އެންމެފަހުން ނާގޯށި އެމްޓީޑީސީން ވަކިކޮށް، އަމިއްލަ ބަޔަކަށް ދެނީ

ހދ. ނާގޯށި

ރިސޯޓު ތަރައްގީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުން ދީފައިވާ ހދ. ނާގޯށީގެ މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ އެ ރަށް އެމްޓީޑީސީގެ ދަށުން ވަކިކޮށް، އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރަން ނިންމައިފި އެވެ.

އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށީގައި ރިސޯޓު ހެދުމަށް 2007 ވަނަ އަހަރު އެކުންފުނިން ވަނީ، ތްރީކޭ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެ ރަށް ސަބްލީޒް ކޮށްފައެވެ.

ހދ. ނެއްލައިދޫ ބަނދަރު ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އެމްޓީޑީސީގެ ދަށުން ނާގޯށި ވަކިކޮށް، އެރަށް ތަރައްގީ ކުރުމަށް ރަނގަޅު އިންވެސްޓަރެއް ހޯދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެރަށް ތަރައްގީ ކުރެވޭނެ ވަރުގެ އިންވެސްޓަރަކު ލިބިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޝުޖާއު "ސަން" އަށް މިރޭ ވިދާޅުވީ، ސަރުކާރުން މިފަދަ ނިންމުމެއްގެ މައުލޫމާތު އެމްޓީޑީސީއާ މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ޝުޖާއު މީގެ ދެ ހަފްތާ ކުރިން "ސަން" އަށް ވިދާޅުވި ގޮތުގައި، ނާގޯށީގެ މަސައްކަތްތައް އޮތީ، ތްރީކޭ އިންޓަނޭޝަނަލަށް ދިމާވި ދަތިތަކަކާ ހުރެ ހުއްޓިފައެވެ.

"މިހާރު އެ ދަތިތައް ހައްލުކުރުމަށް މަޝްވަރާ ކުރަމުން މި ދަނީ،" ޝުޖާއު ވިދާޅުވިއެވެ.

މީގެ ކުރިން އެމްޓީޑީސީއިން ބުނެފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނާގޯށި ހުޅުވާނެ ކަމަށެވެ. ނަމަވެސް ރިސޯޓު ތަރައްގީކުރާ ކުންފުންޏަށް ދިމާވި މައްސަލަތަކާ ގުޅިގެން އެ ތާރީޚު ވެސް ވަނީ ލަސްކޮށްފައެވެ.

comment ކޮމެންޓް