ބޮޑު ބަންދާ ދިމާކޮށް ސަދަގާތް ފައުންޑޭޝަނުން ހިތާނު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަނީ

ސަގަދާތް ފައުންޑޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ބޮޑު ބަންދާއި ދިމާކޮށް ސަދަގާތް ފައުންޑޭޝަނުން ހިތާނީ ސީޒަނެއް ބާއްވަން ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ޒީނާޒް އަދުނާން ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހު ސަދަގާތް ފައުންޑޭޝަނުން ހުޅުމާލޭގައި "ހިތާން މައިޒާން"ގެ ނަމުގައި ހިތާނު ކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"ސުކޫލު ކުދިންގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ހުޅުމާލޭގައި މި ބާއްވާ އިވެންޓަކީ ހިތާން މައިޒާންގެ ނަމުގައި ހިތާން ސީޒަނެއް. އެގޮތުން މިއީ ހަމަ ސަދަގާތް ފައުންޑޭޝަނުގެ ފަރާތުން ހުރިހާ އާއިލާތަކަށް ހުޅުވާލާ ހުރިހާ މިކަމު އާއިލާތަކަށްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ އިވެންޓެއް،" ޒީނާޒް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ސަދަގާތް ފައުންޑޭޝަނުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޙުސައިން ހަނީފް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ހުޅުމާލެ ރެހެނދި ސުކޫލުގައި އޮންނަ ހިތާން މައިޒާންގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކޮންމެ އާއިލާއަކަށް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވުމަށް ކުރަންޖެހޭނީ ހަމައެކަނި ކަމަކީ އެ ހަރަކާތާ ގުޅޭ ހާއްސަ ފޯމެއް ފުރިހަމަ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަމާއިން ފެށިގެން މި މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މާލޭގައި ނަމަ "މާލޭގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލް" ކައިރީގައި ކަމަށް ހަނީފް ވިދާޅުވި އެވެ. އަދި ހުޅުމާލޭގައި ނަމަ "ހުޅުމާލެ ފެރީ ޓާމިނަލް" ކައިރީގައި އެކަމަށް ހާއްސަ ކޮށްފައިވާ މޭޒުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމަ އިން ފެށިގެން މި މަހުގެ 22ވަނަ ދުވަހަށް ފޯމު ބަލައިގަތުމާއި ދޫކުރުން އޮންނާނީ. އެއިން ކޮންމެ ދުވަހެއްގެ މެންދުރު 2:00އިން އިރުއޮށްސި 6:00އަށް އޮންނާނީ. އަދި ރޭގަނޑު 8:00އިން 10:00އަށް އޮންނާނީ،" ހަނީފް ވިދާޅުވި އެވެ.

ހަނީފް ވިދާޅުވީ ހިތާން މައިޒާން ހަރަކާތުގައި ބައިވެރިވުމަށް އެއްވެސް ލިމިޓެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ހަރަކާތް ކުރިއަށް ގެންދާނީ ކިތައް ދުވަހަށްކަން ދަންނަވަން އެނގޭނީ އެޕްލިކޭޝަން ފޯމު ލިބޭ އަދަދު އެނގުމުން ކަމަށެވެ.

comment ކޮމެންޓް