ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އެ މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފި އެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އެއް ވަނަ ބިލިއާޑް ކުޅުންތެރިޔާ ޝަރީފް ހޯދާފައިވަނީ ފައިނަލުގައި ރާއްޖޭގެ ދެ ވަނަ ބިލިއާޑް ކުޅުންތެރިޔާ ހުސައިން ފަޔާޒް ބަލިކޮށްގެންނެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ފައިނަލް މެޗު ވެގެންދިޔައީ ވަރަށް ވާދަވެރި މެޗަކަށެވެ. ދެ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ޝަރީފް މޮޅުވެފައިވަނީ 8-9 ފްރޭމް އިންނެވެ.
އެ މެޗު ކާމިޔާބުކުރުމާ ގާތަށް ފަޔާޒް ވެސް ޖެހިލި އެވެ. އެގޮތުން އޭނާ ވަނީ 5-3 ފްރޭމް އިން ޝަރީފް ކުރީގައި އޮއްވައި ފަހަތުން އަރައި، 8-5 ފްރޭމް އަށް ނަތީޖާ ބަދަލުކޮށްލައިފަ އެވެ. އެ މެޗު ޝަރީފް ކާމިޔާބުކޮށްފައިވަނީ ފަހު ހަތަރު ފްރޭމް ގެންގޮސްގެންނެވެ.
އެ މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނަށް އިނާމާއި މެޑެލް ހަވާލުކޮށްދެއްވީ އެމްޕީބީއޭގެ ޗެއާމަން އިސްމާއިލް ރަޒީން އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝަރީފް އަށް 7500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނު އިރު، ރަނަރަޕް ފަޔާޒް އަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ.
އެ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނު މާޒް އަބްދުﷲ އާއި، އެންމެ ގިނަ ރަން އައުޓް ހެދި ކުޅުންތެރިޔަކަށް ހޮވުނު ހަސަން ޝާޒް އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ. އޭގެ އިތުރުން ތިން ވަނަ މަގާމު ހޯދުމުން ޝާޒް އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ.
އެ މުބާރާތުގެ ހަތަރު ވަނަ މަގާމު އަލީ ޝާވިން ހޯދި އިރު، ފަސް ވަނަ ހޯދާފައިވަނީ އަސްލަމް އަބްދުﷲ އެވެ. ހަ ވަނަ އަހްމަދު ޒިޔާން ހޯދި އިރު، ހަތް ވަނަ ހޯދާފައިވަނީ ޔޫސުފް ޒުބައިރު އެވެ. އަދި އަށް ވަނަ ހޯދާފައިވަނީ އަހްމަދު ޝިހާދު އެވެ.