ވެލިދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ހުޅުވައިފި

ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން -- ފޮޓޯ: ޔޫތުމިނިސްޓްރީ

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ނ. ވެލިދޫގައި ސަރުކާރުން ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ، ވެލިދޫގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ވެލިދޫ ފުޓްސަލް ދަނޑު ރައްމީކޮށް ހުޅުވައިދެއްވީ، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިރުތިޝާމް ވިދާޅުވީ، މިއީ "ކަނު އަނދިރީގައި ހޭދަކުރި ކުޅިވަރުގެ ހަޔާތް ނިންމަލުމަށްފަހު ރޭގަނޑުގައި ލައިޓް އަލީގައިވެސް ކުޅެވޭނެ އިންތިޒާމު ވެލިދޫ ޒުވާނުންނަށް ލިބިގެންދާރޭ"ކަމަށެވެ.

ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން -- ފޮޓޯ: ޔޫތުމިނިސްޓްރީ

އެކަމަނާ ވިދާޅުވީ، މިއީ ރައީސުލް ޖުހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދިވެހި ޒުވާނުންނަށް ގެނެސްދެއްވަން ވައުދުވި ތަރައްގީ ކަމަށެވެ.

"ޒުވާނުންނަކީ ހުސްވަގުތުގައި ކުޅިވަރާއި ކަސްރަތުގައި ޝާމިލުވާ ބަޔަކަށް ހެދުމަށް އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތް ހއ. ތުރާކުނުން ފެށިގެން ސ. ގަމާއި ހަމަޔަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ވެލިދޫ ޒުވާނުން އެއްވެސް ފީއަކާ ނުލައި ބޭނުންކުރުމަށް ރޭ ހުޅުވި ފުޓްސަލް ދަނޑަކީ، ސަރުކާރުގެ ބަޖެޓުން 1.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ވެލިދޫގައި ސްޕޯޓްސް އެރީނާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އެގޮތުން ބަށި ކޯޓެއް ނިމި، ނެޓުބޯޅަ ކޯޓް އަދި ވޮލީ ކޯޓެއް އެޅުމަށް އިއުލާނު ކުރުމަށް ކައުންސިލާ ވަނީ ހަވާލުކުރެވިފަ. މީގެ އިތުރުން މިރަށުގެ ފުޓުބޯޅަ ދަނޑުގެ ލެވެލް ކުރެވި ވަށާ ފެންސު ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް ފާހަގަ ކޮށްލަން،" އިރުތިޝާމް ވިދާޅުވިއެވެ.

ނ. ވެލިދޫގައި ގާއިމުކުރާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެތެރޭން -- ފޮޓޯ: ޔޫތުމިނިސްޓްރީ

އެކަމަނާ ވިދާޅުވީ، ވެލިދޫގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރުމަށް ކުރާ މަސައްކަތްތަކަށް 2.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ޚަރަދު ކޮށްފައިވާ ކަމަށެވެ.

ވެލިދޫގައި ކުޅިވަރުގެ މިފަދަ ގިނަ ވަސީލަތްތައް ގާއިމްކުރެވިގެން ދިއުމުގެ މާނައަކީ، ވެލިދުއަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް، އަދި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެއްކަން ހާމަވެގެންދިއުންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ވެލިދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވަޒީރު އިރުތިޝާމްގެ އިތުރުން، އެ ވުޒާރާގެ ނައިބުންނާއި، ނ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ވެލިދޫ ކައުންސިލުގެ ރައީސާއި އަދި ކައުންސިލަރުންނާއި އެ ރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

comment ކޮމެންޓް