މާރިޗު އޭޕްރިލް ހިސާބަކީ ކޮންމެ އަހަރެއްގައި ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެންމެ ގިނައިން ކަރަންޓު ބޭނުންކުރެވޭ އެއް ދުވަސްވަރަކީ ވެސް ހަމަ މި ދުވަސްވަރެވެ.
މާރިޗު މަހާއި އޭޕްރިލް މަހު ކަރަންޓު ބިލު ބޮޑުވާ ޝަކުވާއަކީ އަބަދު ވެސް އާންމު ޝަކުވާއެކެވެ. އާންމުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އާންމު ގޮތެއްގައި ކޮންމެ މަހަކު ކަރަންޓު ބިލަށް ޖެހޭ ވަރަށް ވުރެ ބިލު ބޮޑުވުމެވެ. ބައެއް ހާލަތްތަކުގައި ކަރަންޓު ބިލު ދެ ގުނައަށް ވެސް ބޮޑުވެފައި އެބަހުއްޓެވެ.
އާންމުންގެ މި ޝަކުވާތަކާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް، މާލެ ސަރަހައްދަށާއި ބައެއް ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއިން ބުނަނީ، ހޫނު ގަދަ ދުވަސްވަރު ގޭބިސީތަކާއި އޮފީސްތަކުން ކަރަންޓު އިތުރަށް ބޭނުންކުރާ ކަމެވެ.
ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކަށް، ބިލުތައް ވެސް ބޮޑުވާކަމީ ތެދެކެވެ. އެކަމަކު, ވަކި ދުވަސްވަރެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަނީ ކީއްވެހެއްޔެވެ؟
ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ ވަރު އިތުރުވޭ، ކަރަންޓު ދައުރުކުރަން ކުރާ މަސައްކަތް ބޮޑު
ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓްސް (އެފްއޭއެސް)އިން އާންމުކުރި ލިއުމެއްގައިވާ ގޮތުން، ހޫނުމިން އިތުރުވުމުގެ ސަބަބުން ކަރަންޓު ދައުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކަށް އެކަމުގެ އަސަރުކުރެއެވެ. މިކަމުގެ ސަބަބުން ގޭބިސީތަކާއި އޮފީސްތަކާއި މުހިންމު ތަންތަނުގައި ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާޚިލާފަށް އިތުރުވާ ކަމަށް އެފްއޭއެސްއިން ބުނެފައިވެއެވެ.
އެފްއޭއެސްއިން ބުނެފައިވާ ގޮތުގައި، ހޫނުމިން އިތުރުވުމުގެ ސަބަބުން ކަރަންޓު ދައުރުކުރުމަށް ގްރިޑުތަކުން ކުރަންޖެހޭ މަސައްކަތް އިތުރުވެ، ކަރަންޓު އުފައްދާ މިންވަރު މަދުވެއެވެ. އެގޮތުން, އަވިން ކަރަންޓު އުފައްދަން ބޭނުންކުރާ ސޯލާ ހަކަތަ ދައުރުކުރާ މިންވަރު، ހޫނުގަދަވުމުގެ ސަބަބުން ދަށްވާ ކަމަށާއި ޓްރާންސްމިޝަން ލައިން، ނުވަތަ ކޭބަލްތަކުން ކަރަންޓު ދައުރުކުރާ މިންވަރު ދަށްވާ ކަމަށް ވެސް އެ ފެޑެރޭޝަނުން ބުންޏެވެ.
މި އޭޕްރިލް މަހުގެ ކުރީކޮޅަށް ބަލައިލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޫނު ގަދައެވެ.
އެގޮތުން، މި މަހުގެ ހަތަރުވަނަ ދުވަހު މާލޭގައި ހޫނުމިން ހުރީ 34 ޑިގްރީސް ސެލްސިއަސްގައެވެ. އަދި، މާލެއަށް އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 43 ޑިގްރީސް ސެލްސިއަސްގައެވެ. ހަމަ އެހެންމެ، އެންމެ ދެކުނުން އައްޑޫގެ ހޫނުމިން 32 ޑިގްރީސް ސެލްސިއަސްގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީސް ސެލްސިއަސްގައެވެ.
އަދި، ހދ. ހަނިމާދުއާއި ކުޅުދުއްފުށި ސިޓީގައި ހޫނުމިން 31 ޑިގްރީސް ސެލްސިއަސްގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން އެ ދުވަހު ހުރީ 39 ޑިގްރީސް ސެލްސިއަސްގައެވެ.
އޭސީގެ ސަބަބުން ކަރަންޓަށް އަސަރުކުރަނީ ކިހިނެއް؟
ރާއްޖޭގެ އެކި ގޭބިސީތަކާއި އޮފީސްތަކާއި މިސްކިތްތަކަށް ބަލައިލާއިރު، ގިނަ ތަންތަނުގައި އެއާ ކޮންޑިޝަނަރު، ނުވަތަ އޭސީ ބޭނުންކުރުން އާންމެވެ. އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރާ އެކައްޗަކީ ވެސް އެއީއެވެ.
ސީނެޓްގައިވާ ލިޔުމެއްގައިވާ ގޮތުން، އޭސީގެ ސައިޒާއި އުމުރާއި ވައްތަރު، ކަރަންޓު ބިލު ބޮޑުވުން ނުވަތަ ކުޑަވުމުގައި ދައުރެއް އަދާކުރެއެވެ.
އޭސީގައި ހުންނަ ފިލްޓަރުތައް ބަދަލުކޮށް، ނުވަތަ ސާފުކުރުމާއި، އޭސީގެ ފިޔަތައް ސީދާކޮށް ހޮޅިތައް ސާފުކުރުމަކީ އޭސީން ވައި ދައުރުކޮށްދޭ މިންވަރު ރަނގަޅުވެ، ކަރަންޓު ރައްކާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އޭސީ މަރާމާތުކޮށް ސާވިސްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން، އަބަދު ވެސް ހަ މަހުން ހަ މަހުން އޭސީތައް ސާވިސްކުރަން ލަފާދެއެވެ.
އެންމެ ރަނގަޅީ، 25.5 ޑިގްރީސް ސެލްސިއަސް އާއި 30 ޑިގްރީސް ސެލްސިއަސްގެ މިންވަރެއްގައި އޭސީގެ ފިނިހޫނުމިން ބެހެއްޓުމަށެވެ. އޭސީގެ ފިނި ހޫނުމިން ދަށްކޮށްފައި ބެހެއްޓުމުގެ ނަތީޖާއަކަށް ވާނީ، ފިނިކުރުމަށް ކަރަންޓު ބޭނުންކުރާ ވަރު އިތުރުވުމެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތަކުގައި އޮތީ ކީކޭ؟
ސްޓެލްކޯގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ވޭތުވެދިޔަ 30 ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ ގޮތުން ދައްކާ ގޮތުގައި، އެންމެ މަދުން ކަރަންޓު ބޭނުންކޮށްފައިވަނީ މި މަހުގެ 17ވަނަ ދުވަހެވެ. އެގޮތުން، އެ ދުވަހު މާލޭ ސަރަހައްދުގައި 93.5 މެގަވޮޓުގެ ކަރަންޓު ބޭނުންކޮށްފައިވެއެވެ.
އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމަށްވާ މި މަހުގެ އަށްވަނަ ދުވަހު 111.1 މެގަވޮޓްގެ ކަރަންޓު މާލެ ސަރަހައްދުގައި ބޭނުންކޮށްފައިވެއެވެ. ހަމަ އެ ދުވަހު ކަރަންޓު ބޭނުންކުރި ވަރު 127 މެގަވޮޓަށް އަރައިފައިވެއެވެ.
އިއްޔެގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ ދަށްވެފައިކަން ފާހަގަވަނީ މެންދަމު 3:00 އާއި ހެނދުނު 7:00 އާ ދެމެދެވެ. އެ ވަގުތު މާލެ ސަރަހައްދުގެ ފިނިހޫނުމިން އެވަރެޖްކޮށް 29 ޑިގްރީސް ސެލްސިއަސްގައި ހުރިއިރު، ކަރަންޓު ބޭނުންކުރި ވަރު އުޅެނީ އެވަރެޖްކޮށް 87.5 މެގަވޮޓްގައެވެ. ހަމަ އެހެންމެ، ރޭ ގާތްގަނޑަކަށް 10 ޖަހާކަންހާއިރު، މާލެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 32 ޑިގްރީސް ސެލްސިއަސްގައެވެ. އެ ވަގުތު 121.8 މެގަވޮޓުގެ ކަރަންޓު ބޭނުންކޮށްފައިވާކަން ސްޓެލްކޯގެ ތަފާސްހިސާބުތަކުން ފެނެއެވެ.