މިހާރު އޮތް ތައުލީމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ހޯމްސްކޫލިން އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި އިސްލާހުތަކެއް ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުމަށްޓަކައި ތައުލީމާ ބެހޭ ގާނޫނަށް އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ ޕީއެންސީ ފަރާތުން ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.
މިނިސްޓަރު 'ސަން'އަށް ވިދާޅުވީ ހޯމް ބޭސްޑް އެޑިއުކޭޝަން މިހާރު ވެސް ގަވައިދެއްގެ ދަށުން ދޭ ކަމަށެވެ.
"އެކަން ހަރުދަނާކުރުމަށް ގާނޫނުގެ ތެރެއަށް މި ގެނައީ،" މިނިސްޓަރު ވިދާޅުވިއެވެ.
ހޯމްސްކޫލިން މިހާރު ވެސް އޮތް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހޯމްސްކޫލިންގެ ދަށުން ސްކޫލެއްގައި ރަޖިސްޓްރީކުރަން ގާނޫނުގައި އަދި ލާޒިމްނުކުރާ ކަމަށެވެ.
"އެކަމަކު މިހާރު ގާނޫނުގެ ތެރެއިން މި ބުނަނީ ސްކޫލެއްގައި ވެސް ރަޖިސްޓްރީނުވެ ހުންނަ ކުއްޖަކަށް ވެސް ސްކޫލުގައި ހަރުދަނާ އުސޫލެއްގެ ތެރެއިން [ރަޖިސްޓްރީވާން ޖެހޭނެ ކަމަށް]،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ 'ފޭސްބުކް'ގައި އިއްޔެ ލިޔުއްވި ޕޯސްޓެއްގައި ވަނީ ހޯމްސްކޫލިން ހުއްދަކުރާ މާއްދާއަށް ސަރުކާރުން ހުށަހެޅި އިސްލާހު އޮތީ ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިން މަޖުބޫރީ ތައުލީމުން މުޅިން އިސްތިސްނާކުރެވިދާނެ ފަދަ ގޮތަކަށް ކަމަށެވެ.
"އަދި އެ މާއްދާގައި ހޯމް ސްކޫލިންއަށް ފުރުސަތު ދެވޭ ފަރާތްތަކުގެ ތެރޭގައި ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން "އެނޫން ވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ފަރާތްތައް" ހިމަނައިފައިވާތީ ސުވާލު އުފެދެއެވެ، މި ދަންނަވާ ޚާއްސަ ޙާލަތްތަކަކީ ކޮބައިތޯއެވެ؟ އެ ހާލަތްތައް ކަނޑައަޅާނީ ކާކުތޯއެވެ؟ އަދި އެ ހާލަތްތައް ކަނޑައަޅާނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްތޯއެވެ؟" ޢާއިޝަތުގެ ޕޯސްޓުގައިވެއެވެ.
އެކަމަކު 2021ވަނަ އަހަރު ނެރެފައިވާ "ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު"ގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުންގެ އިތުރުން ޚާއްސަ ހާލަތްތައް ދިމާވާ ދަރިވަރުންގެ ބައެއް ވެސް ހިމަނައިފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ ގުދުރަތީ ކާރިސާއަކާ ގުޅިގެންނާއި ދަރިވަރުންނަށް ކުރާ ތަފާތު ގޯނާތަކާ ގުޅިގެންނާއި އާއިލީ ތަފާތު މައްސަލަތަކުގެ ސަބަބުންނާއި ލޭ އެޅުން ފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުންނާއި އެހެން ދަރިވަރުން ނުވަތަ މީހުންގެ ފަރާތުން ހަނގާކުރުމުގެ ސަބަބުންނާއި ތަފާތު ކުށްކުށަށް ހުށަހެޅުމުގެ ސަބަބުންނާއި އިޖުތިމާއީ އަދި ނަފުސާނީ ތަފާތު މައްސަލަތައް ދިމާވުމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރު ފޯރާ ދަރިވަރުންނެވެ.
ކުރީ ސަރުކާރުން އެކުލަވައިލި ސިޔާސަތުގައި މިހެން އޮތް އިރު ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި، ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.