މެންބަރު ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުން ބަލަނީ

މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު: އޭނާއަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އިތުބާރު ހުރި މަސްދަރަކުން ވަނީ، ޒަރީރަށް ރޭގެ ވަގުތެއްގައި ހަމަލާދިންކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. ޒަރީރާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ބަލާ ކަމަށް ވިދާޅުވެ އިތުރު ތަފްސީލެއް ނުދެއްވިއެވެ.

https://sun.mv/223994

ފުލުހުން މިއަދު ބުނީ، ޒަރީރަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ލިބުނު ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރާ ކަމަށް ބުނި ނަމަވެސް، މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ނުބުނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ނަވާރަވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ޒަރީރަށް މީގެ ތިން އަހަރު ކުރިން ބަޔަކު ހަމަލާދިނެވެ.

ޒަރީރަށް ހަމަލާދިނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް، މެއި 1، 2023ގައި ފަތިހު 04:15 އެހާކަންހާއިރު ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ ތެރެއިންނެވެ.

އެގޮތުން ޒަރީރުގެ ގައިގައި އަތުންނާއި ފައިން ތެޅުމަށްފަހު، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ހަމަލާދީފައިވެއެވެ. މި މައްސަލައިގައި ޒަރީރު ވިދާޅުވާ ގޮތުގައި އޭނާއަށް ހަމަލާދިނީ ފަސް މީހުންގެ ގްރޫޕަކުންނެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ތ. ކިނބިދޫ، ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން، މާލޭ ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށެވެ.

މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ޢަބްދުﷲގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ކުރި މާރާމާރީގެ ދައުވާ އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން ވެސް އޭރު މިނިވަންކޮށްފައެވެ.

ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ރޭގެ ވަގުތެއްގައި ދިން ހަމަލާއަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. މި ހަމަލާއާ ގުޅިގެން ޒަރީރުގެ ހާލު ރަނގަޅުކަމަށް އޭނާ ވިދާޅުވެފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުވެސް ޒަރީރަށް ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އެފަހަރު މަރުތޭލަކުން ބޮލަށް ހަމަލާދިން މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް، އެކަށީގެންވާ ހެކި ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އެމީހުން މިނިވަންކޮށްފައެވެ.

  • މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ރޭގެ ވަގުތެއްގައި ހަމަލާއެއް ދީފި.
  • މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އައި ނަމަވެސް، މީހަކު ހައްޔަރުކުރިކަން އަދި ކަށަވަރެއް ނުވޭ.
  • ހަމަލާއަށްފަހު ޒަރީރުގެ ހާލު ރަނގަޅުކަމަށް އޭނާ ވަނީ ވިދާޅުވެފައި.
  • މީގެ ތިން އަހަރު ކުރިންވެސް ބަޔަކު ވަނީ ޒަރީރަށް ނުރައްކާތެރި ހަމަލާއެއް ދީފައި.
  • ކުރީގެ ހަމަލާއާ ގުޅިގެން ދައުވާކުރި މީހުން ކޯޓުން ވަނީ ހެކި ނެތިގެން މިނިވަންކޮށްފައި.
comment ކޮމެންޓް