ނާގޯށީގައި ހަދާ ރިސޯޓުގެ މަސައްކަތް ހުއްޓިފައި

ހދ. ނާގޯށި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުން ކުއްޔަށް ދީފައިވާ ހދ. ނާގޯށީގައި ރިސޯޓު ތަރައްގީކުރާ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވެ، އެ މަޝްރޫޢު މިވަގުތު އޮތީ ހުއްޓިފައި ކަމަށް އެމްޓީޑީސީން ބުނެފިއެވެ.

ރިސޯޓު ހެދުމަށް އެމްޓީޑީސީއަށް ކުއްޔަށް ދޫކުރި ހދ. ނާގޯށި، 2007 ވަނަ އަހަރު ތްރީކޭ އިންޓަނޭޝާނަލް ކިޔާ ކުންފުންޏަކަށް ސަބް ލީޒް ކޮށްފައިވާ އިރު، އެ ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ތްރީކޭ އިންޓަނޭޝަނަލުންނެވެ.

އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޝުޖާއު "ސަން" އަށް މިއަދު ވިދާޅުވީ، ނާގޯށީގެ މަޝްރޫއު މިވަގުތު އޮތީ ހުއްޓިފައި ކަމަށެވެ.

ސަބަބެއް ކަމުގައި ޝުޖާއު ވިދާޅުވީ، އެ މަޝްރޫއު ކުރިޔަށް ގެންދާ ތްރީކޭ އިންޓަނޭޝަނަލަށް ބައެއް ކަހަލަ ދަތިތަކެއް ކުރިމަތިވެފައި އޮތުމުންނެވެ.

އެމްޓީޑީސީން މި ހަފްތާގައި ވަނީ، ނާގޯށީގައި ތަރައްގީކުރާ ރިސޯޓުގެ ޕްރޮގްރެސް ބެލުމަށް ސާވޭއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ވެސް ކޮށްފައެވެ.

ޝުޖާއު ވިދާޅުވީ، ނާގޯށީގެ މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާ އައުން ނިމުމަކަށް ގެނެސް، އެ މަޝްރޫއު އަލުން ފަށައިގަތުމަށްޓަކައި ތްރީކޭ އިންޓަނޭޝަނަލާ އެކު އެމްޓީޑީސީން ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

"މިހާރު އެ ދަތިތައް ހައްލުކުރުމަށް މަޝްވަރާ ކުރަމުން މި ދަނީ،" ޝުޖާއު ވިދާޅުވިއެވެ.

އެމްޓީޑީސީން މީގެ ކުރިން ބުނެފައިވަނީ، އަންނަ އަހަރުގެ މެއި މަސް ހާ ތަނުގައި ނާގޯށީގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ކުރިން ލަފާކުރި ގޮތަަށް މަސައްކަތް ނުދާ ކަމަށާއި، ނާގޯށި ހުޅުވުން ލަސްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

comment ކޮމެންޓް