ޗެމްޕިއަން ލެސްޓާ އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

މިއަދު ލެސްޓާ އަތުން 3-0 ލަނޑުން ޗެލްސީ މޮޅުވި މެޗުގައި އެޓީމުގެ ޑިއެގޯ ކޮސްޓާއާއި އެޑިން ހަޒާޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވޭ -- ފޮޓޯ: ބީބީސީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ މިއަދު ހަވީރު ކުޅުނު މެޗުން 3-0 ލަނޑުގެ ނަތީޖާއަކުން ފަސޭހަކަމާއެކު ޗެލްސީ މޮޅުވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި މިއަދު ކުޅުނު ފޯރިގަދަ މެޗު ފެށިތާ ހަތް މިނިޓް ތެރޭގައި ޗެލްސީ ވަނީ ލެސްޓާގެ ގޯލް ހުޅުވާލައިފައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނިމެންޔާ މަޓިޗް ވަރަށް ރީތިކޮށް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިއެގޯ ކޮސްޓާއެވެ.

ފުރަތަމަ ހާފްގައި ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ލެސްޓާގެ ގޯލަށް އަމާޒުކޮށްފައި ވާއިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 33 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބެލްޖިއަމް ވިންގާ އެޑެން ހަޒާޑެވެ. ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެސްޓާގެ ޕެނަލްޓީ އޭރިޔާގެ މެދެއްހާ ހިސާބު ހުރެ ހަޒާޑު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނާތްފަރާތުން ތިރީ ކަނަށެވެ. މިއީ މިސީޒަންގައި ހަޒާޑު ކުޅުނު އަށް މެޗުން އޭނާ ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. މިދިޔަ ސީޒަންގައި އޭނާއަށް 31 މެޗުން ކާމިޔާބުކުރެވިފައި ވަނީ އެންމެ ހަތަރު ލަނޑެވެ.

ހަޒާޑުގެ އެ ލަނޑުގެ ކުރީން ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. މެޗުގެ 28 ވަނަ މިނިޓްގައި ހިލޭޖެހުމަކުން ޑޭވިޑް ލުއިޒް ފޮނުވާލި ބޯޅަ އަމާޒުވީ ލެސްޓާގެ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ޗެލްސީ އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުން ބަލިވެ އޭގެ ކުރިން ކުޅުނު މެޗުން އެއްވަރުވެ ކޯޗު އެންޓޯނިއޯ ކޮންޓޭއަށް އޭނާގެ މަގާމު ގެއްލިދާނޭކަމަށް ބުނެ އިނގިރޭސި މީޑިއާގައި ބުރާސްފަތި ދުވަހު ގިނަ ވާހަކަތަކެއް ފެތުރި ނަމަވެސް ކޮންޓޭ ވަނީ އެއީ އޭނާ މާބޮޑަށް ވިސްނާ ކަމެއް ނޫންކަމަށް ބުނެފައެވެ.

" އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ޓީމަށް ދިމާވެފައި މިވާ ކަންތައްގަނޑުން އަރައިގަތުމަށް،" މެޗުގެ ކުރީން ކޮންޓޭ ބުންޏެވެ.

"އަހަރެމެން އެންމެވެސް މަސަތްކަތް ކުރަމުން މިދަނީ އެއްކަމެއް ހާސިލް ކުރުމަށް. އެއީ މުސްތްގަބަލަށް ރަނގަޅު ޓީމެއް ބިނާ ކުރުމުގެ މަސަތްކަތް. ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންނާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް."

ދެ ލަނޑުގެ ލީޑަކާއެކު ޗެލްސީން މިއަދުގެ މެޗުގެ ދެވަނަ ހާފުފަށައި މޮޅު ކުޅުމެއް ދައްކަމުން ގޮސް އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ، 88 ވަނަ މިނިޓްގައެވެ. ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ނަތަނީލް ޗަލޮބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗެލްސީގެ ފަހު ލަނޑު ކާމިޔާބުކުރީ ވިކްޓާ މޮސެސްއެވެ.

މިދިޔަ ސީޒަންގައި ލެސްޓާއަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމަށްފަހު، މިސީޒަންގައި ޗެލްސީއަށް ބަދަލުވި އެންގޯލޯ ކަންޓޭގެ ފަރާތުން ވެސް މިއަދު މޮޅު ކުޅުމެއް ފެނިފައި ވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީވެސް ކަންޓޭއެވެ.

މިސީޒަންގައި ޗެލްސީއަށް ބަދަލުވި އެންގޯލޯ ކަންޓޭގެ ފަރާތުން ވެސް މިއަދު މޮޅު ކުޅުމެއް ފެނިފައި ވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީވެސް އޭނާ -- ފޮޓޯ: ބީބީސީ

މި ނަތީޖާއާއެކު ޗެލްސީ އޮތީ، ލީގުގައި އެޓީމު މިހާތަނަށް ކުޅުނު 8 މެޗުން ޖުމުލަ 16 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އަށް މެޗުން 19 ޕޮއިންޓް ހޯދައިގެން ތާވަލުގެ ކުރީގައި މެންޗެސްޓާ ސިޓީ އޮތްއިރު 19 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އާސެނަލްއެވެ. އަދި 18 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ޓޮޓެންހަމްއެވެ.

މިއަދުގެ މެޗަށް ފަހު ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނެއިރީ ބުނީ، ޗެލްސީ ކަހަލަ ޓީމެއްގެ ކައިރީ، ހަދައިގެން ނުވާނޭ ފަދަ ގިނަ މިސްޓޭކްތަކެއް މި މެޗުގައި އޭނާގެ ކުޅުންތެރީންނަށް ހެދިފައިވާއިވާ ކަމަށެވެ. އަދި މެޗުގައި އެޓީމަށް ލަނޑެއް ޖަހަން ލިބުނު ހަމައެކަނި ރަނގަޅު ފުރުސަތުގެ ބޭނުން ހިފުނު ނަމަވެސް ކުޅުމުގެ ތެރެއަށް އަލުން ވަދެ ނަތީޖާއަށް ބަދަލެއް ގެނެވުނީސް ކަމަށް ޗެލްސީއަށް ކުރީން ކޯޗުކޮށްދިން އަދި ލެސްޓާގެ ތާޚު ބަދަލުކޮށްލަދިން ތަޖްރިބާކާރު ކޯޗު ބުންޏެވެ. އަދި މި މެޗުން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ޗެމްޕިއަންސް ލީގު މެޗަށް ކުޅުންތެރީން ތައްޔާރުވާން ޖެހޭކަމަށް އޭނާ ބުންޏެވެ. އަދި މިއަދުގެ މެޗުގައި އެޓީމުގައި ކަންޓޭ ނެތްތަންކޮޅު ވަރަށް ބޮޑަށް ފެނުނުކަމަށް ވެސް އޭނާ ބުންޏެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ، ކުޅުންތެރީންނަށް އޭނާ އިރުޝާދު ދިންގޮތަށް ކުޅެ ރަނގަޅު ޖަވާބެއް ދީފި ކަމަށާއި، މިއަދުގެ މެޗަކީ އޭނާގެ ޓީމުން ވަރަށް މޮޅު ކުޅުމެއް ދެއްކި މެޗެއް ކަމަށެވެ.

ޗެލްސީ މިއަދުގެ މެޗުގައި ލެސްޓާ ކޮޅަށް 16 ހަމަލާ އުފެއްދިއިރު އޭގެ ތެރޭން 6 ހަމަލާ ގޯލަށް އަމާޒުކުރިއެވެ. ލެސްޓާއަށް ޗެލްސީ ގޯލަށް އެންމެ ފަސް ހަމަލާ ފޮނުވާލެވުނު އިރު އޭގެ ތެރޭން އެންމެ ބޯޅައެއްވެސް ގޯލަށް އަމާޒުކުރެވިފައެއް ނުވެއެވެ.

މުހިއްމު ބައެއް މައުލޫމާތު

  • ލެސްޓާ ސިޓީއަކީ، ލީގު ޗެމްޕިއަންކަން ހޯދި ކުލަބުތަކުގެ ތެރޭން ސީޒަންގެ ރަށުންބޭރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ބަލިވި ހަތަރު ވަނަ ކްލަބު. އަދި 1995-96ގެ ޗެމްޕިއަން ބްލެކްބަރންގެ ފަހުން އެގޮތަށް ބަލިވި ފުރަތަމަ ޓީމް.
  • ޑިއެގޯ ކޮސްޓާ ވަނީ އޭނާ ޗެލްސީއަށް މިހާތަނަށް ކުޅުނު 62 ޕްރިމިއަ ލީގު މެޗުގައި 50 ލަނޑު ޖެހުމުގައި ބައިވެރިވެފައި. (39 ލަނޑު، 11 އެސިސްޓް).
  • އޯގަސްޓް 2012ގައި ޗެލްސީއަށް ކުޅެން ފެށި ހަޒާޑް ވަނީ، މިހާތަނަށް ޕްރިމިއަ ލީގުގައި އެހެން އެއްވެސް މިޑްފީލްޑަރެއް ލަނޑު ނުޖަހާވަރަށް ލަނޑު ޖަހާފައި. (44 ލަނޑު)
  • ލެސްޓާއަށް މިސީޒަންގައި މިހާތަނަށް ކުޅުނު ޕްރިމިއަ ލީގު ތިން މެޗެއްގައި އެޓީމަށް ލަނޑު ނުޖެހި ގޮސްފައިވޭ. މިދިޔަ ފަހަރު މުޅި ސީޒަންގައިވެސް އެޓީމަށް ލަނޑެއް ނުޖެހި ދިޔައީ އެންމެ ތިން މެޗު.

އިނގިރޭސި ލީގުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލް ވަނީ ސްވޮންޒީ ސިޓީއަތުން 3-2 ލަނޑުން މޮޅުވެފައެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ތިއޯ ވޮލްކަޓް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ދެވަނަ ލަނޑު ޖަހައި ދިނީ މެސުޓް އޮޒިލްއެވެ. އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގްރަނިޓް ޒަކާއެވެ. ސްވޮންޒީގެ ފުރަތަމަ ލަނޑު ސިގުރްޑްސަން ކާމިޔާބުކޮށްދިން އިރު އެޓީމުގެ ދެވަނަ ލަޑު ޖަހައި ދިނީ ގޮންޒާލޭޒް ތޯމަސްއެވެ.

މިއަދު މެންޗެސްޓާ ސިޓީއާއި އެވަޓަން ބައްދަލުކުރި މެޗާއި ވެސްޓްބްރޮމްއާއި ޓޮޓެންހަމް ކުޅުނު މެޗު 1-1 ލަނޑުގެ ނަތީޖާއަކުން އެއްވަރު ވެފައި ވާއިރު، ބޯންމައުތު ވަނީ ހަލް ސިޓީ އަތުން 6-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި ސްޓޯކް ވަނީ ސަންޑަލޭންޑް އަތުން 2-0 ލަނޑުން މޮޅުވެފައެވެ.

comment ކޮމެންޓް