޑު ދެއްކި ތަނެވެ. މި ކާޑު ދެއްކިތާ ދެ މިނެޓް ފަހުން މަތިއަސް ސައުލޭ ކާމިޔާބުކޮށްދިން ލަނޑުން ރޯމާ ލީޑު ނެގިއެވެ.
މި ކާމިޔާބީއާ އެކު ރޯމާ މިހާރު އޮތީ 37 ޕޮއިންޓާ އެކު ނުވަވަނައިގައެވެ. ޕާމާ އޮތީ 20 ޕޮއިންޓާ އެކު 18 ވަނައިގައެވެ.