"އެލީޓް ރަނާސް"އިން ބާއްވާ ހުޅުމާލޭ ރަން ޖޫން މަހަށް ފަސްކޮށްފިއެވެ.
ކުރިން މި އިވެންޓް ބޭއްވުމަށް ނިންމާފައި އޮތީ މި ފެށޭ މެއި މަހުގެ 17 ގައެވެ.
އެލީޓް ރަނާސްއިން ބުނީ ތާރީޚު ފަސްކުރީ މި ރޭހަށް ލިބޭ ތަރުހީބު އިތުރުވުމުގެ ސަބަބުން، އަދިވެސް ގިނަ ފަރާތްތަކަށް މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
މީގެ އިތުރުން ތާރީޚު ފަސްކުރުމުން މޫސުން ރަނގަޅު ދުވަހަކާ ދިމާވުމުގެ ފުރުސަތު ބޮޑުވެ، ރޭހަށް ތައްޔާރުވުމަށްޓަކައި ގިނަ ވަގުތު ލިބުމުން އެންމެންނަށް ވެސް އުފާވެރި އަދި ވާދަވެރި މާހައުލެއް ކަށަވަރުކޮށްދޭނެކަމަށް އެލީޓް ރަނާސްއިން ބުންޏެވެ.
އެލީޓް ރަނާސްއިން މައުލޫމާތުދިން ގޮތުގައި މި ރޭހަކީ ހުރިހާ އުމުރެއްގެ މީހުންނަށް ދުވެވޭ ކަހަލަ ރޭހެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ ރޭހެކެވެ.
އެ ދުވުމުގައި ރެޖިސްޓާ ވުމުގެ ފުރުސަތު އެއްކޮށް ބަންދު ވާނީ އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. ދުވުމާ ބެހޭ އިތުރު މައުލޫމާތު އެލީޓް ރަނާސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ރެޖިސްޓާ ވާނަމަ ރެޖިސްޓާ ވެވޭނެ އަގުތަކަކީ:
އެއް މޭލު - 199 ރުފިޔާ
ފަސް ކިލޯމީޓަރު- 450 ރުފިޔާ
10 ކިލޯމީޓަރު- 600 ރުފިޔާ
އެ ދުވުމުން ވަނަތަކަށްދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 10 ކިލޯމީޓަރުގެ ދުވުމުން އޮވަރޯލް އެއް ވަނައަށް 7500 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިން ވަނައަށް 3500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
ފަސް ކިލޯމީޓަރުގެ ދުވުމުން އޮވަރޯލް އެއް ވަނައަށް 5000 ރުފިޔާ، ދެވަނައަށް 3500 ރުފިޔާ އަދި ތިން ވަނައަށް 2500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
ދުވުމުގެ ވަނަތައް އަންހެން، ފިރިހެން އަދި އޮފިސް ކެޓަގަރީން ދޭނެއެވެ.
އެ ދުވުމުގެ މެއިން ޕާޓްނަރަކީ އެޗްޑީސީއެވެ. އަދި އެންޖީއޯގެ ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެހެފައިވަނީ މަމްސް އެއިޑްއެވެ.