ތުއްތު ކުއްޖާ މަރުވި މައްސަލައާ ގުޅިގެން ޖެންޑާއިން ކޮމިޓީއެއް އުފައްދައިފި

ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފިޔަވަތި' އަށް ޖެންޑާ މިނިސްޓަރު ޒެނީޝާ މީގެ ކުރީން ކުރެއްވި ޒިޔާރަތުގައި އެތަނުގައި ދިރިއުޅޭ ބައެއް ކުދިންނާއެކު --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ހުޅުމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާ، ފިޔަވަތީގެ ބެލުމުގެ ދަށުގައި ހުއްޓައި ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޖެންޑާއިން އަންގާރަ ދުވަހު ބުނީ، "މިދިޔަ ހޯމަ ދުވަހު، ދައުލަތުގެ ބެލުމުގެ ދަށުން ހުޅުމާލެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދިޔަ ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ނިޔާވުމާ ގުޅިގެން މުސްތަގުބަލުގައި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމައްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބަލައި، މި މައްސަލަ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އެކިއެކި މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ މައްސަލަބަލާ ކޮމިޓީއެއް މި މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ އެކުލަވާލައިފައި" ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި -- ސަން ފައިލް ފޮޓޯ

ޖެންޑާއިން މިއަދު އެކުލަވައިލި ކޮމިޓީގެ މެންބަރުންގެ ގޮތުގައި އެ މިނިސްޓްރީގެ އިތުރުން ހިމެނެނީ، ބަންޑާރަ ނައިބުގެ އޮފީހާއި، އައިޖީއެމް ހޮސްޕިޓަލާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި މަދަނީ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ގެ މަންދޫންބުން ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މިއަދު އެކުލަވައިލި އެ ކޮމިޓީގެ ފަރާތުން ތުއްތު ކުއްޖާ މަރުވި މައްސަލަ ބަލައި، ހޯދާ ހޯދުންތަކަށް ރިއާޔަތްކޮށް، އެ މިނިސްޓްރީން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައި ތިބޭ، ކުދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަރުކަޒުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނޭކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

ތުއްތު ކުއްޖާ މަރުވި މައްސަލައާ ގުޅިގެން ޖެންޑާއިން ކޮމިޓީއެއް އުފައްދާފައި މިވަނީ، އެކުއްޖާ މަރުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަގީގަތް ދެނެގަތުމަށް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމާފައި ވަނިކޮށެވެ. އެހެން ނަމަވެސް އެކުއްޖާގެ ޕޯސްޓްމޯޓަމް ހަދާނޭ ވަކި ދުވަހެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބީއެމްއެލްގެ މުވައްޒަފުން ހުޅުމާލޭ ފިޔަވަތި ހިޔާގައި، އެތަނުގެ ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރަނީ -- ސަން ފައިލް ފޮޓޯ: ބީއެމްއެލް

އިއްޔެ 11:14 ކަންހާއިރު އެކުއްޖާއަށް ނޭވާލުމުގައި ދަތިތަކެއް އުޅޭތީ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިމަޖެންސީގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ކުއްޖާ އޮތީ މަރުވެފައިކަމަށް ޖެންޑާއިން ބުނެއެވެ.

ޖެންޑާއިން ބުނީ، ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއަށް ވެސް އެ މިނިސްޓަރީން ހުށަހަޅާފައިވާއިރު، އެ ތަހުގީގަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެންމެހައި މުއައްސަސާތަކަށް މިނިސްޓްރީން ދޭނޭކަމަށެވެ.

ހުޅުމާލޭގައި މިއަހަރު ކުރީކޮޅު ހުޅުވި ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި 10 އަހަރުން ދަށުގެ 85 ވަރަކަށް ކުދިން އުޅެއެވެ.

comment ކޮމެންޓް