މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން އެމްޕީބީއޭ އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ގަދަ އަށް ކުޅުންތެރީން ކަށަވަރުވެއްޖެ އެވެ.
އެ މުބާރާތުގެ ގަދަ އަށް ކުޅުންތެރިން ކަށަވަރުވެފައިވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު މެޗުތަކަށްފަހު އެވެ.
އެ މުބާރާތުގެ ގަދަ އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ މުހައްމަދު ޝަރީފް އާއި، އަސްލަމް އަބްދުﷲ އާއި، ހުސައިން ފަޔާޒް އާއި، އަހްމަދު ޒިޔާން އާއި، ހަސަން ޝާޒް މުހައްމަދާއި، އަހްމަދު ޝިހާދު އާއި، އަލީ ޝާވިން އަދި ޔޫސުފް ޒުބައިރެވެ.
އެ މުބާރާތުގައި ރޭ ޖުމްލަ 12 މެޗެއް ކުރިއަށްދިޔައެވެ. ހަމްދާން މުހައްމަދު އަތުން 7-2 ފްރޭމް އިން ހުސައިން ފަޔާޒް މޮޅުވި އިރު، ޝާހް ނަވާޒް އަތުން އަސްލަމް އަބްދުﷲ މޮޅުވެފައިވަނީ 4-7 ފްރޭމް އިންނެވެ. އަހުސަން ހާޝިމް އަތުން 5-7 ފްރޭމް އިން މުހައްމަދު ޝަރީފް މޮޅުވި އިރު، އަލީ ޝާވިން އަތުން އަހްމަދު ޒިޔާން މޮޅުވެފައި ވަނީ 5-7 ފްރޭމް އިންނެވެ.
އަބްދުﷲ އަފީފް އަތުން 4-7 އިން އަހްމަދު ޝިހާދު މޮޅުވި އިރު، އަހްމަދު ނަފީލް އަތުން ހަސަން ޝާޒް މުހައްމަދު މޮޅުވެފައިވަނީ 3-7 ފްރޭމް އިންނެވެ. ހަސަން ޝަފްރާޒް އަތުން 7-1 ފްރޭމް އިން ޔޫސުފް ޒުބައިރު މޮޅުވި އިރު، މާޒް އަބްދުﷲ އަތުން އައްބާސް ސައީދު މޮޅުވެފައިވަނީ 6-7 ފްރޭމް އިންނެވެ.
ހަމްދާން މުހައްމަދު އަތުން 7-1 ފްރޭމް އިން އަހްމަދު ޝިހާދު މޮޅުވި އިރު، ޝާހް ނަވާޒް އަތުން ހަސަން ޝާޒް މުހައްމަދު މޮޅުވެފައިވަނީ 7-3 ފްރޭމް އިންނެވެ. އަހުސަން ހާޝިމް އަތުން 7-5 އިން ޔޫސުފް ޒުބައިރު މޮޅުވި އިރު، އައްބާސް ސައީދު އަތުން އަލީ ޝާވިން މޮޅުވެފައިވަނީ 7-3 ފްރޭމް އިންނެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ މެޗަކުން ކުޅުންތެރިޔަކު ކަޓާނީ ދެ މެޗުން ބަލިވުމުންނެވެ. ނިމިގެންދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރާނީ އެމްޕީބީއޭ ރޭންކިންގެ އެންމެ ކުރީގައި އޮތް 32 ކުޅުންތެރިންނާއި ކޮލިފައިން ބުރު ކުޅެ މުބާރާތުން ޖާގަ ހޯދި 32 ކުޅުންތެރިންނެވެ.