އޮފީސް ނިންމާލުމަށް ފަހު ގެއަށް ދިއުމަށް ބުރިޖާ ދިމާލަށް މިސްރާބު ޖެހީ ދުވަހުގެ ބާކީބައި އުފާވެރިކޮށް ދާނެ ކަމުގެ އުންމީދުގައެވެ. ސާފު އުޑުމައްޗާއި ރީތި މޫދެއް ފެންނަން އޮތް ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔައީ ވެސް އެ އުންމީދާއެކުއެވެ. އެއްގޮތަކަށް ވެސް އެ ދިޔަ މަގުމަތިން އިންސާނެއްގެ ހަށިގަނޑުގެ މައްޗަށް ބަރު އުޅަނދެއް އަރައި އޮއްވައި ފެންނާނެ ކަމަކަށް ކުޑަކޮށް ވެސް ހިޔެއް ނުކުރަމެވެ. ނަމަވެސް ކަންވީ އެ ގޮތަށެވެ. މާލޭ މަގެއްގެ މަތީގައި އެހާ ބޮޑު އަނިޔާތަކެއް ލިބި މީހެއްގެ ފުރާނަ ގެއްލިފައިވާ މަންޒަރު ފެނުމުން ލައްކަ އަސަރު ކުރިއެވެ. މި މަންޒަރު ތަކުރާރު ވާކަށް ނޭދެމެވެ. އެކަމަކު އެކަން ވާނީ މި މާލެ ތަރުތީބު ކުރާ އުސޫލަށް ބަދަލުތަކެއް އައިސްގެންނެވެ.
ދިވެހި ރާއްޖޭގައި ވެރިކަން ކުރާ މި މާލޭ ސިޓީއަކީ މި ބޮޑު ދުނިޔެއިން ވެސް އެންމެ ތޮއްޖެހިފައިވާ އެއް ރަށެވެ. ކުޑަތަންކޮޅެއް މިއޮތީ އިމާރާތާއި ވެހިކަލުން ފުރި، ހަމަ ނޭވާ ނުލެވޭ ހިސާބުގައެވެ. މަގެއްގެ މައްޗަށް ނުކުތަސް ހަތަރު ކޮޅުން ވެސް ފެންނަނީ މުޅިން ނުރައްކަލެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އެއް ނުރައްކަލަކީ އެތައް ޓަނެއްގެ މުދާ އުފުލާ ބޮޑެތި ވެހިކަލްތަކާއެކު އާއްމުން ކުރަން މި ޖެހޭ ދަތުރެވެ. ސައިކަލުތަކާއި ކާރުތަކުގެ ތެރެއިން ބޮޑެތި ކޮންޓެއިނަރުތައް އުފުލާ ލޮރީތަކާއި، ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދުއްވާ ޑަމްޕަރުތައް ދުއްވުމަކީ އާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ކަމެކެވެ. ކުޑަކުދިން ގޮވައިގެން ސްކޫލަށް ދާ ގަޑިތަކުގައާއި، އޮފީސްތަކަށް މީހުން ދާ ބާރުބޮޑު ގަޑިތަކުގައި މިފަދަ އުޅަނދުތައް މަގުމަތީގައި ގިނަވުމަކީ އެކްސިޑެންޓްތަކަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބެވެ.
"ދަރިފުޅު ގޮވައިގެން ސްކޫލަށް މިދާއިރު ކުރީގައި އޮންނާނެ އެއްޓަނު ޕިކަޕެއް ފެން އަރުވާ ބަރުކޮށްގެން. ފަހަތުގައި އޮންނާނެ މުދާ އުފުލާ އެވަރުގެ ދެތިން ޕިކަޕު ފުރާ ބަރުކޮށްގެން. ވިސްނާ އޭގެން އުޅަނދެއްގެ އަރިމަތީގައި ޖެހުނަސް ޒަމާން ދިޔައީނު،" އިއްޔެ ފެނުނު މަންޒަރު، ރޭ ކޮފީއެއްގައި ރައްޓެއްސަކަށް ކިޔައިދިނުމުން އޭނާ ހިއްސާ ކުރީ މި ކަންބޮޑުވުމެވެ.
އެއީ ހަގީގަތުގައި ވެސް ނުރައްކާ އޮތް ކަންބޮޑުވުމެކެވެ. މިއަދު މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދާއި ބަރު އުޅަނދު ދުއްވަން މާ ޚާއްސަ ގަވާއިދުތަކެއް ތަންފީޒެއް ނުވެއެވެ. ގަނޑުގައި ލިޔެފައި ނެތް ވާހަކައެއް ނޫނެވެ. ހަމަ ގައިމުވެސް ތަންފީޒު ނުވާކަން ފަސް މިނެޓަށް މަގު މައްޗަށް ނުކުތަސް ޔަގީން ވާނެއެވެ. އެތައް ޓަނެއްގެ މުދާ އުފުލާ ވެހިކަލްތައް ފުރާ ބަރު ކޮށްގެން، އެންމެ ބާރު ބޮޑު ގަޑިތަކުގައި ވެސް ދުއްވައި ނަގަނީއެވެ. ކޮންޓެއިނާ ހިފައިގެން ވެސް އުޅަނދުތައް ބޭނުން ގަޑިއެއްގައި ދުއްވަނީއެވެ. މާލެ އާއި ހުޅުމާލޭގެ ވެސް ހާލަތަކީ މިއީއެވެ.
"ހަމައެކަނި އުޅަނދެއް ފުރޮޅާލައި ގެއްލުމެއް ލިބުމެއް ނޫން. ބައެއް ބަރު އުޅަނދު އެ ދުއްވަނީ ރޭސް ޖަހާ އުސޫލުން. ވަރަށް ބާރަށް އެބަ ދުއްވާ މި ކުޑަ މާލެ އާއި ހުޅުމާލޭގައި. ވިސްނާ އޭގެން އުޅަނދެއް ކޮންޓްރޯލުން ނެއްޓިގެން ހިނގާ ކަމެއްގައި ލިބޭނެ ގެއްލުން." ޓެކްސީ ކުރަން ގިނަ ވަގުތު މަގުމަތީގައި އުޅޭ އަޙްމަދު އަލީ، 56، ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި މައްސަލަ ހައްލު ކުރުމަށްޓަކައި ހަރުދަނާ އުސޫލެއް ހަދައި ތަންފީޒު ކުރަން ފެށިއެވެ. އޭރު އުސޫލު އޮންނަ ގޮތުން މާލޭގައި މުދާ އުފުލާ ބަރު އުޅަނދު ދުއްވޭނީ މަގުތަކުގައި ޓްރެފިކް މަދު ގަޑިތަކުގައެވެ. އެއީ ސްކޫލުތަކަށް މީހުން އާއްމުކޮށް ދަތުރު ކުރާ ގަޑިތަކާއި އޮފީސްތަކަށް ދާ ގަޑިތައް ނޫން ގަޑިތަކުގައެވެ. އެ އުސޫލު ތަންފީޒު ކުރަން ފެށުމުން އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ. މަގުތައް ތޮއްޖެހުމާއި ނުރައްކާ އެކްސިޑެންޓްތައް މަދުވިއެވެ.

އެކްސިޑެންޓްތަކަށް ހޭލުންތެރި ކުރަން ފުލުހުން މަގުމަތީގައި: ފުލުހުން ދެނީ އާއްމުންނަށް މުހިންމު މެސެޖެއް-- ފޮޓޯ: ފުލުހުން
ނަމަވެސް މި ރާއްޖޭގައި އެއް ސަރުކާރަކުން ކުރާ ކަމެއް އަނެއް ސަރުކާރަކުން ކުރިއަށް ގެންދިއުމަކީ ގިނަ ކަންކަމުގައި ހިނގާ ކަމެއް ނޫނެވެ. އެހެންވެ ޖެހިގެން އައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެށިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގައި ވެސް އެ ހަރުދަނާ އުސޫލު އޮތީ ތަންފީޒު ނުކުރެވިއެވެ. މުދާ އުފުލާ ބަރު އުޅަނދު ދުއްވަން މިއަދު ހަމައެއް ލަމައެއް ނެތެވެ. ރޯދަ މަހު ފަދަ ވަކި މޫސުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ގަޑިތަކެއް ކަނޑައެޅި ނަމަވެސް، އަހަރުގެ އެހެން ދުވަސްތަކުގައި މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.
ޓްރެފިކް ކަންކަން މެނޭޖު ކުރާ ތަންފީޒީ އިދާރާއެއްގެ އިސް އޮފިޝަލަކު، މި ރިޕޯޓަށް ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި ބަރު އުޅަނދު ދުއްވަން ވަކި ވަގުތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަން ޖެހި ނުކުރެވި އޮތް ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި އެކަން ނުވެ އޮންނަނީ ޓްރާންސްޕޯޓް މިނިސްޓްރީން ހަދަން ޖެހޭ ގަވާއިދުތައް ހެދުމާއި ތަންފީޒު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ޖެހިފައި، ނުވަތަ އަޅާ ނުލެވިފައިވާތީއެވެ.
އޭނާ ވިދާޅުވިގޮތުގައި މުދާ އުފުލުމަކީ ވެސް މުހިންމު ކަމަކަށްވާއިރު ވަކި ގަޑިތަކެއް ކަނޑައަޅައިގެން ވަރަށް ރަނގަޅަށް މިކަން މެނޭޖު ކުރެވެން އެބައޮތެވެ.
"ސްކޫލު ގަޑިތައް ނޫން މިސާލަކަށް ހެނދުނު 9:00 އިން 12:00 އަށް. 14:00 އިން 16:00 އަށް. އަދި ރޭގަނޑު 22:00 ގެ ފަހުން މިއީ މުދާ އުފުލޭނެ ގަޑިތައް. އޭރަށް މުދާ އުފުލަން ވެސް ދަތި ނުވެ މިކަން ކުރެވޭނެ،" އެ އޮފިޝަލް ވިދާޅުވިއެވެ.
"ވަރަށް ވަރަށް މުހިންމު މި އުސޫލު. އެކަމަކު އަޅާނުލެވި މިއޮތީ ހަމަ."
ބަރު އުޅަނދާއި އާއްމު އުޅަނދު އެކުގައި ދުއްވުމުން ދިމާވާ މައްސަލަތައް ހައްލު ކުރަން ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ހަރުކަށި އުސޫލުތައް ގެންގުޅެއެވެ. މިސާލަކަށް ސިންގަޕޫރުގައި ބަރު އުޅަނދުތައް ދުއްވާއިރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތަކުގައި ޑްރައިވަރުންނަށް ބޮޑެތި ދައުވާތައް އުފުލައެވެ. އެ ގައުމުގެ ފުލުހުން ދާދި ފަހުން ވެސް ވަނީ ބަރު އުޅަނދުތައް ކޮންޓްރޯލުން ނެއްޓިގެން ހިނގި ހާދިސާތަކަކާ ގުޅިގެން ފަސް ޑްރައިވަރެއްގެ މައްޗަށް ދައުވާކޮށްފައެވެ. އަދި އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ފަދަ ސްޓޭޓްތަކުގައި ބަރު އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށް ޚާއްސަ ސްޕީޑް ލިމިޓަރުތައް ހަރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. އޭގެ އިތުރުން، އެ ގައުމުގައި ބަރު އުޅަނދުތައް މޮނިޓާ ކުރުމަށް ޚާއްސަ ކެމެރާ ސިސްޓަމްތަކެއް މަގުތަކުގައި ހަރުކޮށްފައި ހުރެއެވެ.

ބާޒާރުމަތީގައި ބިދޭސީއިން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން ކެނެޑާގެ ކެބެކްގައި ބަރު އުޅަނދު ދުއްވާ މީހުންނަށް ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކުރުން ލާޒިމުކޮށް، އެފަދަ އުޅަނދުތައް ދުއްވާއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެ ގައުމުގައި މި ފިޔަވަޅުތައް އެޅީ ބަރު އުޅަނދުތަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކެއްގައި މީހުންގެ ފުރާނަ ގެއްލުމާ ގުޅިގެންނެވެ.
މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް މާލޭގައި ވެސް ނާޅައިފިނަމަ، މަގުމަތީގެ ނުރައްކާތެރިކަން ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މިހާރު ވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަށްޓަކައި އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ ބިލުގެ ތެރެއިން ނުވަތަ ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުތަކުގެ ތެރެއިން ބަރު އުޅަނދުތައް ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ އާންމުންގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިވަގުތު މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަކި ގޮތެއް ނިންމާފައި ނުވާއިރު، އާންމުން ތިބީ މިކަމަށް އަވަސް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އިއްޔެ އެ ފެނުނު މަންޒަރު ދުވަހަކު ވެސް ދެކޭކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެކަން ވާނީ ހަރުދަނާ އުސޫލުތަކެއް ހެދުމާއެކު އެކަން ތަންފީޒު ކޮށްގެންނެވެ.