މާލީ ބަޔާން ފޯމެޓާއެކު ބަޔާނުގެ މައްސަލަތައް ހައްލުވާނެ: އޮޑިޓާ ޖެނެރަލް

ކައުންސިލްތަކުގެ މާލީ ބަޔާން ހުށައަޅާ ފޯމެޓް ފިނޭންސް މިނިސްޓްރީން ގެޒެޓް ކުރުމަކީ އެބަޔާން ހުށައެޅުމުގައި ދިމާވަމުން އައި މައްސަލަތައް ހައްލުވެގެންދާނެ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި މިދިޔަ ޑިސެމްބަރު މަހު ހުޅުވި އޮޑިޓް އޮފީހުން ތައްޔާރުކުރި ފުރަތަމަ ހަ އޮޑިޓް ރިޕޯޓު ނެރެދެއްވައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ މާލީ ބަޔާން ހުށަހަޅާ ފޯމެޓާއެކު މާލީންބަޔާންތައް ތައްޔާރު ކުރުމުގައި މިހާތަނަށް ދިމާމި ފަދަ މައްސަލަތައް ހައްލުވެގެން އަންނާނެ ކަމަށެވެ.

އެފޯމެޓަށް ކައުންސިލްތަކުން އަހުލުވެރި ކުރުމަށް މުޅި ރާއްޖެއަށް ޓުރެއިނިންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ކައުންސިލަކުން މަދުވެގެން ދެ މީހަކަށް ތަމްރީނު ދިނުމަށް ވަނީ ނިންމާފައެވެ.

"ޖުމުލަ 250 މުވައްޒަފުން ތަމްރީނު ކުރެވޭނެ. ބޭނުމަކީ މާލީ މުއާމަލާތު ތައް ހަރުދަނާކުރުމާއި މިކަމުގައި އުޅޭ މުވައްޒަފުން މިކަމަށް އަހުުލުވެރި ކުރުވުން." އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.

ދެކުނުގެ ހަތަރު އޮތޮޅަށް ހާއްސަކޮށްގެން އައްޑޫގައި ގާއިމްކޮށްފައިވާ އޮޑިޓް އޮފީހުން ފުރަތަމަ ނެރުނު ހަ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި މާކަބޮޑު މައްސަލަތަކެއް ފާހަގަކޮށްފައެއްނުވެއެވެ. ބޮޑަށް ހުރީ އާންމުކޮށް އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައި ހުންނަ މައްސަލަތަކެވެ.

ދެކުނުގެ އޮޑިޓް އޮފީހުން މިއަހަރު 69 އޮޑިޓެއް ކުރުމަށް ނިންމާފައިވާއިރު 40 އޮޑިޓެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

comment ކޮމެންޓް