ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އިތުރު މަންޒިލްތަކަށް ފުޅާކުރަނީ

ފްލައިމީގެ އޮޕަރޭޝަންތައް ފެށިތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށް، ބުރާސްފަތި ދުވަހު އދ. މާމިގިލީ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ވިލާއެއާ

އަމިއްލަ ކުންފުންޏެއްކަމަށްވާ ވިލާ ގްރޫޕުން 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ތައާރަފްކުރި "ފްލައިމީ" އެއާލައިންގެ ދަތުރުތައް އަންނަ އަހަރު ރާއްޖޭގެ އިތުރު މަންޒިލްތަކަށް ފުޅާކުރުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

ފްލައިމީގެ އޮޕަރޭޝަންތައް ފެށިތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށް، ބުރާސްފަތި ދުވަހު އދ. މާމިގިލީ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ފްލައިމީގެ ފްލީޓް އިތުރަށް ވަރުގަދަވެގެން ދާނޭކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ، އަންނަ އަހަރުގެ ކުރީކޮޅުގައި އަޅުގަނޑުމެން އިތުރު އެއާކްރާފްޓެއް ހޯދާނަން. އަދި އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފަސް އެއާކްރާފްޓަށް ބަދަލުކުރުން،" ރިލްވާން ވިދާޅުވިއެވެ.

މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވިލާ އެއާގެ ދަށުން ހިންގަމުން އަންނަ ފްލައިމީގެ ދަތުރު ތަކުގައި މިވަގުތު ބޭނުންކުރަނީ، 68 މީހުންގެ ޖާގައިގެ އޭޓީއާރު-72-500 މަރުކާގެ ދެ އެއާކްރާފްޓާއި ސެސްނާ ކެރަވަން ސީ-208 މަރުކާގެ، ހަތްމީހުންގެ ޖާގައިގެ ސީޕްލޭނެކެވެ.

ފްލައިމީގެ ދެ އެއާކްރާޓާއެކު އެ އެއާލައިންގެ ދަތުރުތައް މިވަގުތު ކުރަނީ، މާމިގިއްޔަށާއި ބ. ދަރަވަންދުއަށެވެ. އަދި ސީޕްލޭން ބޭނުންކުރަނީ އަރިއަތޮޅުގައި ފަތުރުވެރީންގެ ފޮޓޯނެގުމުގެ ދަތުރުތަކަށެވެ.

ފްލައިމީގެ އެސިސްޓެންޓް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް ޙިޝްމަތު ޙުސައިން ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅުގައި އިތުރު އެއާކްރާފްޓެއް ގެނެސް ރާއްޖޭގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް އެ އެއާލައިނުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އާ މަންޒިލްތަކަށް ދަތުރުތައް ފަށާނީ އަހަރުގެ ކިހާ ހިސާބެއްގައި ކަން ކުރިއަށް އޮތްތާނގައި ހާމަކުރާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުން. އަދި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރުތައް ފެށުމަށް މިހާރު ދަނީ ތައްޔާރީތައް ކުރިއަށް،" ހިޝްމަތު ވިދާޅުވިއެވެ.

ފްލައިމީ އިން ބުނީ، އެ އެއާލައިންގެ އަމާޒަކީ، ތަރައްގީވެ ފުޅާވަމުން އަންނަ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ފަތުރުވެރީންނަށާއި ދިވެހި ރައްޔިތުންނަށް ރައްކާތެރި އަދި އަގުހެޔޮ ހިދުމަތްތަކެއް ދިނުމުގައި ދެމިއޮތުން ކަމަށެވެ.

ފްލައިމީގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އެއާލައިނުން ވަނީ ހާއްސަ ހަރާކަތްތަކެއް ވެސް ފަށައިފައެވެ. އެގޮތުން މުވައްޒަފުންނަށް ހުޅުވާލައިގެން ފަސްވަނަ އަހަރީ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ބާއްވާފައި ވާއިރު، ސޯޝަލް މީޑީއާގައި FlymeFive# ބޭނުން ކުރާ ފަރާތްތަކަށް މި އޮކްޓޫބަރު މަހުގެ ކޮންމެ ހަފްތާއަކު ފްލައިމީ ދަތުރުކުރާ މަންޒިލްތަކަށް ދެކޮޅު ލިބުމުގެ ފުރުސަތު ހުޅުވާލައިފައި ވެއެވެ. އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ފްލައިމީން ދަތުރުކުރާ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ފްލައިމީގެ ޕްރިވިލެޖް ކާޑެއް ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ.

comment ކޮމެންޓް