ސްނައިޕަރު މައްސަލާގައި ހެއްކަކު ތަހުގީގަށް ދިން ބަޔާން ދޮގުކޮށް، ފުލުހުންނަށް ތުހުމަތުތަކެއް!

ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު، ސްރީލާންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑުޝަންކަ މަނިއްކު އަޑޫރާ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ -- ސަންފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީލަންކާ ސުނައިޕަރު ލަހިރު އިތުރު ބައެއްގެ މައްޗަށް އުފުލި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެއްކަކު ތަހުގީގު ބަޔާނަށް އިންކާރުކޮށް ބިރުދެއްކި ކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ކޮށްފި އެވެ.

އެމައްސަލާގައި މިއަދުގެ ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައި ވަނީ އާންމުނަށާއި ނޫސްވެރިނަށް ވެސް ސިއްރުކޮށްގެނެވެ.

އެނގިފައިވާ ގޮތުން މިއަދު ހާޒިރު ކުރި ދެ ހެކީންގެ ތެރެއިން އެއް ހެއްކަކު ވަނީ ފުލުހުން އޭނާ އަށް ބިރުދައްކައި ބަޔާންނެގި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ކޮއްކޮ ހައްޔަރުކޮށް ބިރުދައްކައި އޭނާއާ މެދުވެސް އެފަގޮތަކަށް އަމަލު ކުރާނެ ކަމަށް ބުނެ ފުލުހުން ބޭނުންވާ ގޮތަށް ބަޔާންދޭން މަޖުބޫރު ކުރުވިކަމަށް ހެކިވެރިޔާ މިއަދު ކޯޓުގައި ބުނެފައިވާ ކަމަށް އެނގިފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ އެއްވެސް ކަމެއް އޭނާ އަށް ނޭނގޭ ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވާކަން ވަނީ އެނގިފަ އެވެ.

ކވ. މ. ލިލީޕާކް، ފަޒީލް ހަމީދު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު، ސްރީލާންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑުޝަންކަ މަނިއްކު އަޑޫރާ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އަވަހާރަކޮށްލުމަށް ރޭވި ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަދީބާއި ލަންކާ ސުނައިޕަރުގެ އިތުރުން މ. ލިލީޕާކް ފަޒީލް ހަމީދު އާއި ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށެވެ.

އެ މައްސަލައިގެ މީގެ ކުރިން ބޭއްވި އަޑުއެހުންތައް އާންމުންނަށާއި ނޫސްވެރިންނަށް ހުޅުވާލައިގެން ބޭއްވި ނަމަވެސް މިއަދުގެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް ވަނީ ދެމީހެއްގެ ހެކިބަސްނަގައިފަ އެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ އަދީބާއި ފަޒީލް އިތުރު ބަޔަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން ބަޑިޖަހާ މީހަކު ހޯދަން ރާވާފައިވާ ކަމަށެވެ. އަދި ރާވާފައިވާ ގޮތުގެމަތިން ސްރީލަންކާގެ ސުނައިޕަރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

އެ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ މީހަކު މަރަން ރޭވި ކަމުގެ ދައުވާ އެވެ.

އެ އަމަލުގެ މައުލޫމާތު އެނގި ހުރެ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާނޭ ފައިސާ އަދީބު ވިދާޅުވި ފަރާތްތަކަށް އިސްހާގު ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލާގައި އިސްހާގުގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

comment ކޮމެންޓް