ކަލާސް އެވޯޑް 130 ދަރިވަރަކަށް، ސްޕޯޓްސް ސްކޮލޮޝިޕް 11 ދަރިވަރަކަށް

މައިލޯ ކަލާސް އެވޯޑްގެ ސްޕެޝަލް އެވޯޑް ހޯދި ދަރިވަރަކަށް ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ޗެއާމަންގެ އިބްރާހިމް އިސްމާއިލް އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާުޒު މޫސާ

ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލު ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ގައުމީ ފެންވަރުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ "މައިލޯ ކަލާސް އެވޯޑް" 130 ދަރިވަރަކު ހޯދައިފި އެވެ.

މައިލޯ ކަލާސް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހަތަރު އުމުރުފުރާއަކުން ކަލާސް އެވޯޑުގެ ރަނަރަޕްކަން 57 ދަރިވަރުން ހޯދާފައިވާއިރު، ކަލާސް އެވޯޑުގެ ވިނާސް 64 ދަރިވަރަކު ހޯދާފައިވެ އެވެ. އަދި ސްޕެޝަލް އެވޯޑް ނުވަ ދަރިވަރަކު ހޯދާފައިވެ އެވެ.

މުސްތަގްބަލުގައި ބައިނަލްއަގުވާމީ ދަނޑުތަކުގައި ގައުމު ތަމްސީލުކޮށް ގައުމަށް ރަންވަނަތައް ހޯދައިދޭނޭ ހުނަރުވެރި ކުދިން ދެނެގަނެ އެފަދައިން މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި މައިލޯ ކަލާސް އެވޯޑްގެ ނަމުގައި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި މިއީ އެ އެވޯޑް ދޭ ތިން ވަނަ އަހަރެވެ.

އެގޮތުން މިދިޔަ އަހަރުގެ ކަލާސް އެވޯޑް ދިހަ ކުޅިވަރަކުން އެކި ވަނަތައް ހޯދި 100 ދަރިވަރަކަށް އެވޯޑް ދީފަ އެވެ.

މީގެ އިތުރުން، މިރޭގެ ރަސްމިއްޔާތުގައި އަތޮޅުތަކާއި މާލޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ކުޅިވަރުގެ ރޮނގުން ފާހަގަކުރެވޭ މޮޅު ހުނަރު ހުރި ދަރިވަރުންނަށް ސަރުކާރުން ދޭ ސްޕޯޓްސް ސްކޮލޮޝިޕް 11 ދަރިވަރަކަށް ދީފައިވެ އެވެ

މިހާތަނަށް 13 ދަރިވަރަކަށް ސަރުކާރުން ވަނީ ސްޕޯޓްސް ސްކޮލޮޝިޕް ދީފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 2014 ވަނަ އަހަރު ދިން ސްކޮލޮޝިޕް ފުރުސަތުގައި ރާއްޖޭން ބޭރުގައި ތަމްރީން ފުރިހަމަކުރަމުންދާ ދެ ދަރިވަރަކާއި މިރޭގެ ރަސްމިއްޔާތުގައި ސްކޮލޮޝިޕް ހާސިލްކުރި 11 ދަރިވަރުންނެވެ.

މިރޭ ސްޕޯޓްސް ސްކޮލޮޝިޕް އެވޯޑް ކުރި ހުރިހާ ދަރިވަރުންނަކީ ވެސް އަތޮޅުތަކުން އެސޯސިއޭޝަންތަކަށް ފާހަގަކުރެވިގެން ހުނަރު ތަރައްގީކުރުމަށް ސްކޮލޮޝިޕް ފުރުސަތުގެ ދަށުން މާލެ ގެނެސް ތަމްރީން ކުރަމުންދާ ދަރިވަރުންނެވެ. އެ 11 ދަރިވަރުންގެ ތެރެއިން އިތުރަށް ތަމްރީން ކުރުމަށް މިހާރު ވެސް ރާއްޖޭން ބޭރުގައި ދެ ދަރިވަރަކު ދަނީ ތަމްރީން ފުރިހަމަ ކުރަމުންނެވެ.

ސްޕޯޓްސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރެއްގެ ހުރި ކުޅިވަރު ހުނަރެއް އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެންވަރު ރަނގަޅު ކޯޗުންގެ އިރުޝަދާއެކު ތަމްރީނުވުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ އެވެ.

އޭގެ އިތުރުން އެ ދަރިވަރަކު އެ ހުނަރެއް އިތުރަށް ތަރައްގީ ކުރުމަށްޓަކައި މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ޖެހުނު ނަމަވެސް އެދަރިވަރުން ތައުލީމު ހާސިލު ކުރުމަށް ހިންގާ އެންމެހާ ހަރަދެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައި ދެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ކަލާސް އެވޯޑް ހާސިލްކޮށްފައިވާ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ބައިނަލްއަގްވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި ގައުމު ތަމްސީލުކޮށް ގައުމަށް ރީތިނަން ހޯދައިދީފައިވާ ކަމީ އެވޯޑް ދިނުމުގެ މަގްސަދު ހާސިލްވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

އަދި އެވޯޑް ދޭން ފެށުމުން ސްކޫލް ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ފެންވަރު ރަނގަޅުވެ، މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުޅިވަރުގެ ހުނަރު ކުރިއަރުވާ ތަރައްގީކުރަން އެކި މުބާރާތްތަކުގައި ސްކޫލްތަކުން ވާދަކުރާ ކުދިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި. މިކަން ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ބާއްވާ ތަފާތު މުބާރާތްތަކުން ފާހަގަވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި މީގެކުރިން ބާއްވާ އިންޓާ ސްކޫލް މުބާރާތްތަކަކީ މާލޭގެ ސްކޫލްތަކުން އެކަނި ބައިވެރިވާ މުބާރާތްތަކަކަށް އޮތް އޮތުން މިހާރު ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އަތޮޅުތެރޭގެ އެކި ސްކޫލްތަކުން ދަރިވަރުން އައިސް މުބާރާތްތަކުގައި ބައިވެރި ވަނަތައް ހާސިލްކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް