ކާމިޔާބު މީހުންގެ ކިބައިގައި ހުންނަ އެއްގޮތް ބައެއް ކަންތައްތައް

ކާމިޔާބު މީހުން ކަންތައްތަކާ ކުރިމަތިލާނީ ވަރަށް ކެރިގެން -- ފޮޓޯ: ވީކަވަރ

ކާމިޔާބު މީހަކަށް ވުމަށް ބޭނުން ނުވާނީ ކާކުހެއްޔެވެ. ކޮންމެ މީހަކީ ވެސް ތިމާގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް ބޭނުންވާނެ މީހެކެވެ. އެކަމަށް ވަކި އުމުރެއް ނޯވެއެވެ. ދުނިޔޭގައި ތިމާ ހޭދަކުރާ ކޮންމެ ވަގުތުކޮޅަކީ ވެސް، ހަޔާތުގައި ކާމިޔާބު ޞަފްހާއެއް ލިޔަން ތިމާ މަސައްކަތް ކުރާނޭ ވަގުތުކޮޅެކެވެ. އެއީ މި ދުނިޔެއަށް ޓަކައި އެކަންޏެއް ނޫނެވެ. އާޚިރަތަށްޓަކައި ވެސް މެއެވެ.

މި ލިޔުމުގައި ބަލާލެވިފައި އެވަނީ، ދުނިޔޭގައި އެކި ރޮނގުތަކުން ކާމިޔާބު މީހުންގެ ގޮތުގައި ބެލެވިފައިވާ ފަރާތްތަކުގެ ކިބައިގައި ހުރި އެއްގޮތް ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި، ނިއުޔޯކް ޓައިމްސްގެ މަޝްހޫރު ލިޔުންތެރިޔާ ޑޭން ޝޯވްބެލް ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކާއި އެފަދަ ބައެއް ހޯދުންތަކުން އެއްކުރެވިފައިވާ މައުލޫމާތުތަކުގެ މައްޗަށެވެ.

މަޝްހޫރު ނޫސް މަޖައްލާ، ފޯބްސްގައި 2007 ވަނަ އަހަރުން ފެށިގެން ކާމިޔާބު މީހުންގެ ގޮތުގައި ބަލައިގަނެވިފައިވާ، ބައެއް ސީއީއޯއިންނާއި ސެލެބްރިޓީންނާއި މުސައްނިފުންނާއި މުހައްރިރުންނާއި ސިޔާސީ ފަރާތްތަކާއި އެނޫން ވެސް ތަފާތު ދާއިރާތަކުގެ 1،200 ފަރާތަކާ އިންޓަވިއުކޮށް، އެމީހުންގެ ކިބައިން ފާހަގަކުރެވުނު އެއްގޮތް ބައެއް ކަންތައްތައް ޝޯވްބެލް ވަނީ ފާހަގަކޮށްފައެވެ.

ބަދަލުގެނަންވީ ވަގުތު އެމީހުން ދެނެގަތުން

  • ތިމާގެ ވަޒީފާ ބަދަލުކުރާންވީ ވަގުތާއި، އަމިއްލަ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ފަށާންވީ ކޮން ވަގުތެއްގައިކަން އެމީހުން ދެނެގަނެ އެވެ. ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިކަމުގައި ވިޔަސް، އަދި މަންޒިލަށް ވާސިލްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކިތަންމެ އުނދަގޫ ވިޔަސް ފަސްނުޖެހި ކުރިއަށް ދިއުމަށް އެމީހުން މަސައްކަތް ކުރާނެ އެވެ.

ކާމިޔާބު މީހުންނަކީ އެހެން މީހުންނަށް ނުކުރެވޭ ކަންކަން ވެސް ތިމާއަށް ކުރެވިދާނޭކަމަށް ގަބޫލުކޮށް އެކަމާއިގެން ކުރިއަށްދާ ބައެއް-- ފޮޓޯ: ފޮޓޯލިއާ

ހަވާލުކުރާ ވަރަށް ވުރެ އިތުރަށް މަސައްކަތް ކުރުން

  • އެމީހުން އެމީހުންގެ ވަޒީފާ ބަޔާން ބަލަނީ ހަމައެކަނި ތިމާއާ ހަވާލުކުރެވޭ މަސައްކަތަކީ ކޮބައިކަން ދެނެގަންނާށެވެ. އެގޮތުން އެމީހުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ނިންމުމަށް ފަހު، އަބަދުވެސް އެއަށް ވުރެ އުނދަގޫ މަސައްކަތްތަކާ އަމިއްލައަށް ހަވާލުވެ އެވެ. އަދި އެހެންމީހުން ކުރާން ބޭނުން ނުވެގެން ދޫކޮށްލާފައި ހުންނަ މަސައްކަތްތައް ވެސް އިސްނަގައިގެން ކުރާނެ އެވެ.

ކާމިޔާބީއަށް ޓަކައި ނާކާމިޔާބީއާ ކުރިމަތިލާން ތައްޔާރަށް ތިބުން

  • ކާމިޔާބަކީ ފަސޭހައިން ހާސިލްކުރެވޭ އެއްޗެއް ނޫންކަމާއި އަދި ކާމިޔާބާ ހަމައަށް ވާސިލް ވެވޭނީ ނާކާމިޔާބީގެ ރަހަ ލިބިގެންކަން ކާމިޔާބު ކޮންމެ މީހަކު ވެސް ގަބޫލުކުރެ އެވެ. އެމީހުންނަކީ ކޮންމެ ނާކާމިޔާބަކުން ވެސް އިބްރަތް ހާސިލްކޮށް، އޭގެ އެހީގައި ނިންމުންތައް ނިންމާ މީހުންނެވެ. ގިނަ މީހުންނަކީ ކަމަކުން ނާކާމިޔާބުވުމުން އެކަމެއް ހުއްޓާލާ ބަޔަކަށް ވީނަމަވެސް، ކާމިޔާބު މީހުން އެމީހުން ބޭނުންވާ ކަންތައްތައް ހާސިލްވަންދެން މަސައްކަތް ކުރާނެ އެވެ.

ނަސީބަކީ ކަތީބަކުދޭ އެއްޗެއް ނޫންކަން ގަބޫލުކުރުން

  • ކާމިޔާބު މީހުން ގަބޫލުކުރާ ގޮތުގައި ނަސީބަކީ، ހަމަ ހުރެފައި ލިބޭ އެއްޗެއް ނޫނެވެ. ނޫނީ އެއީ މީހަކު ތަބަކަކަށްލައިގެން ތިމާއަށް ގެނެސްދޭ އެއްޗެއްވެސް ނޫނެވެ. އޭގޭ ބަދަލުގައި ނަސީބުވެރިއަކަށް ވެވޭނީ ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް އެމީހުން ގަބޫލުކުރެ އެވެ. ނަސީބު ލިބިގަތުމަށް ޓަކައި ކޮންމެ ދުވަހަކު ވެސް ހެޔޮ ނިޔަތަކާ އެކު އެމީހުން ކޮންމެވެސް މަސައްކަތެއް ކުރެ އެވެ. އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަ އެވެ.

ކާމިޔާބު މީހުންނަކީ ވަގުތާއި ދަނޑިވަޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން މަސައްކަތްކުރާ ބައެއް -- ފޮޓޯ: ފޮޓޯލިއާ

ހާސިލްކުރެވޭނޭ ފަދަ ހަގީގީ ލަނޑުދަނޑިތަކެއް ކަނޑައެޅުން

  • ނާކާމިޔާބު މީހުން، ދެންކުރާންވީ ކޮންކަމެއްކަން ނޭނގި އެކަންކަމަށް ވަގުތު ނަގާލާއިރު، ކާމިޔާބު މީހުން އެމީހުންގެ ދުވަހުގެ މަސައްކަތްތައް ދުރާލައި ރާވާލައިގެން ކުރިއަށް ގެންދެ އެވެ. އެމީހުން ހާސިލްކުރާން ބޭނުންވާ ލަނޑުދަނޑިތައް ކިތަންމެ ބޮޑު ނަމަވަސް، އެއީ އެމީހުންގެ ގާބިލިއްޔަތާ އެކަށޭނަ ލަނޑުދަނޑިތަކެއްކަމަށް ހަދަ އެވެ. ތިމާމެންނަށް ކުރެވޭނީ ކޮން ކަންތައްތަކެއްކަން ދެނެގަނެ، ތިމާމެންގެ ބަލިފައިން އަރައިގަތުމަށް އެމީހުން މަސައްކަތް ކުރާނެ އެވެ.

ކުރާ ކަންތައްތަކުގެ ފުރިހަމަ ޒިންމާ އުފުލުން

  • ތިމާ ކުރާންޖެހޭ ކަންކަން އެހެންމީހުންގެ ބޮލަށް ބިންދާލައިގެނެއް ނުތިބޭނެއެވެ. އޭގެ ބަދަލުގައި އެމީހުން ބަލާނީ، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ކޮށްގެން ކުރިއަށް ދެވޭނެ މަގު ހޯދުމަށެވެ. އެމީހުންނަށް ގޯހެއް ހެދިއްޖެ ނަމަ އެކަން އަމިއްލައަށް ގަބޫލުކޮށް، ކުރިއަށް އޮތްތަނުގައި އެކަމެއް ތަކުރާރު ނުކުރުމަށް ކުރެވިދާނޭ ކަންތައްތަކާ ދޭތެރޭގައި ވަގުތުން ވިސްނަން ފަށައެވެ.

ބަދަލު ގެންނަން ކެރޭ

  • ބަޔަކު ގެންނަ ބަދަލެއްގެ ސަބަބުން ތިމާމެންގެ ވިޔަފާރިއާއި އިގްތިސާދަށް އަސަރުކުރާތަން ބަލަން ތިބުމުގެ ބަދަލުގައި ކާމިޔާބު މީހުން ބަލާނީ، އެމީހުން އަމިއްލައަށް އެފަދަ ބަދަލުތައް ގެނައުމަށެވެ. އަދި އެފަދަ ކަންކަމުގައި ފަސް ޖެހޭ ނަމަ، އެމީހުންނަކީ ބޭކާރުވެގެން ދާނޭ ބައެއްކަމަށް އަމިއްލައަށް ގަބޫލުކުރާނެ އެވެ. އެހެންކަމުން ތިބި ހިސާބުގައި ކުރިއަށް ނުގޮސް ހިތްހަމަ ޖައްސާލުމުގެ ބަދަލުގައި އެމީހުން އަބަދު ވެސް އާ ޚިޔާލުތައް ހޯދައި، އާ ހުނަރުތައް ދަސްކުރެ އެވެ.

ކާމިޔާބު ހާސިލްކުރީ ކިހިނެއްކަން ވަރަށް ސާފުކޮށް ކިޔައިދޭ

  • ކާމިޔާބު މީހެއްކުރެން އޭނާ ކާމިޔާބު މީހަކަށް ވުމަށް ކުރި މަސައްކަތުގެ ވާހަކަ އަހައިފި ނަމަ، އެއްވެސް އޮޅުވާލުމެއް ނެތި، ވަރަށް ފުރިހަމައަށް އެވާހަކަތައް ކިޔައިދެ އެވެ. ތިމާއަކީ ކާކު ކަމާ، ތިމާ ދައްކާ ވާހަކަ އަނެކާއަށް ގަބޫލުކުރެވޭގޮތަށް ބުނެދެ އެވެ. އެމީހުންނަކީ ވަރަށް ސާދާ، ސީދާ އަމިއްލަ ނަފުސަށް އިތުބާރުކުރާ އަދި އަނެކާއާ މުއާމަލާތް ކުރުމަށް ހުނަރުވެރި ބައެކެވެ.

ކާމިޔާބު މީހުން އެމީހުންގެ މަންޒިލަށް ވާސިލްވުމަށް ކިތަންމެ އަޑިގުޑަން މަގުތަކެއް ހިޔާރުކުރާން ޖެހުނު ނަމަވެސް، ފަސް ނުޖެހި ވަރަށް ގަޔާވެގެން އެކަމަށް ކުރިމަތިލާނެ -- ފޮޓޯ: ފޮޓޯލިއާ

އެހީގެ އަތެއް ފޯރުކޮށްދެވޭނީ ކޮންބައެއްކަން އެނގުން

  • ކާމިޔާބު މީހުން ގަބޫލުކުރާ ގޮތުގައި މައްސަލަތައް ހައްލުކުރެވޭނީ އެކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީއާއި އިރުޝާދު ހޯދައިގެންނެވެ. އެގޮތުން އެމީހުންގެ ސުވާލުތަކަށް އެންމެ ފުރިހަމައަށް ޖަވާބު ދެވޭނީ ކޮންފަރާތްތަކެއްކަން ދެނެގަނެ އެފަރާތްތަކާ މުއާމަލާތްކުރާން ކާމިޔާބު މީހުންނަކީ ފަސްޖެހޭ ބައެއް ނޫނެވެ. އަދި ތިމާއަށް އެހީތެރިވެދޭ މީހާއަށް އޭގެ ބަދަލު ދިނުމަށް އެމީހުން އަބަދުވެސް ތައްޔާރަށް ތިބެ އެވެ.

ކުރިއަށް ދިއުމަށްޓަކައި އަބަދުވެސް އުނގެނުން

  • ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ޑިގްރީއެއް އަތަށް އެރުމުން ކިޔަވައި ނިމުނީ އެވެ. އެހެން ނަމަވެސް ކާމިޔާބު މީހުން ގަބޫލުކުރާ ގޮތުގައި، އެމީހުންނަކީ "މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ވެސް އިލްމު އުނގެނެން ޖެހޭ" ދަރިވަރުންނެވެ. އެގޮތުން އަބަދުވެސް އާ ކަންތައްތައް ދަސްކޮށް ތަޖްރިބާކުރުމަށް ޝައުގުވެރިވެ އެވެ. އަދި ފެއިލް ވެދާނޭތީ ފަސްނުޖެހި އާކަންކަން ތަޖުރިބާ ކުރެއެވެ.

މުޖުތަމައުގައި ތިމާގެ މަގާމާއި ދަރަޖަ އެނގުން

  • ކާމިޔާބު މީހުންނަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ ހާލުގައި ކަންކަމުގައި ފަސްނުޖެހި އިސްނަގާ މީހުންނެވެ. އެމީހުންނަކީ އަމިއްލަ ތަސައްވުރާއި ލަނޑުދަނޑި ހާސިލްކުރުމަށް ކޮންމެ ދުވަހުކު ވެސް ގަދައަޅައި މަސައްކަތްކުރާ ބައެކެވެ. އެމީހުންނަށް ނުކުރެވޭ ކަންތައްތައް ކުރުމަށް ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި ތިމާއަށް ރަނގަޅަށް ކުރެވޭކަންތައްތައް އެމީހުން ދެނެގަނެ އެވެ.

ބުރަ މަސައްކަތުން ތަނަވަސްކަން ހޯދަން މަސައްކަތްކުރުން

  • ކާމިޔާބު މީހުންނަކީ، ކުއްލި މުއްސަނދިކަމަށްވުރެ ބޮޑަށް، ބުރަ މަސައްކަތުން ދެމެހެއްޓެނިވި ތަނަވަސްކަމެއް ހޯދަން މަސައްކަތްކުރާ ބައެކެވެ. އެމީހުން ބޭނުންވާ ދާއިރާއެއްގައި ދެމެހެއްޓިނިވި ގޮތެއްގައި ކުރިޔަށް ދިޔުމަށް އެމީހުންގެ އުފެއްދުންތެރި ޚިޔާލުތަކުގެ އަލީގައި ކެނޑިނޭޅި، ބުރަ އަދި ބައެއް ހާލަތްތަކުގައި ނުރައްކާތެރި މައްސައްކަތް ކުރުމަށް ޝައުގުވެރިވެ އެވެ. ކާމިޔާބު ހޯދުމަށް ކުރާ ދަތުރުގައި ކިތަންމެ ބައިވަރު އަޑިގުޑަންތަކާއި އުނދަގޫތައް ހުރި ކަމުގައިވިޔަސް، އެ ދަތުރަކީ އެމީހުން ވަރަށް ގަޔާވެގެން ކުރާ ދަތުރެކެވެ.

އުފެއްދުންތެރިކަން

  • ގިނަ މީހުން ބިޒީވަނީ އީ މެއިލްތައް ކިޔުމުގަޔާއި، ޓީވީ ބެލުމާއި މިޔުޒިކް އަޑުއެހުމާއި ސޯޝަލް މީޑިއާގައި ޗެޓްކުރުންފަދަ ކަންކަމުގައި ކަމަށްވީ ނަމަވެސް، ކާމިޔާބު މީހުން މަސައްކަތްކުރާނީ އާ އާލަތްތައް އުފެއްދުމަށާއި، މޮޅު ޕްރެޒެންޓޭޝަންތައް ތައްޔާރު ކުރުމުގެ އިތުރުން އާ ހިޔާލުތައް ހޯދުމަށެވެ. އެމީހުންނަކީ އެހެންމީހުންގެ އުފެއްދުންތައް ބޭނުން ކުރުމުގެ ބަދަލުގައި އެހެންމީހުންގެ ބޭނުންތައް ފުއްދުމުށް ތަކެތި އުފައްދާ މީހުންނެވެ.

މިއީ ކާމިޔާބު މީހަކަށް ވުމަށް އެދޭ ކޮންމެ މީހަކަށް ވެސް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ނޫންހެއްޔެވެ. މިފަދަ މައުލޫމާތުތައް ކިޔާލުމަށް ފަހު ދޫކޮށްލުމުގެ ބަދަލުގައި، އެއިން އިބްރަތް ހާސިލްކުރާންވީ އެވެ. އެންމެ ފުރިހަމަ ގޮތުގައި އޭގެ ފައިދާ ނަގަންވީ އެވެ. އެހެނީ، މާތްﷲ ރުއްސުންލެއްވި އަލްޙަސަނުލް ބަޞްރީގެފާނު ވިދާޅުވިބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އަމާޒަށް ވާސިލުވާން އެދޭ ނަމަ ބުރަކަމާމެދު ޝަކުވާނުކޮށް މަސައްކަތްކުރާށެވެ! ބުރަވެގެން، މަސައްކަތް ހުއްޓާލުމަކުން އަމާޒަކަށް ވާސިލެއް ނުވެވޭނެ އެވެ."

މާތްﷲ ރުއްސުންލެއްވި، ޢަލީގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ގަދައަޅައި މަސައްކަތްކުރުމަކާ ނުލައި ތިމާގެ މަގުސަދު ހާސިލްކުރެވިދާނެ ކަމަށް ހީކޮށްފި މީހާއީ، އެދުމެއްގެ މަތީގައިވާ މީހެކެވެ. ތިމާގެ މަގުސަދު ހާސިލްކުރުމަށް ޓަކައި ހިންމަތާ އެކު މަސައްކަތްކުރާ މީހާއީ، ފުދިގެންވާ މީހެކެވެ."

comment ކޮމެންޓް