145 މިލިޔަން ރުފިޔާގެ ކުޅިވަރު މަޝްރޫއު ހިންގުމަށް މިއަހަރުތެރޭ ހުއްދަ ދެވިފައިވޭ: ކުޅިވަރާބެހޭ ވަޒީރު

ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން -- ފޮޓޯ: ޔޫތުމިނިސްޓްރީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާތައް ގާއިމުކުރުމަށް މިއަހަރުގެ މިހާތަނަށް އައިރު 145 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހިންގުމަށް ހުއްދަދެވިފައި ވާކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލް ދަނޑު ހުޅުވުމަށް އެރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އިރުތިޝާމް ވިދާޅުވީ، ޒުވާނުންނާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ޒުވާނުންގެ ރައީސް ކުރައްވަމުން ގެންދަވަނީ ވަކި ރަށަކަށް ވަކި އަތޮޅަކަށް ބެއްލެވުމެއްނެތި ކަމަށެވެ.

"މިހިނގާ 2016 ވަނަ އަހަރަށް ބަލައިލި ކަމުގައިވީނަމަވެސް ޒުވާނުންގެ ތަރައްގީއަށް، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރު ގާއިމްކޮށްދިނުމަށް މިނިސްޓްރީން ވަނީ ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފަ. އެގޮތުން މިއަހަރު މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 145 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހިންގުމަށް ވަނީ ހުއްދަ ދެވިފަ،" ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.

ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން -- ފޮޓޯ: ޔޫތުމިނިސްޓްރީ

އޭނާ ވިދާޅުވީ، ފެންނަންހުރި ތަފާސް ހިސާބުތަކަށް ބަލައިލުމުންވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށާއި، ކުޅިވަރު ކުރިއެރުމަށާއި، ކުޅިވަރުގެ އެކި މުބާރާތްތަކަށް، ކުޅިވަރާބެހޭ ވުޒާރާގެ ބަޖެޓުން ބޮޑު ހޭދަތަކެއް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

"ޕީއެސްއައިޕީ ބަޖެޓުން މިއަހަރުގެ މިހާތަނަށް އެކި މަޝްރޫޢުތައް ހިންގުމަށް 52 މިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދު ކުރެވިފަައި،" ވަޒީރު ވިދާޅުވިއެވެ.

ނ. އަތޮޅުގެ ހުރިހާ ރަށްތަކަކީވެސް ކުޅިވަރަށް ނުހަނު ލޯބިކުރާ، ކުޅިވަރުގެ ވަސީލަތްތަކަށް ބޭނުންވެފައިވާ ރައްޔިތެއް ދިރިއުޅެމުންދާ ރަށްތަކެއް ކަމަށާއިއެގޮތުން، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އަތޮޅުގެ އެކި ރަށްރަށުގައި 57 މަޝްރޫއެއް ކުޅިވަރާބެހޭ ވުޒާރާއިން ހިންގާފައިވާ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ. އަދި މި މަޝްރޫޫއުތަކަށް 21 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައި ވާ ކަމަށާއި، އިތުރު ފަސް މަޝްރޫއެއް އިއުލާނުކުރުމަށް މިހާރު ކައުންސިލްތަކާ ހަވާލުކުރެވިފަައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ ވަކި އަތޮޅަކަށް ބަލާއިރު މިނިސްޓްރީގެ މަޝްރޫޢުތައް އެންމެ ބާރު ސްޕީޑުގައި ކުރިއަށްދާ އެއް އަތޮޅު ކަންވެސް ފާހަގަކޮށްލަން. ޒުވާނުންނާއި ގުޅުންހުރި މިފަދަ މުހިންމު މަޝްރޫޢުތައް ނިންމުމުގައި ނ. އަތޮޅުގެ އެކި ރަށްތަކުގެ ކައުންސިލްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށްވެސް މިފުރުސަތުގައި ޝުކުރު ދަންނަވަން،" އެކަމަނާ ވިދާޅުވިއެވެ.

ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން -- ފޮޓޯ: ޔޫތުމިނިސްޓްރީ

މިމަހުގެ 20-21 އަށް ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި "ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރ"ގައިތަގުރީރުކުރައްވަމުން، ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ވިދާޅުވެފައި ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ތިން ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 154.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން -- ފޮޓޯ: ޔޫތުމިނިސްޓްރީ

އެހެންކަމުން މިއަހަރަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްފަހުން، ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރު އިތުރުކޮށް ވަރުގަދަކުރުމަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އަހަރުކަން ފާހަގަކޮށްލަން ޖެއެހެވެ.

comment ކޮމެންޓް