އަނެކާގެ މަސައްކަތް ގަނެގެން ހޯދާ މޮޅު ސެޓްފިކެޓް! (ވީޑިއޯ)

ދަރިވަރަކު ކޮލެޖެއްގައި ކިޔަވަނީ: މަތީ ތައުލީމް ހާސިލް ކުރުމުގައި މަކަރު ހެދުން އާންމު-- ސަން ފޮޓޯ

ޒުވާނުންގެ އާބާދީ ބޮޑު މިރާއްޖެއަކީ ތައުލީމަށް ހާއްސަ ސަމާލުކަމެއް ދޭ ގައުމެކެވެ. ކޮންމެ އަހަރަކު ވެސް އެތައް ދަރިވަރުންނެއް މޮޅެތި ނަތީޖާތަކާ އެކު، މަތީ ތައުލީމް ހާސިލްކޮށް ނިންމާލަ އެވެ. އެއަށް ފަހު ވަޒީފާތަކާ ގުޅެނީ އެވެ. ގައުމުގެ ނިސްބަތުން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުން ގިނަ އެވެ. ނަމަވެސް އެފަރާތްތަކުގެ ފެންވަރު ނެތް ވާހަކައަކީ އަބަދުހެން އިވޭ ވާހަކަތަކެވެ. ހަގީގަތަކީ ތައުލީމީ ގާބިލް ޒުވާނުން މިގައުމުގައި ގިނަކަމެވެ. ނަމަވެސް މަތީ ތައުލީމަށް ކުރާ ދަތުރުގައި ބޮޑު މަކަރެއް އެބަހަދަ އެވެ.

ރާއްޖޭގައި މަތީ ތައުލީމް ދިނުމަށް ގިނަ ކޮލެޖުތަކަކާއި ޔުނިވާސިޓީ ހިންގާ އިރު ކުދިންގެ ފެންވަރު ކަނޑައަޅަނީ ކުދިން ލައްވައި ހަދާ ޓެސްޓްތަކާއި އެސައިމަންޓްތަކުންނެވެ. ގޭގައި ހަދަންދޭ އެސައިމަންޓަށް 40 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމައަށް ގިނަ ތަންތަނުން މާކްސް ދޭއިރު އެއްވެސް ޓެސްޓަކާ ނުލައި 100 ޕަސެންޓް އެސައިމަންޓުން ކުއްޖާގެ ފެންވަރު ބަލައި ސެޓްފިކެޓުދޭ ކޮލެޖުތައް ރާއްޖޭގައި އެބަހިންގަ އެވެ. މީގެ ނަތީޖާއަކީ ކުއްޖާ މީހެއްލައްވައި އެސައިންމަންޓް ހަދައިގެން މަތީތައުލީމްގެ ސެޓް ފިކެޓު ހޯދުމެވެ.

"ކިޔެވިއިރު ޓެސްޓައް މިއިންނަނީ ވަރަށް ކުޑަ މާކްސް އެއް. އެސައިންމަންޓުން 50 ވަރަކަށް މާކްސް ލިބެނީ. ބައެއް އެސައިންމަންޓްތަކުގައި އެގޮތަށް އެބައޮވޭ، އެހެންވެ ގިނަ ކުދިން ހަދާގޮތަކީ މީހުން ލައްވައި އެސައިންމަންޓްތައް ހަދަނީ. މިއީ ވަރަށް ގިނަ ކުދިން ކުރާކަމެއް،" ގައުމީ ޔުނިވާސިޓީން ޑިޕްލޮމާ ހާސިލްކޮށްފައިވާ ދަރިވަރަކު ބުންޏެވެ.

ރާއްޖޭގައި އެގޮތަށް އަގަށް އެސައިންމަންޓް ހަދައިދޭ ގިނަ ބަޔަކު އުޅޭއިރު، އެ މަސައްކަތުގެ އަގުތައް އުޅެނީ، 500 ރުފިޔާ އިން ފެށިގެން 3000 ރުފިޔާއާ ދެމެދުގަ އެވެ. އޮންލައިން އެކިއެކި ވެބްސައިޓުތަކުގައި އެސައިންމަންޓް ހަދައިދޭކަމަށް އިސްތިހާރުކޮށްފައިވާ އިރު ސަންއިން ގުޅުމުން ވެސް އެކަން ވަނީ ޔަގީން ކޮށްދީފަ އެވެ. ގިނަ ކުދިންނަކީ ވަޒީފާއަށް ގޮސްގެން، ނުވަތަ ހަމައެކަނި ސެޓްފިކެޓު ހާސިލް ކުރުމަށް ކިޔަވާ ކުދިންނަށްވުމުން މި މަކަރު ހެދުން ވަރަށް އާންމެވެ.

ކުދިންތަކެއް ކިޔެވުމުގައި: ވަގަށް އެސައިމެންޓް ހަދާ މައްސަލަ ބޮޑު-- ސަން ފޮޓޯ

"ބައެއް ސައިޓްތައް ހުރޭ އެސައިންމަންޓް ހަދައިދޭ ސައިޓްތައް. ވަކިވަރަކަށް ޑޮލަރު ދިނީމާ، އެގޮތަށް ހަދާ މީހުން ވެސް އުޅޭ. ހަމަ ގާތް މީހުން ނުވަތަ ރައްޓެހިން ލަށްވައި އެސައިންމަންޓް ހަދާ މީހުން ވެސް އުޅޭ،" އަމިއްލަ ކޮލެޖެއްގައި ވިޔަފާރި ދާއިރާއިން ޑިގްރީ ހާސިލްކުރަމުންދާ ދަރިވަރަކު ބުންޏެވެ.

އެސައިންމަންޓަށް މަކަރު ހެދުން އިންތިހާއަށް އާންމުވެފައިވާ އިރު، އެއީ ކިޔަވައިދެއްވާ ލެކްޗަރާއިންނަށް ވެސް ފާހަގަވާ ބޮޑު މައްސަލައެކެވެ. ނަމަވެސް ހިތާމައަކީ އެކަމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ނެތުމެވެ.

"ބައެއް ފަހަރު ހުށަހަޅާފައި ހުންނަ އެސައިންމަންޓްތަކުގައި ހުންނަނީ ދަރިވަރުގެ ނޮލެޖަށްވުރެ މަތިންކަން ފާހަގަކުރެވޭ. ބައެއް ކުދިންގެ އެސައިންމަންޓްތައް އެކުއްޖާ ކުލާހުގައި ޕާފޯމް ކުރާވަރަށް ވުރެ ހައިރާން ކުރުވަނިވި ވަރަކަށް ހުރޭ،" ޑިގްރީ ހަދާ ކުދިންނަށް ކިޔަވައިދޭ ލެކްޗަރާއަކު ވިދާޅުވި އެވެ.

ކުދިންތަކެއް ކިޔެވުމުގައި: ވަގަށް އެސައިމެންޓް ހަދާ މައްސަލަ ބޮޑު-- ސަން ފޮޓޯ

ކުދިންގެ ނަތީޖާގެ ބޮޑު ބައެއް އެސައިންމަންޓްތަކުން ވަޒަންކުރާ އިރު އެސައިންމަންޓްތަކަށް މަކަރު ހަދާކަން ކިޔަވައިދޭ މަރުކަޒުތަކަށް ވެސް ވަނީ ފާހަގަކުރެވެން ފަށައިފަ އެވެ. އަދި އެކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި ބައެއް ކަންކަމަށް ފިޔަވަޅު އަޅައި ދަނީ އަމަލުކުރަމުންނެވެ.

ވިލާ ކޮލެޖުގެ ސްޓޫޑެންޓް ޑީން ޑރ. އަބްދުﷲ ޞާދިގު ވިދާޅުވީ، ކުދިން ހުށަހަޅާ އެސައިންމަންޓަކީ މީގެ ކުރިން މީހަކު ހަދާފައިވާ އެސައިމަންޓެއްކަން ދެނެގަނެވޭނެ ސޮފްޓުވެއާއެއް އެކޮލެޖުން ގެންގުޅޭ ކަމަށެވެ.

"މިތަނަށް އެއްވެސް އެސައިންމަންޓެއް ކުއްޖަކަށް ލެވޭނީ އެ ސޮފްޓުވެއާ މެދުވެރިކޮށް. ހާޑް ކޮޕީ ލީކަމުގައި ވިޔަސް ވެސް ކޮޕީކޮށްފައިއޮތްތޯ ނުވަތަ އެހެންތަނަކުން ނަގާފައި އޮތް ލިޔުމެއް އޮތްތޯ ބަލައިގެން އެސައިންމަންޓް މިތަނަށް ލާނީ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން އިނގޭނެ ކުއްޖަކު ކޮޕީއެއް ނަގާފައި އޮތަސް،" ޞާދިގު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ސުޓޫޑެންޓް ޑީން ސަން އަށް އިންޓަވިއޫ ދެއްވަނީ-- ކުދިން އެސައިމަންޓަށް މަކަރު ހަދާގޮތް ބަލާކަމަށް ވިދާޅުވި-- ސަން ފޮޓޯ

އެކަމާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ވިދާޅުވީ، ކޮންމެ މާއްދާއެއްގެ 50 ޕަސެންޓް މާކުހަށް ވުރެ އިތުރަށް އެސައިންމަންޓުތަކުން ނުދެވޭނެ އުސޫލެއް އެ ޔުނިވާސިޓީން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދަރިވަރު ހުށަހަޅާ އެސައިންމަންޓަކީ ދަރިވަރު އަމިއްލައަށް ހެދި އެއްޗެއްތޯ ލެކްޗަރާ ޔަގީން ކުރަންޖެހޭނެ ކަމަށް ފަވާޒު ވިދާޅުވި އެވެ.

ސައިރެކްސް ކޮލެޖުގެ ވައިސް ރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ކޮލެޖުން ދޭ އެސައިންމަންޓުން 100 ޕަސެންޓް މާކްސް ހޯދައިގެން ވެސް އެ ކުއްޖަކަށް ޑިގްރީ ހާސިލް ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ކޮލެޖުން ދޭ ޓެސްޓާއި އެސައިންމަންޓްތައް ފަދަ ކޮންމެ އެސެސްމަންޓަކުން ފާސްވާންޖެހޭނެ ކަމަށް އޭނާވިދާޅުވި އެވެ.

ސައިރެކްސް ކޮލެޖުގެ ވައިސް ރެކްޓަރު މުހައްމަދު ޝަރީފް: ސަން ފޮޓޯ

ބައެއް ކޮލެޖުތަކުން އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް އަނެއް ބައިކޮލެޖުތަކުން ފަސޭހައިން ވަގު ހެދުމުގެ ފުރުސަތު އެބައޮތެވެ. ތައުލީމް ހާސިލްކުރާ ކުދިންނާއި ލެކްޗަރާއިންގެ ވާހަކަތަކުން އެކަން ޔަގީންވެ އެވެ.

"އަސްލު އެއްވެސް ގޮތަކަށް ނުބަލައޭ ބުނެވިދާނެ. އެއީ ކިޔަވާއިރު އިނގޭނެ ކުލާސްތެރޭގައި އެކުއްޖާގެ ޕާފޯމަންސްއާއި އަދި އެކުއްޖާގެ އެސައިންމަންޓްތަކުގެ ޕާފޯމަންސް. އެކަމަކު އެގޮތަށް ނުބަލާ،" ދަރިވަރަކު ބުންޏެވެ.

ޑިގްރީއަށް ކިޔަވައިދޭ ލެކްޗަރާއެއް ވިދާޅުވީ، މިހާރު ބައެއް ކޮލެޖުތަކުންދޭ މަތީ ތައުލީމްގެ ސެޓްފިކެޓަކީ ގަންނަ އެއްޗެއް ކަމަށެވެ.

ކޮންމެއަކަސް ސެޓްފިކެޓް އޮތް ނަމަވެސް ތައުލީމެއް ނެތް ޒުވާނުން އުފެދެން މިއޮތް މަގު ބަންދު ކުރަންޖެހެ އެވެ. މިއީ މިގައުމުގެ ތަރައްގީއަށް އެޅޭ ހުރަހަކަށްވާއިރު މިމައްސަލައަށް މިހާރުން މިހާރަށް އެޑްރެސް ކުރަންޖެހޭ ކަމަށް ތައުލީމް ދޭ ފަރާތްތަކުން ވެސް ގަބޫލް ކުރައްވަ އެވެ. ހާއްސަކޮށް މަތީ ތައުލީމުގައި ވިޔަފާރި އުސޫލް ދޫކޮށް ހިދުމަތަށް އަމާޒު ކުރަންޖެހެ އެވެ.

ވިލާ ކޮލެޖުގެ ސްޓޫޑެންޓް ޑީން ޑރ. އަބްދުﷲ ޞާދިގު ވިދާޅުވީ، މަތީ ތައުލީމަކީ ހިދުމަތެއް ކަމަށާއި އެކަން ވިޔަފާރި އުސޫލަށް ހިންގުމަށް ފުރުސަތު ދީގެންނުވާނެ ކަމަށެވެ. މަތީ ތައުލީމުގެ ހިދުމަތް ދިނުމަށް ހުއްދަދޭއިރު ހަރުދަނާ އުސޫލަކުން ބަލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަތީތައުލީމުގައި މިހިނގާ ނޭދެވޭ ކަންތައްތަކާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

މިގައުމަށް ހިދުމަތް ކުރަން ނުކުންނަ ޒުވާނުންނަކީ ފައިސާ ދީގެން މަތީތައުލީމް ސެޓްފިކެޓު ގަންނަ ބަޔަކަށްވާ ނަމަ މިއީ ރާއްޖޭގެ ތަރައްގީ އާއި އުފެއްދުންތެރިކަމަށް ވެސް އޮތް ބޮޑު ހުރަހެކެވެ. އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. މަތީތައުލީމުގެ ސެޓްފިކެޓަކީ ކުއްޖާގެ ފެންވަރު ރަނގަޅަށް ވަޒަން ކުރުމަށް ފަހު ދެވޭ އެއްޗަކަށް ހެދުމަށް ޓެސްޓް އިތުރު ކުރަންޖެހެ އެވެ.

comment ކޮމެންޓް