މިދިޔަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ތިން މަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން އޮތް މުއްދަތު ހަ މަހަށް އިތުރުކޮށް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބޭރުކޮށްލައިފި އެވެ.
އެ ބިލުގެ ބަހުސް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލު މަޖިލީހުން ބޭރުކޮށްލީ 36 މެމްބަރުން އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދިނުމުން ނެވެ. ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރެކެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ތިންމަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން އޮތް މުއްދަތު ހަމަސް ދުވަހަށް އިތުރުކުރަން ހުށަހަޅާ ކަމަށެވެ.
ބިލުގައި މިހާރު ބުނެފައި ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ވޯކު ވީޒާ ލިބިފައިވާ ބިދޭސީންނަށާއި ވޯކް ވީޒާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް ވަޒީފާ ދޭ ފަރާތުން ސާވިސް ޗާޖު އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް ފައިސާގެ އަދަދެއް ދޭންވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވިފައިވާ ބޭންކު އެކައުންޓެއް މެދުވެރިކޮށް ކަމަށެވެ.
ބިދޭސީ މުވައްޒަފެއްގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވުމަށް ގާނޫނުން އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތު ވަޒީފާ ދޭ ފަރާތުން ދޭންޖެހޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ޓޫރިޒަމްގެ ގާނޫނަށް ފައިސަލް ހުށަހެޅުއްވި އިސްލާހު ވެސް ވަނީ ބޭރުކޮށްލައިފަ އެވެ. އެ އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްލީ 37 މެމްބަރުން އެ އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވުމުން ނެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޓޫރިސްޓު ރިސޯޓު އަދި ޓޫރިސްޓު ހޮޓާތަކުގެ މެނޭޖުމަންޓު ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓު ވަޒީފާގެ ފުރުސަތު ދިވެހި މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ޓޫރިސްޓު ރިސޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ހުޅުވާތާ މަދުވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ 50 ޕަސެންޓު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭންވާނެ ކަމަށެވެ.
ފައިސަލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި "ހިނގަމުންދާ" ޓޫރިސްޓު ރިސޯޓު ނުވަތަ ޓޫރިސްޓު ހޮޓާތަކުގެ މެނޭޖުމަންޓު ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ 50 ޕަސެންޓަކީ ދިވެހިން ކަމުގައި ހަމަޖައްސަންވާނެ ކަމަށެވެ