ހުޅުމާޅޭގައި ދާދި ފަހުން ހުޅުވި މެންހަޓަން ސިޓީ ހޮޓެލް ކައިރީގައި ހުންނަ ވެމްކޯގެ ކުނި ސެންޓަރު އެހެންތަނަކަށް ބަދަލުކުރަން ނިންމައިފިއެވެ.
ވެމްކޯގެ ކުނި ސެނޓަރާ ޖެހިގެން ހުރި ސިޓީ ހޮޓެލް ރަސްމީކޮށް ހުޅުވީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ.
'ސަން' އަށް މައުލޫމާތު ދެމުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ވެމްކޯއިން މިހާރު ބޭނުންކުރާ ސައިޓަކީ އެ ކުންފުނީގެ މަސައްކަތަށް ދޫކޮށްފައިވާ ވަގުތީ ބިމެއް ކަމަށެވެ.
އެ ސައިޓް ދާއިމީ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް، މާސްޓާ ޕްލޭން ގައި ކަނޑައެޅިފައިވާ ގޮތައް މިހާރު އަންނަނީ ކުރަމުން ކަމަށް އެޗްޑީސީއިން ވަނީ މައުލޫމާތު ދީފައެވެ. އެ ކުނި މަރުކަޒު ބަދަލު ކުރަން ނިންމާފައިވަނީ ހުޅުމާލޭ ފޭސް ތިނެއްގެ ބިމަކަށެވެ.
ނަމަވެސް މިހާތަނަށް ކުނި ސެންޓަރު ބަދަލުކުރުމާ ގުޅޭ ގޮތުން ވެމްކޯގެ ބަހެއް 'ސަން' އަށް ވަނީ ލިބޭނެ ގޮތް ނުވެފައެވެ.
ކުނި ސެންޓަރާ ޖެހިގެން ހުންނަ ސިޓީ ހޮޓެލް މިހާރު ހުޅުވާފައިވާއިރު އެތަން ފަރުމާކޮށްފައިވަނީ ވިޔަފާރި ދަތުރުވެރިންނާއި އެ ތަނުގައި މަޑުކުރާ ފަރާތްތަކާއި އެކިއެކި ހަފުލާތައް ބާއްވާ ފަރާތްތަކުގެ ބޭނުންތައް ފުރިހަމައަށް ފެތޭނެ ފަދަ ގޮތަކަށެވެ.