މި ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ނުވަތަ "ނޭޝަނަލް ފުޓްސަލް އެރީނާ"ގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ، ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވާ ލިއޯ ޓްރޭޑިން އާއެވެ. ރާއްޖޭގައި ލޮޖިސްޓިކްސް ޚިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ލިއޯ ޓްރޭޑިންއިން އިމާރާތްކުރުމުގެ ދާއިރާއިން ވެސް ފެންވަރު ރަނގަޅު، މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނެޓްބޯޅަ އާއި ފުޓްސަލްއަށް ޚާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24ގައެވެ.
ފުޓްސަލް އިންޑޯގެ މަސައްކަތް ކުރަން ނިންމާފައިވާ ސަރަހައްދު ރަތް ކުލައިން ފާހަގަކޮށްފައި--އެއަށްފަހު، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މި ކޮމްޕްލެކްސްގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑަކާއި، ތަމްރީނުތަކަށް ބޭނުންކުރާނެ ދަނޑުތައް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފުޓްސަލް އިންޑޯ ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ގްރައުންޑް ފްލޯގެ އިތުރުން ދެ ފްލޯ ހިމެނޭ ގޮތަށެވެ. މީގެ ތެރެއިން ގްރައުންޑް ފްލޯ ޚާއްސަކުރާނީ ބައިނަލްއަގުވާމީ ފީފާ މިންގަނޑުތަކަށް ފެތޭ މުބާރާތްތަކުގެ މެޗުތަކަށެވެ. އަދި މަތީ ދެ ފްލޯގައި ތަމްރީނުތަކަށް ޚާއްސަ ހަތަރު ޕިޗު ގާއިމުކުރާނެ ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
މީގެ އިތުރުން، ކުޅުންތެރިންގެ ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމް، ލޭންގުއޭޖް/ޓެކްނިކަލް ރޫމްތަކުގެ އިތުރުން ކެފެޓީރިއާއެއް ވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކުން ހާމަވެއެވެ.
ރާއްޖެއިން ވަނީ ފުޓްސަލް އިންޑޯއެއް ނެތި ވެސް، ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ހޯދައިފައިވާއިރު، ދާދި ފަހުން ޗައިނާގައި ބޭއްވި އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދާފައެވެ.