ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން ނުވަތަ ހޯމްސްކޫލިން ދީގެން ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުމަށްޓަކައި ތައުލީމާ ބެހޭ ގާނޫނަށް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.
ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމްވާނެއެވެ.
ހަމަ އެހެންމެ އެ އުމުރުގެ ކޮންމެ ކުއްޖަކު، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީސްކޫލް ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވައި، އެކުއްޖެއްގެ އުމުރަށް ކަނޑައެޅިފައިވާ ތައުލީމީ ނިޒާމުގެ މަރުޙަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.
ނަމަވެސް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލްކުރަން ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިންނެއް ނޫނެވެ.
އެ މާއްދާގައި އެހެން އޮތް ނަމަވެސް ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް ކުދިންނަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
ހަމަ އެހެންމެ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ކޮންމެހެން ގެންދަން ނުޖެހޭނެ ކަމަށް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.