އެޕަލްއިން އައިފޯން 7 ޕްލަސް ޑެލިވާ ކުރި އިރު އޮތީ 'ގޮވާފަ'އި ކަމަށް ކަސްޓަމަރަކު ބުނެފި

ސޯޝަލް މީޑިއާގައި ވަނީ 'ގޮވާފައިވާ' ފޯނުގެ ފޮޓޯތައް އާއްމުކޮށްފަ -- ފޮޓޯ: ރެޑިޓް

އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 7 ޕްލަސް އޯޑަރު ކުރުމުން، ފޯނު ލިބުނު އިރު އޮތީ ގޮވާފައި ކަމަށް ސޯޝަލް މީޑިއާ ސައިޓެއް ކަމަށްވާ ރެޑިޓް ބޭނުން ކުރާ މީހަކު ބުނެފި އެވެ.

ރެޑިޓް ބޭނުން ކުރާ މީހަކު އާއްމުކޮށްފައިވާ ފޮޓޯއިން އައިފޯން 7 ޕްލަސްއަކަށާއި އޭގެ ފޮއްޓަށް އަލިފާން ރޯވުމުގެ ސަބަބުންނާއި ގޮވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ލިބިފައިވާ މަންޒަރު ފެނެ އެވެ. އަދި އެއީ ހަމައެކަނި ފޯނު ހޫނުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯއިން ފޯނުގައި ރޯވުމުން ނުވަތަ ގޮވުމުން ލިބިދާނެ ގެއްލުންތައް ލިބިފައިވާ މަންޒަރު ފެނޭ -- ފޮޓޯ: ރެޑިޓް

އެފޮޓޯ ސޯޝަލް މީޑިއާގައި ފެތުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ސެމްސަންގުގެ ނޯޓް 7 އަށް ދިމާވި ބެޓެރި ގޮވުމުގެ މައްސަލަ އައިފޯން 7އަށް ވެސް ދިމާވަނީތޯ ސުވާލު އުފައްދާފަ އެވެ. ނަމަވެސް ނޯޓް7އާ ހިލާފަށް އައިފޯނު 7 ގޮވާފައި ވަނީ އޭތި ބޭނުން ކުރުމުގެ ތެރޭގައެއް ނޫނެވެ. ނަމަވެސް ފޯނު ގޮވީ އެޕަލްއިން ކަސްޓަމަރަށް ޑެލިވާ ކުރި މަގުމަތީގައި ކަމަށް ފޮޓޯ އާއްމު ކުރި މީހާ ބުންޏެވެ.

އެޕަލް އިން މިހާރު ވަނީ އެފޯނުގެ ވެރި ފަރާތާ ކޮންޓެކްޓުކޮށް، ވީހާ ވެސް އަވަހަށް އޭނާއަށް އޭގެ ބަދަލު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ކަމަށް ރެޑިޓުގައި ފޮޓޯތައް އާއްމު ކުރި މީހާ ފަހުން ބުންޏެވެ.

އެމައްސަލައާ ބެހޭ ގޮތުން އެޕަލްއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. އެހެންކަމުން ފޯނު ގޮވަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އައިފޯނުގައި ބޭނުން ކުރާ ބެޓެރިއަކީ އާއްމު ގޮތެއްގައި ބޭނުން ކުރަން ރައްކާތެރި ބެޓެރިއެކެވެ. ނަމަވެސް އެބެޓެރިއަށް ގެއްލުންވެއްޖެ ނަމަ ބެޓެރީގައި ރޯވެ، ފޯނާއެކު ގޮވުމަކީ އެކަށީގެންވާ ކަމެކެވެ.

ސެމްސަންގް ގެލެކްސީ ނޯޓު 7ގެ ބެޓެރީގައި ދޮން ބޮޑުވެ، އޭގައި އަލިފާން ރޯވާ މައްސަލަ ދިމާވާން ފެށުމުން ސެމްސަންގުން ވަނީ އެ ފޯނު ބޭނުންކުރުން ހުއްޓާލަން އަންގައި، އޭގެ ބަދަލު ކަސްޓަމަރުންނަށް ދޭން ނިންމައިފައެވެ. އެކަން ސެމްސަންގުން އަދިވެސް ދަނީ ކުރަމުންނެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް