ކޮލިފިކޭޝަންސް އިންފޮމޭޝަން ސިސްޓަމެއް ގާއިމް ކުރަނީ

އެމްކިއުއޭގެ ޚިދުމަތްތައް އޮޓޮމޭޓް ކުރާ ޕްލެޓްފޯމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު--- ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ހިދުމަތްތައް އޮންލައިން މެދުވެރިކޮށް ފަހިކޮށްދޭ ޕްލެޓްފޯމެއް ގާއިމް ކުރުމަށް މޯލްޑިވްސް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އާ ހަވާލުކޮށްފިއެވެ.

"މޯލްޑިވްސް ކޮލިފިކޭޝަންސް އިންފޮމޭޝަން ސިސްޓަމް" ނަމުގައި ގާއިމް ކުރާ މި ޕްލެޓްފޯމްގެ އެއްބަސްވުމުގައި އެމްކިއުއޭގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި އެންސީއައިޓީގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް، މުހައްމަދު އަޝްމަލީ އެވެ.

މި ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގައި ހިންގާ "އެންހޭންސިންގް އެޑިއުކޭޝަން ޕްރޮޖެކްޓް" ގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެމްކިއުއޭއިން ގާއިމް ކުރާ މި ސިސްޓަމްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އެ ސިސްޓަމް މެދުވެރިކޮށް އެމްކިއުއޭއިން ގަބޫލު ކުރާ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތައް ބަލައިލެވޭނެ ކަމަށެވެ.

"ކުއްޖަކު ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވަންޏާ އެކުއްޖަކު މިޖެހެނީ އެމްކިއުއޭއަށް ހާޒިރުވެގެން ބަލަން އެ ކިޔަވަން ދާ އިންސްޓިޓިއުޓަކީ އެމްކިއުއޭ ގަބޫލު ކުރާ ތަނެއްތޯ ނުވަތަ ނޫން ތޯ. އިރާދަކުރެއްވިއްޔާ މި ސިސްޓަމް މެދުވެރިކޮށް އޮންލައިނުން އެކުއްޖަކު ހުރިތަނަކުން ބަލާލެވޭނެ ކިޔަވަން ދާން ބޭނުން ތަނަކީ އެ ސެޓްފިކެޓް ރާއްޖެއިން ގަބޫލު ކުރާ ތަނެއްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އެންސީއައިޓީއާ މި ޕްރޮޖެކްޓް ހަވާލުކުރީ ހަތް މަސް ދުވަސްތެރޭ ނިންމާ ގޮތަށެވެ. މިނިސްޓަރު ވިދާޅުވީ ހަތް މަސް ދުވަހަށް ފަހު މި ސިސްޓަމްގެ ހިދުމަތްތައް ލިބެން ފަށާނެ ކަމަށެވެ.

މި ސިސްޓަމްގެ ޚާއްސަ ސިފަ ތަކަށް ބަލާއިރު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން މަތީ ތައުލީމުދޭ މަރުކަޒުތަކަށް މި ސިސްޓަމްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސީދާ އެމްކިއުއޭ އާދެމެދު މައުލޫމާތު ހިއްސާކުރެވޭނެއެވެ. އެގޮތުން ކޯސްތައް ހިންގުމުގެ ހުއްދަ ހޯދުމާއި އެމަރުކަޒުތަކުން އެމްކިއުއޭއިން ހޯދަންޖެހޭ އެހެނިހެން ހިދުމަތްތައް ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އެވެ.

މީގެ އިތުރުން ދަރިވަރުންގެ ރެކޯޑުތައް މި ސިސްޓަމް މެދުވެރިކޮށް ފުރިހަމައަށް ރައްކާ ކުރެވޭނެކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި އެ ސިސްޓް ގާއިމް ކުރެވުމާއެކު އެ އޮތޯރިޓީން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވިގެން ދާނެއެވެ.

comment ކޮމެންޓް