މަޖިލީހުގެ އިތުރު ފަސް މެމްބަރަކު މައުމޫން ފެކްޝަނާ ގުޅިވަޑައިގެންފި

މައުމޫނު ފެކްޝަނާ އަލަށް ގުޅިވަޑައިގެން ފަސް މެމްބަރުން: އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)، ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ -- މަޖިލިސް ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިތުރު ފަސް މެމްބަރަކު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ (ޕީޕީއެމް)ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ ފެކްޝަނާ ގުޅިވަޑައިގެންފިއެވެ.

އެ މެމްބަރުންނަކީ، ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީއާއި، ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)އާއި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްޠަފާގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވާ، ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފެވެ.

މައުމޫނު ފެކްޝަނާ އަލަށް ގުޅިވަޑައިގެން ފަސް މެމްބަރުންނާ އެކު ޕީޕީއެމުން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު ސާއިލް އަލީ

މީގެ ކުރީން މައުމޫނު ފެކްޝަނާ ގުޅިވަޑައިގަތް މަޖިލިސް މެމްބަރުންނަކީ، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ، އެ އަށް މެމްބަރުންގެ ޕާލަމެންޓްރީ ގުރޫޕުން މަސައްކަތް ކުރާނީ ޕީޕީއެމްގެ އަނެއް ޕީޖީ ގުރޫޕާއި ވަކިން ކަމަށެވެ.

އަށް މެމްބަރުންގެ އެޕީޖީ ގުރޫޕުން ކަންކަން ނިންމާނީ ގައުމުގެ މަސްލަހަތައް ބަލައިގެން ކަމަށާއި ސަރުކާރުންވެސް ރަނގަޅުކަމެއްކުރާނަމަ އެއްބާރުލުން ދޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

އެ އަށް މެމްބަރުން ނިންމާފައިވަނީ އެހެންޕާޓީ ތަކާއި ގުޅިގެން މަސައްކަތް ކުރުމަށެވެ.

މިއަދު މައުމޫނާ ގުޅިވަޑައިގެންނެވި އަށް މެމްބަރުންގެ އިތުރުން ދެން އެބޭފުޅުންނަށް ތާއީދު ކުރާނެ ކަމަށް ބެލެވެނީ ޖޭޕީގެ ހަތް މެމްބަރުންނާއި އެމްޑީޕީގެ 21 މެމްބަރުންނާއި އަދާލަތު ޕާޓީގެ އަނާރާ ނައީމާއެކު 40 މެމްބަރުންނެވެ. ސަރުކާރު ކޯލިޝަން އެމްޑީއޭއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަސް މެމްބަރުންނާއި އެކު ރައީސް ޔާމީންގެ ކޮޅުގައި ގާތްގަނޑަކަށް 45 މެމްބަރުން އެބަތިއްބެވެ.

comment ކޮމެންޓް