ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވައިފި

ރައީސް ޔާމީން މިއަދު ކޮމާޝަލް ބޭންކު ހުޅުވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީލަންކާގެ ކޮމާޝަލް ބޭންކު ގުޅިގެން، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" (ސީބީއެމް) މިއަދު ހުޅުވައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކް އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ. ސީބީއެމް ހުޅުވީ ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ރައުސްމާލަކާ އެކު އެވެ.

މިއަދު 11:00ގައި ސީބިއެމްގެ ހިދުމަތް ފަށާފައިވާ އިރު ބޭންކިންގެ ހުރިހާ ހިދުމަތްތަކުގެ އިތުރުން ދެ އޭޓީއެމް އާއި ޑިޕޮޒިޓް މެޝިނެއްގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން މޮބައިލް ބޭންކިންގެ އިތުރުން ވިސާ އަދި މާސްޓާ ކާޑު ދޫކުރަން ނިންމާފައިވާ އިރު ކާޑުތައް ބޭނުންކުރެވޭ ގޮތަށް، ވިޔަފާރިކުރާ ތަންތަނުގައި ކާޑު މެޝިން ބަހައްޓަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ހައުސިން ލޯނާއި އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނު އަދި ވިޔަފާރިތަކަށް ދޫކުރާ ލޯނު ވެސް ދޭން ނިންމާފައިވެ އެވެ.

ސީބީއެމްގެ މައި އޮފީސް ހުންނަނީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. ފިލިގަސްދޮށުގޭގަ އެވެ. ސީބީއެމްގައި ޓްރީ ޓޮޕްގެ 45 ޕަސެންޓް ހިއްސާ އޮންނަ އިރު 55 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ ލަންކާގެ އެންމެ ބޮޑު އަމިއްލަ ބޭންކް ކަމަށްވާ ކޮމާޝަލް ބޭންކުންނެވެ.

ރާއްޖޭގައި މިވަގުތު ހިންގަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެމްއައިބީގެ އިތުރުން ލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯން، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހަބީބް ބޭންކް، އެޗްއެސްބީސީ އަދި މޮރިޝަސް ކޮމާޝަލް ބޭންކެވެ.

comment ކޮމެންޓް