މަގުސަދު ހާސިލް ނުވާ ބޮޑު ޒިންމާއެއް!

ސެކިއުރިޓީ ގާޑަކު ނިދާފައި-- ސަން ފައިލް ފޮޓޯ

އެ ބޭބެ އިންނަނީ ގަލޮޅު ދަނޑުކައިރި ގެއެއްގެ ސެކިއުރިޓީއަށެވެ. އެބޭބެގެ އުމުރުން 70 އަށްވުރެ މައްޗަށް ހިނގައިދާނެ އެވެ. ހަށިގަނޑު ފަލަވުމާއި ބަލިހާލު ހުރި ގޮތުން ހަމަ ކިރިޔާ ހިނގެނީ އެވެ. ގެކައިރި މިސްކިތާއި ހަމައަށް ވެސް ދެވޭނީ އެތައް އިރަކުންނެވެ. އާންމުކޮށް މުންޑު ލައިގެން އުޅޭ ބޭބެ ފަޓޫލު ލައިގެން ދަށަށް ޖަހާފައި ހުންނަނީ އެތައް ބަޔަކާއި އެތައް އަގު ބޮޑު މުދަލެއްގެ ފާރަވެރިއަކަށެވެ. އެހާ ދުވަސްވީ މީހަކު އެކަހަލަ ގޮތަކަށް އިނުމުން ހިތައް ލިބޭ ހިތްދަތިކަމާއެކު އެ ބޭބެ އާއި ހަވާލުކޮށްފައިވާ ޒިންމާ އެކަށީގެންވޭ ބާއޭ މިއީ ކުރެވޭ ބޮޑު ސުވާލެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އަމިއްލަ ސެކިއުރިޓީ ކުންފުނިތައް ނުވަތަ ވަކިވަކި ފަރުދުން މުދަލާއި ދިރިއުޅުމުގެ ފާރައަށް ބެހެއްޓުމަކީ ރާއްޖޭގައި ވެސް ކުރާ ވިޔަފާރިއެކެވެ. ނަމަވެސް ގިނަ ފަހަރަށް އެކަން ކުރަނީ ނަމެއްގައެވެ. އެކަށޭނަ ވަސީލަތް ބޭނުންނުކުރާއިރު ގާބިލް މީހުން ބޭނުންކުރާތަން ވެސް ފެންނަނީ ވަރަށް މަދުންނެވެ.

ސެކިއުރިޓީ ގާޑަކު ނިދާފައި-- ސަން ފައިލް ފޮޓޯ

މެންދަމު ވަގުތު މަގުމަތީ އުޅޭ މީހަކަށް އެންމެ ގިނައިން ފެންނާނެ އެއް މަންޒަރަކީ ގަދަ ގުގުރީގައި ސެކިއުރިޓީ ގާޑުން ނިދާފައި ތިބޭ މަންޒަރެވެ. އަގުބޮޑެތި މުދާތައް ލައިފަ ހުންނަ ވިޔަފާރިތަކުން ފެށިގެން ބޮޑެތި އިމާރާތްތަކާ ހަވާލުވެ ހުންނަ ގާޑުގެ ހާލަކީ ވެސް އެއީއެވެ. ސެކިއުރިޓީންނަށް ބިދޭސީންގެ އިތުރުން ދިވެހިން ވެސް ބޭނުންކުރާއިރު އެމީހުންގެ ސިއްހީ ހާލަތާއި ދެވިފައިވާ ތަމްރީނަކީ ވެސް އެފަދަ ބޮޑު ޒިންމާއެއް އަދާކުރެވޭ ފެންވަރެއް ނޫނެވެ.

އެހެންވާ ސަބަބުތަކެއްވެސް ވެއެވެ. ސެކިއުރިޓީ ގާޑެއްގެ މުސާރަ 4500 އިން ފެށިގެން 7000 ރުފިޔާއާ ދޭތެރޭގައި އުޅޭއިރު އޭގެ ތެރެއިން ގިނަ މީހުން ސެކިއުރިޓީ ވަޒީފާއަށް ދަނީ ފައިސާ ހޯދުމަށް އެހެން މަސައްކަތްތަކެއްކޮށް ލިބޭ ހުސްވަގުތުގަ އެވެ. ހާއްސަކޮށް ބިދޭސީން އެ ވަޒިފާ އެގޮތަށް އަދާކުރާއިރު ބަހައްޓަންޖެހޭ ފަރުވާލެއް ނުބެލެހެއްޓެ އެވެ. ހަމައެއާއެކު އެތައް ވަގުތެއް މަސައްކަތް ކުރަންޖެހުމަކީ ވެސް ފެންވަރު ދަށްވާ ސަބަބެކެވެ.

"ރޭގަނޑު 6:00 އަކުން ހެނދުނު 8:00 އަކަށް ވެސް ޑިއުޓީ ކުރަން ޖެހޭ، ދެން ނިދޭނެ ދޯ،" ސެކިއުރިޓީ ގާޑަކު ބުންޏެވެ.

ބޮޑު ނުރައްކާތަކާއި ކުރިމަތިލާންޖެހޭ ޒިންމާ އުފުލަން ގިނަ ފަހަރަށް ތިބެން ޖެހެނީ ހުސްއަތާއެވެ. ނޫނީ ރައްކަލަކަށް އޮންނަ ހަމަ އެއްޗަކީ ޓޯޗުބައްތިއެކެވެ. އޭގެ ބަދަލުގައި ނުރައްކާ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެހެން މީހުން އެލާޓްކުރާނެ ވަސީލަތަކާއި އަވަހަށް ރިޕޯޓްކުރާނެ ވަސީލަތެއް ނެތްއިރު އަމިއްލަ ރައްކާތެރިކަމަށްވެސް ކުރެވޭނެ ކަމެއްނޯވެއެވެ.

މަގުސަދު ހާސިލެއްނުވޭ: ފުލުހުން

ކޮންޓުރެކްޓް އުސޫލުން ދައުލަތާއި އަމިއްލަ އެތައް ވިޔަފާރިއަކާއި އިމާރާތެއް ވިޔަފާރި އުސޫލުން ބަލަހައްޓަމުންދާއިރު އޭގެ ނަތީޖާ ހާސިލްވާ ކަމަކަށް ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް ގަބޫލެއްނުކުރެއެވެ.

ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ، ސެކިއުރިޓީ ގާޑުން ބެހެއްޓުމުގެ މަގުސަދުތައް ހާސިލްނުވާ ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ސެކިއުރިޓީ ކުންފުނިތަކާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"މިހާރު މިކުރާ ގޮތުން މަގުސަދު ހާސިލެއްނުވޭ، އަޅުގަނޑުމެން ވާނެ ސެކިއުރިޓީ ގާޑުންގެ މައްސަލަތައް ކުންފުނިތަކާއި ފޮޓޯތަކާއެކު ހިއްސާކޮށްފައި، އަދި އެކަންކަން އިސްލާހް ކުރަންވެސް އަންގާފަ،" ހަމްދޫން ވިދާޅުވިއެވެ.

ފެންވަރު ދަށް ވަނީ މޮޅު ހިދުމަތް ބޭނުންނުވާތީ

ހިދުމަތުގެ ފެންވަރު ދަށްވެ ހަމައެކަނި ނަމަކަށް ކުރާ ކަމަކަށް ސެކިއުރިޓީ ކަންކަން ވާއިރު ސެކިއުރިޓީ ކުންފުނިތަކުން ބުނަނީ އެގޮތަށް އެކަން ވަނީ ހިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ބޭނުން ނުވާތީ ކަމަށެވެ. އެންމެ ހެޔޮއަގުގައި އެ ހިދުމަތް ބޭނުންވާތީ ފެންވަރު ދަށް ވަނީ ކަމަށް ކުންފުނިތަކުން ބުނެއެވެ.

"އަގުހެޔޮކޮށް ބޭނުންވާތީ ގިނަ ކުންފުނިތަކުން އަގުހެޔޮކޮށް ލިބޭ ފަރާތްތައް ސެކިއުރިޓީއަށް އެ ބައިތިއްބަނީ، ތިމަންނަމެން ކަމެއް ކުރަމޭ ބުނަންކުރާތީ އެހެންވަނީ، ޑިއުޓީއަށްވެސް އިންނާނޭ މީހަކު ބުނަންވެގެން ކުރާތީ، ރަނގަޅު ޕޭ އެއްކޮށްގެން ރަނގަޅު މީހެއް ބައިންދަން ބޭނުން ނުވަނީ، ކަމެއް ދިމާވެއްޖެއްޔާ އަމަލުކުރެވޭ ކަހަލަ،" ދިވެހި ސެކިއުރިޓީ ޕައިނިއާސް (ޑީއެސްޕީ)ގެ ޑިރެކްޓާ އަހުމަދު ހެންސަން ވިދާޅުވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންމެ ފުރަތަމަ އިސްކަންދޭ ކަމަކީ ސެކިއުރިޓީ ނަމަވެސް ރާއްޖޭގައި އެކަން ނުފެންނަ ކަމަށް ސެކިއުރިޓީ ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބުނެއެވެ.

"ބޭރުގެ ގައުމުތަކުގައި ފަސްޓު ޕުރިއޯރިޓީ ދެނީ ސެކިއުރިޓީ އެންޑް ސޭފްޓީއަށް، އެކަމަކު ރާއްޖޭގައި އެކަންއޮތީ އެހެނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ކޮންމެ އަކަސް ކޮންމެހެން ކުރަންޖެހޭ ކަމެއް ހަމަ ނަމެއްގައި އެދަނީ ކުރަމުންނެވެ. ޒިންމާ އަދާކުރަން ގުގުރީގައެވެ. ނަތީޖާ ގޯސްވެދާނެއެވެ. އޭރުން އޮންނާނީ ގެއްލުން ބޮޑުވެފަ އެވެ. އެހެންކަމުން އަވަހަށް ހަރުދަނާ ފިޔަވަޅު އަޅަންއެބަޖެހެ އެވެ. ބޮޑު ހަރަދެއްކޮށްގެން ވެސް ގާބިލް ސެކިއުރިޓީއަކަށް ފުރުސަތު ދޭންޖެހެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް